ލެގޫންސްގެ އިންތިޚާބު ހުއްޓުވި މައްސަލަ ބާތިލުކޮށްފި

ލެގޫންސް ސްޕޯޓްސް ކްލަބުގެ އިންތިޚާބު ހުއްޓުވައި ސިވިލް ކޯޓުން ނެރުނު އަމުރުގެ މައްސަލަ، އެ ކޯޓުން ބާތިލުކޮށްފިއެވެ. ލެގޫންސްގެ އިންތިޚާބު ކަންތައް ސިވިލް ކޯޓުން ހުއްޓުވީ، އެ ކްލަބުގެ ހިންގާ ގަވައިދާ ޚިލާފަށް، ވައިބާ އެޕްލިކޭޝަން މެދުވެރިކޮށް އިންތިޚާބު ބޭއްވި ކަމަށް، ބުނެ، މއ. ނޮޅިވަރަންގޭ އަބްދުލްވާހިދު އަދި މއ. ފަޅުމަތީގޭ އަހްމަދު އަލީ، ސިވިލް ކޯޓުގައި ވަގުތީ އަމުރަކަށް އެދުމުން ނެރުނު އަމުރެއްގެ ދަށުންނެވެ. އެއީ، މިދިޔަ މާރިޗު މަހުގެ ތިންވަނަ ދުވަހު ނެރުނު އަމުރެކެވެ. ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ އިހްސާން، ނެރުނު މި އަމުރަކީ 15 ދުވަހުގެ ތެރޭގައި އިންތިޚާބާ ގުޅޭ މައްސަލަ ރަސްމީކޮށް ކޯޓަށް ހުށަހަޅަން އަންގައި، އެ މައްސަލަ ކޯޓަށް ހުށަހަޅައި ކޯޓުން ގޮތެއް ނިންމަންދެން، އިންތިޚާބާ ގުޅޭ ކަންކަން ހުއްޓުވުމަށް ނެރުނު އަމުރެކެވެ. އެ މުއްދަތުގެ ތެރޭގައި މައްސަލަ ހުށަހަޅަން، އަބްދުލްވާހިދު އަދި އަހްމަދު އަލީއަށްވަނީ އަންގައިފައެވެ. އެކަމަކު، އެ މުއްދަތުގެ ތެރޭގައި މައްސަލަ ހުށަނޭޅުމުން ސިވިލް ކޯޓުން މިއަދު އެ މައްސަލަ ބާތިލު ކުރީއެވެ. އެ މުއްދަތުގެ ތެރޭގައި މައްސަލަ ހުށަނާޅައިފިނަމަ އަމުރު ބާތިލުވާނެކަން އެ އަމުރުގައި އޮތީ ބަޔާންކޮށްފައެވެ. މައްސަލަ މިއަދު ބާތިލު ކުރިއިރު، އެ ދުވަހު ނެރެފައިވާ ވަގުތީ އަމުރުގައި، ސިވިލް ކޯޓުންވަނީ ވައިބާ މެދުވެރިކޮށް ބޭއްވި އިންތިޚާބަށް އަމަލު ނުކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގައިފައެވެ. އަދި ލެގޫންސްގެ މެންބަރުންގެ ހައްގު ގެއްލޭނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށްވެސް ސިވިލް ކޯޓުންވަނީ އެ ކްލަބާއި ކަމާބެހޭ ފަރާތްތަކަށް އަމުރުކޮށްފައެވެ. އެ އަމުރުގައި ބުނެފައިވާ ގޮތުގައި، ލެގޫންސްގައި 89 މެންބަރުން ތިއްބައި، އިންތިޚާބު ބާއްވާފައިވަނީ އެންމެ 14 މެންބަރުން ހިމެނޭހެން ވައިބާ ގްރޫޕެއްގައެވެ. ދެހާސް ބާވީސް އަހަރު، ތިންވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައި، މިހާރު ދެވަނަ ޑިވިޝަނުގައި އޮތް ލެގޫންސްއަކީ ކުރިން ދިވެހި ކުޅިވަރުގައި ވަކިން ޚާއްސަކޮށް ފުޓްބޯޅައިގައި ގަދަ ބާރެކެވެ. އެކަމަކު ފަހުން ފަހުން އެ ކްލަބަކަށް ފުރަތަމަ ޑިވިޝަންގެ ޖާގައެއް ނުލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ