އޭސީސީން ރައީސް މުއިއްޒުގެ މައްސަލަތައް ނުބަލަނީ ''ފިޝް އެންޑް ޗިޕްސް'' ދޭތީ: ޔާމީން
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތުހުމަތުކުރެވޭ މައްސަލަތައް ނުބަލަނީ އެ ކޮމިޝަން ވެސް ކޮރަޕްޓްވެފައި އޮތުމުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ރޭ ތުހުމަތުކުރައްވައިފިއެވެ. ރައީސް މުއިއްޒަށް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް އިދިކޮޅު ފަރާތްތަކުން އަންނަނީ ކުރަމުންނެވެ. އެކަމަކު، އެ ކަންކަން ރައީސް ދޮގުކުރައްވައެވެ. އަމިއްލަފުޅު ގެކޮޅުގައި ޕީއެންއެފުން ބޭއްވި "ޓައުންހޯލް" ޖަލްސާގައި ޔާމީން ވަނީ އެ ތުހުމަތުތަކާ ގުޅުވައި ވާހަކަދައްކަވާފައެވެ. އެ މަނިކުފާނު ތުހުމަތުކުރެއްވި ގޮތުގައި، ރައީސް މުއިއްޒު އެކި އިދާރާތަކުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ރައީސް ގިނަ އަދަދަކަށް ފައިސާ ދެއްވައެވެ. އެގޮތުން، އޭސީސީ ހިމެނޭހެން އެކި އިދާރާތަކަށް ރައީސަށް ކުރެވޭ ތުހުމަތުތަކުގެ މައްސަލަތައް ބަލަން ހުށަހަޅާފައި ހުއްޓަސް، އެ ކަން ނުވާކަން ކަންބޮޑުވުމާ އެކު ޔާމީން ފާހަގަކުރެއްވިއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް: އެ މަނިކުފާނު ވިދާޅުވީ، ރައީސް އޭސީސީ ގެންގުޅެނީ އޮޅުކޮށްގެން ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް އޭސީސީގެ ރައީސް އާދަމް ޝާމިލަށް ވެސް އެ މަނިކުފާނު ވަނީ ތުހުމަތުގެ އިނގިލި ދިއްކުރައްވާފައެވެ. "އެހެންވީމާ ޝާމިލު ވެސް އެ މައްސަލަތައް ނުބަލާ ކަމަށްވަންޏާ އަޅުގަނޑުގެ އެކިއުޒޭޝަނަކީ ކޮރަޕްޝަން ހުއްޓުވަން ހުންނަ މީހާއަށް [އޭސީސީގެ ރައީސް ޝާމިލް] ވެސް މި ހުރީ ކޮރަޕްޝަންގެ ތެރެއަށް ވަދެވިފައޭ. ހަމަ އެދޭ ފިޝް އެންޑް ޗިޕްސް ދޭތީއޭ މައްސަލަ ނުބަލަނީ،" ޔާމީން ތުހުމަތުކުރެއްވިއެވެ. ޔާމީން ތުހުމަތުކުރެއްވި ގޮތުގައި ރައީސް މުއިއްޒު، އޭސީސީގެ ރައީސަށް "ފައިސާ" ނުދޭނަމަ އެ މަނިކުފާނަށް ތުހުމަތުކުރެވޭ މައްސަލަތައް ބަލާނެއެވެ. އެ މަނިކުފާނު ވިދާޅުވީ، ހުރިހާ ކަމެއް ހުއްޓާފައި ވިޔަސް، ދައުލަތުގެ ވެރިން ކުރާ ކަންކަން އަވަހަށް ބަލަންވާނެ ކަމަށެވެ. ހުރިހާ ކަމެއް ހުއްޓާފައި ވެސް އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ، ރައްޔިތުންގެ ޒިންމާ އުފުލަން ތިބޭ މީހުންގެ ފަރާތުން އޭގެ ކުޑަބޮޑުމިނަށް ބަލާފައި ބޮޑެތި މީހުން ކުރާ ކަންތައް އަވަހަށް ބަލަންވާނެ. އާދައިގެ ނިކަމެތި މީހާ ރިހާކުރު ފުޅިއެއް ނެގީމައެއް ނޫން ފިޔަވަޅު އަޅަން ޖެހޭނީކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އެއާއެކު، ރައީސުލްޖުމްހޫރިއްޔާއަށް ތުހުމަތުތަކެއް ކުރެވޭނަމަ، އޭސީސީގެ ރައީސްގެ ފުރަތަމަ ޒިންމާއަކަށް ވާންވާނީ އެ ތުހުމަތުތަކުން ރައީސް ބަރީއަކޮށްދިނުން ނުވަތަ ސަލާމަތްކޮށްދިނުންކަން ޔާމީން ފާހަގަކުރެއްވިއެވެ. އެ ކަން ކުރުމަށް މައްސަލަތައް ބަލަން ޖެހޭ ކަމަށާއި އެ ކަން ވާނީ އޭސީސީގެ ރައީސްގެ "ރިވެތި" ކަމަކަށް ކަމަށް ޔާމީން ވިދާޅުވިއެވެ. ކުރީގެ ރައީސް ޔާމީން: އެ މަނިކުފާނު ވަނީ، ވެރިންގެ މައްސަލަތައް އަވަހަށް ބަލަން ޖެހޭ ކަަމަށް ވިދާޅުވެފައި -- ސަން ފޮޓޯ/ މޫސާ ނަދީމް ޔާމީން ތުހުމަތުކުރެއްވި ގޮތުގައި، މައްސަލަތައް ބަލާ އިދާރާތައް ރައީސް "އޮޅު" ކުރަނީ ނުވަތަ ގާތްކުރަނީ ފައިސާ ދީގެންނެވެ. އެ ފައިސާ ރައީސް ހޯއްދަވާ ގޮތް އެނގެން ޖެހޭ ކަމަށް ޔާމީން ގަބޫލުކުރައްވައެވެ. މީގެ އިތުރުން، ކޮރަޕްޝަންގެ ތުހުމަތުތައް ރައީސަށް ކުރެވޭއިރު، އެ ކަންކަމަށް އަމިއްލަފުޅަށް ޖަވާބުދާރީވާން ޖެހޭކަން ޔާމީން ފާހަގަކުރެއްވިއެވެ. ކޮރަޕްޝަންގެ މައްސަލަތައް ނުބެލޭތީ ޔާމީން ކަންބޮޑުވުން ފާޅުކުރެއްވިއިރު، އޭސީސީން މައްސަލަތައް ބެލުމުގައި އިންސާފުވެރި ނޫން ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ. އަދި، ކޮރަޕްޝަން އެންމެ ގިނައީ އެންމެ ދަށް ފަންތިއާއި މެދު ފަންތީގެ ވަޒީފާތަކުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމުން ސަރުކާރަށް ވަނީ ނުރުހުން އަމާޒުވެފައެވެ. https://sun.mv/213826 ރައީސް މުއިއްޒަށް ކުރެވޭ ތުހުމަތުތަކާ ގުޅުވައި ޔާމީން ވާހަކަދެއްކެވިއިރު، ރައީސް މުއިއްޒު ވެރިކަމަށް އައީ ޔާމީންގެ ތާއިދާ އެކީގައެވެ. އެއީ، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓަށް ވާދަކުރެއްވިއިރު، ޔާމީން ޖަލު ހުކުމެއްގައި ހުންނެވުމުން ޓިކެޓު ލިބިވަޑައިނުގަތުމުންނެވެ. އެ ޓިކެޓު ލިބިވަޑައިގަތީ މިހާރުގެ ރައީސް މުއިއްޒަށެވެ. ވެރިކަމަށް އައިތާ ހަފުތާއެއް ނުވެ، ޔާމީނާއި ރައީސް މުއިއްޒާ ދެމެދު ގުޅުން ގޯސްވެ، ޔާމީން ޕީޕީއެމްއިން ވަކިވެޑައިގަތެވެ. އެއަށް ފަހު، އަމިއްލަފުޅު ޕާޓީއެއް އުފައްދަވައިގެން ސަރުކާރަށާއި ރައީސް މުއިއްޒަށް އެ މަނިކުފާނު އަންނަނީ ފާޑުވިދާޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ