ރަންބީރާއި ދީޕިކާގެ ޖޯޑު އަލުން ސިނަމާއަށް؟

ބޮލީވުޑްގެ ފިލްމީތަރިން ކަމަށްވާ ރަންބީރު ކަޕޫރު އަދި ދީޕިކާ ޕަދުކޯން ހިމަނައިގެން ފިލްމެއް އުފެއްދުމުގެ މަސައްކަތް ޑައިރެކްޓަރު އަޔާން މުކަރުޖީ ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މި ފިލްމަކީ ރަންބީރު ކަޕޫރުގެ ކާފަ ކުރީގެ އެކްޓަރު އަދި ފިލްމު ޕްރޮޑިއުސަރު ރާޖް ކަޕޫރާއި ނަރުގިސްގެ މަޝްހޫރު ފިލްމު "ޗޯރީ ޗޯރީ" ކަހަލަ ވާހަކައެއްގެ މައްޗަށް ބިނާކޮށް އަޔާން ޑައިރެކްޓްކުރާ ފިލްމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. މިއީ ރަންބީރުގެ އާއިލީ ފިލްމު އާރްކޭ ފިލްމްސް ބެނާގެ ދަށުން އުފައްދާ ފުރަތަމަ ފިލްމަށްވުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް ފިލްމީ ޚަބަރުތައް ބުނެއެވެ. އާރްކޭ ފިލްމްސް ކޮޅަށްޖަހައި އެ ފިލްމު ކުންފުނީގެ ދަށުން ބެލުންތެރިންނަށް ފިލްމުތަކެއް ގެނެސްދޭން ރަންބީރު ނިންމާފައިވަނީ ވެސް ޑައިރެކްޓަރު އަދި ގާތް އެކުވެރިޔާ އަޔާންގެ ލަފައާއި މަޝްވަރާގެ މަތިންނެވެ. ދީޕިކާ އާއި ރަންބީރުގެ ފިލްމު "ތަމާޝާ"ގެ ޕޯސްޓަރެއް--ފޮތޯ/އެންޑީޓީވީ ރަންބީރާއި ދީޕިކާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މީގެ 10 އަހަރު ކުރިން ރިލީޒްކުރި ފިލްމު "ތަމާޝާ"އިންނެވެ. ފިލްމު "ތަމާޝާ"އަކީ އިމްތިއާޒު އަލީ ޑައިރެކްޓްކޮށް ގެނެސްދިން ފިލްމެކެވެ. އެ ފިލްމު ރިލީޒްކުރިތާ 10 އަހަރު ފުރުން މިދިޔަ ހޮނިހިރު ދުވަހު ފާހަގަކޮށްފައިވާއިރު ރަންބީރާއި ދީޕިކާގެ ޖޯޑު އަލުން ސްކްރީނުން ފެންނާނެ ދުވަހަކަށް އިންތިޒާރުކުރާ ކަމަށް ވެސް ބެލުންތެރިންނަށް ވަނީ ބުނެފައެވެ. ރަންބީރު ދެން އެންމެ އަވަހަށް ބެލުންތެރިނަށް ފެންނާނީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ލަވް އެންޑް ވޯ"އިންނެވެ. ބަތަލާ ދީޕިކާ ދެ ފިލްމެއްގައި މަސައްކަތް ކުރަމުން އަންނައިރު އޭގެ ތެރޭގައި ޝާހްރުކް ޚާނާ އެކު ކުޅޭ ފިލްމު "ކިންގް" އަދި ޑައިރެކްޓަރު އެޓުލީއާ އެކު މަސައްކަތް ފަށާފައިވާ ފިލްމު ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ