ފުވައްމުލަކަކީ ގުދުރަތީ ގޮތުން ރާއްޖޭގައި ދެވަނައެއް ނެތްފަދަ ރަށެކެވެ. ވަށައިގެން މާ ކަނޑު އޮތްއިރު ބިޔަ ރާޅުތައް ވަށައިގެން ނަގައި، ރަށުގެ ފަރު މައްޗަށް މުގުރަ އެވެ. އެހެންވެ، ޒަމާނުއްސުރެ އުފެދިފައި އޮތީ ގުދުރަތީ ނުރައްކާތަކެކެވެ.
ފުވައްމުލަކުގައި މޫދަށް އެރި އުޅެނިކޮށް މީހުން އޮޔާ ދަމައިގަނެގެން ދިޔުމަކީ މީގެ ކުރިން އަބަދުވެސް އިވޭ، ހިތާމަވެރި އަދި ނަމަވެސް މަޝްހޫރު ވާހަކަތަކެކެވެ. ދަހަރުތަކެއް ކުރިން، މި ރަށަށް ލަފާ ފުރުމުގައި ބޮއްކުރާތަކާއި ކުދި ދޯނިތައް ބަންޑުން ޖަހާލައިގެން ވެސް އެތައް ބަޔަކު މަރުވި އެވެ.
ރަށް ގިރުމަކީ ވެސް ބާނި ރާޅުތަކުގެ ސަބަބުން، ވަށައިގެން ހިމަ ފަރެއް އޮންނަ ފުވައްމުލަކަށް އަބަދުމެ ކުރިމަތިވަމުންދިޔަ ނުރައްކަލެކެވެ. ހޭޅިފަށުން އެއްގަންވެ އެތައް ރުކެއް މޫދަށް ދަމާލި އެވެ. ފުވައްމުލަކު މީހުންގެ އެތައް ހަނދާންތަކެއް ގިރާލި އެވެ.
ފުވައްމުލަކުގެ އިރުމަތީ ފަރާތް ގިރުމުގެ މައްސަލަ ކުރިމަތިވާން ފެށީ ކުރީގެ ރައީސް މައުމޫނުގެ ސަރުކާރުގައި އެ ރަށަށް ދިމާވެފައި އޮތް ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް ތަރައްގީކުރި ބަނދަރާއެކު އެވެ. ފުވައްމުލަކު ސިޓީގެ މޭޔަރު ސިފަކުރައްވާ ގޮތުގައި ރަށްގިރުމުގެ މައްސަލަ އޭރު ވެފައި އޮތީ ރަށް ދެމި އޮތުމާއި ނުއޮތުމާ ގުޅިފައި އޮތް ނުރައްކަލަކަށެވެ.
"އޭރު ރަށް ގިރުމުގެ އިތުރުން ކައިރި ގެތަކުގެ ފެން ލޮނުވުމާއި މިހެން ގޮސް އެތައް ކަމެއް ދިމާވި. އަދި، ރުށްތަކާއި އެއްޗެހި ވެއްޓި އެކި ކަންކަން ހުރީ ދިމާވެފަ،" އިސްމާއިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޭރު ރަށް ގިރަމުން ދިޔައީ އާދަޔާހިލާފު ބާރުމިނެއްގަ އެވެ. ބައެއް ދިމަ ދިމާލުން 100 ފޫޓާއި 50 ފޫޓުގެ ސަރަހައްދުތައް ގިރައިގެން ދިޔަ އެވެ.
ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ ކުރިން ނަގާފައިވާ ފޮޓޯއެއް: އެ ދިމާލުން އެތައް ސަތޭކަ ރުކެއް ގިރައިގެން ދިޔަ ---- ފޮޓޯ: މުނީރު ހަސަން / މިކަލް ނިއުސް
މި ރިޕޯޓަށް މައުލޫމާތު އެއްކުރި އިރު ރަށް ގިރި ސަރަހައްދުގައި ދިރިއުޅޭ ދެތިން މީހަކާއި ވާހަކަދައްކާލެވުނެވެ. މީހުންގެ ވާހަކަތައް ދާތި އެއްގޮތެވެ. ފެން ލޮނުވެ، ގޯތި ދޫކޮށް ދާން ޖެހިދާނެ ކަމުގެ ބިރު ވެސް އޭރު އޮތެވެ. މޫސުން ގޯސްވާ ދުވަސްވަރު ގޭ ތެރެއަށް އުދަ ވެސް އަރަނީ އެވެ.
އަރާ އުދަ ރަށުގެ އެންމެ ގޮނޑުދޮށަށް ހުންނަ ގެތައް ހުރަސްކޮށް މަގުތަކާއި ހަމައަށް ވެސް ދެ އެވެ. އެ ކަންކަން އެންމެ ކައިރިން ތަޖުރިބާކުރި އެކަކީ ގިރަމުންދިޔަ ސަރަހައްދާއި އިންވެގެން ހުރި ގެއެއްގައި ދިރިއުޅޭ މުހައްމަދު ނޫރީ، 67، އެވެ.
"އުދަ އަރައިގެން މި ބުނީ، އެ ހިސާބުން [ގޮނޑޮދޮށުން] ފެށިގެން އުދަ އަރައިގެން، ގޮސް މި މަގުގެ ކާނު ތެރެއަށް ފައިބަ ފައިބާ ހުންނަނީ. މި ސަރަހައްދުގަ ހަމަ ނެތް އޭރު ލޮނު އެއްގަމަށް ނާރާ އެއްވެސް ދިމާލެއް،" ނޫރީ ބުންޏެވެ.
މި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް ބެކްރައުންޑުގައި ފެށީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. މިދިޔަ ސަރުކާރުގައި ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރުގެ މަގާމުގައި ހުންނެވި މުހައްމަދު އަސްލަމް ވިދާޅުވި ގޮތުގައި، ނަޝީދުގެ ވެރިކަމުގައި މަޝްރޫއަށް ފަންޑު ހޯދުމުގެ މަސައްކަތް ފެށުނެވެ.
"އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި އަޅުގަނޑުމެން ފުރަތަމަ އެޕްރޯޗްކުރީ އޯރިއޯ އާ. ޔޫރަޕިއަން ފަންޑިން އެޖެންސީ އެއް. އޯރިއޯއަށް އެޕްރޯޗްކޮށްގެން އެ މަސައްކަތް ހިނގަ ހިނގާ ހުއްޓާ ސަރުކާރު ނިމުމަކަށް އައީ. ސަރުކާރު ނިމުކަމަށް އައި ދެން އެމްޑީޕީ ސަރުކާރެއް އަންނަންދެން އެކަށީގެންވާ ޕްރޮގްރެސްއެއް އައިސްފައެއް ނެތް. އަޅުގަނޑު ނުދަންނަވާނަން އެމީހުން ހުއްޓާލާފަ ތިއްބެކޭ. އެކަމު ޕްރޮގްރެސް އެއް ނާދެ،" އަސްލަމް ވިދާޅުވި އެވެ.
ފަންޑިން ކަންކަން ހަމަޖެހި ބިޑުކޮށްގެން ހޯގާޑާއި މަސައްކަތް ހަވާލުކޮށް، ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއު ފެށުނީ ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ތެރޭގަ އެވެ. މަޝްރޫއުގެ އަގު 20 މިލިއަން ޔޫރޯއަށް އަރާއިރު މިއީ މިހާތަނަށް ރާއްޖޭގައި ހިންގުނު މިފަދަ އެންމެ ބޮޑު މަޝްރޫއު އެވެ. ފުވައްމުލަކު އިރުމަތީ ފަޅި ހިމާޔަތްކުރަން ފަންޑުކުރީ އޯރިއޯގެ ހިލޭ އެހީ އަދި ކުވެއިތު ފަންޑުގެ ލޯނަކުންނެވެ.
މަސައްކަތް ފެށުމަށްފަހު ވެސް، ފުވައްމުލަށް އުފެދިފައިވާ ގޮތުން ގިނަ އުނދަގޫތަކެއް ކުރިމަތިވި އެވެ. އެގޮތުން އަސްލަމް އެންމެ ބޮޑަށް ފާހަގަކުރެއްވީ ބޮޑު ހިލަ ތޮއްޓާއި ރަށުގެ އެއްގަމާއި ދެމެދަށް އަޅާނެ ފަސް ހޯދުމަށް ދިމާވި ދަތިތަކެވެ. ފުވައްމުލަކަކީ ވަކިން އެކަނި އޮންނަ ރަށެއް ކަމުން ވަށައިގެން ވެލި ނެގޭނެ ގޮތެއް ނެތެވެ. މަޝްރޫއަށް ބޭނުންވާ ވެލި ގެންނަން ޖެހުނީ މާ ކަނޑު ހުރަސްކޮށް ގދ. އަތޮޅުންނެވެ.
"އެހެން އަތޮޅަކުން އެ [ވެލި] ހޯދަން ޖެހުނީމަ އައި ބައިވަރު ޗެލެންޖެސް އަސްލުގަ. ކިތަންމެ ފަހަރަކު އެ ވެލި ގެނެސް ގެނެސް ހުއްޓާ އެ ސަޕްލައި ހުއްޓާލާފަ ވެސް އެބަހުރި،" އޭރު ދިމާވި ދަތިތައް ހަނދާނަން ގެންނަވަމުން އަސްލަމް ވިދާޅުވި އެވެ.
މި ބިޔަ މަޝްރޫއުގެ ދަށުން ފުވައްމުލަކު އިރުމަތިން 2.7 ކިލޯމީޓަރުގެ ސަރަހައްދެއްގައި 15 ވަރަކަށް ފޫޓު ފުޅާ ހިލައިގެ ތޮއްޓެއް ލައި، ތޮއްޓާއި ރަށާއި ދެމެދަށް އެތައް ހާސް ޓަނެއްގެ ވެލި އެޅި އެވެ. ނަތީޖާއަކީ ރަށުގެ ރައްޔިތުންގެ މެދުގައި ކުރިން އޮތް ހާސްކަން ފިލައިގެން ގޮސް ހިތްހަމަ ޖެހުމެއް ލިބުމެވެ.
"މި ތޮށި ނުލާއިރު ދިމާވި މައްސަލަތަކާއި، ތޮށި ލީމަ މި އައި ފަސޭހަ އާ. ސެންސް އޮފް ސެކިއުރިޓީއެއް ވަރަށް ބޮޑަށް ލިބޭނެ އަސްލު މީގެތެރެއިން ލާފަ،" އަސްލަމް ވިދާޅުވި އެވެ.
މި ބިޔަ މަޝްރޫއު ކުރިއަށް ގެންދިޔައީ ރައްޔިތުންގެ އަޑު އަހައި ކައުންސިލްގެ އެއްބާރުލުމާއި، ހިޔާލާއި މަޝްވަރާ ހޯދައިގެންނެވެ. ފިނި ކޮޓަރިން ކުރެހުންތަކެއް ކުރެހުމުގެ ބަދަލުގައި، ރައްޔިތުން ބޭނުންވި ގޮތަށް ބަދަލު ގެނެސްގެންނެވެ.
އެގޮތުން އެންމެ ބޮޑަށް ފާހަގަވީ ރަށުގެ ގޮނޑުދޮށުން 2.7 ކިލޯމީޓަރު ހިލައަށް ބަދަލުވުމާއެކު ގެއްލިގެންދިޔަ ގޮނޑުދޮށާއި މޫދު ސަރަހައްދު އަނބުރާ ހޯދުމަށް ގެނައި ބަދަލެވެ. ތޮށިގަނޑުގެ ތެރެއިން ގޮނިތަކެއް ލައި، ރައްކާތެރިކަމާއެކު ފަތައި، މޫދަށް އެރެވޭނެ "ފެންގަނޑުތަކެއް" ހެދި އެވެ.
ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރމުގެ މަޝްރޫއުގެ ތެރެއިން ރައްޔިތުންގެ ހިޔަލާއެކު ހެދު ފަތާ ފެންގަނޑެއް --- ފޮޓޯ: މުހައްމަދު ޝަރުހާން
މިއީ ރައްޔިތުން ބޭނުންވެގެން އެކަމަށް އެދުމުން ކައުންސިލުން ސަރުކާރާއި ހިއްސާކޮށްގެން ގެނައި ބަދަލެކެވެ. ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ފުރަތަމަ ޕްލޭން ކުރިއިރު އޮތީ ފަތާ އެންމެ ފެންގަނޑެއް ހެދުމަށެވެ. އެ އަދަދު ތިނަކަށް ބަދަލުކުރީ ރައްޔިތުންނާއި ކައުންސިލްގެ އެދުމަށެވެ.
"ފަތާ ފެންގަނޑުގެ ބޭނުމަކަށް ވެގެންދިޔައީ ތޮށި ލުމާއެކު މި ރަށުގެ ގޮނޑުދޮށުން ވަރަށް ބޮޑު ބައެއް ގެއްލިގެން ދިޔަޔަސް ރައްޔިތުންނަށް މޫދަށް ފައިބާ އާއިލާ އާއެކު އައިސް މަޖާކޮށް. ފަތާލެވޭނެ އިންތިޒާމު ހަމަޖެއްސުން،" މޭޔަރު އިސްމާއިލް ވިދާޅުވި އެވެ.
ނިމިދިޔަ އެމްޑީޕީ ސަރުކާރާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު ބަޖެޓު ހަމަޖެހި، ކައުންސިލުން އެދުނު ގޮތަށް އިރުމަތީ ފަރާތުގައި ތިން ފަތާ ފެންގަނޑެއް ހެދި އެވެ. ކޮންމެ ދުވަހަކު އެތައް ބަޔަކު އެ ސަރަހައްދުތަކަށް ގޮސް އާއިލާ އާއި އެކު ވަގުތު ހޭދަކުރެ އެވެ.
ފުވައްމުލަކުގައި އަލަށް ހެދި ފަތާ ފެންގަނޑެއްގައި ހަވީރު ވަގުތު ގިނަ ބަޔަކު މޫދަށް އެރެނީ ---- ފޮޓޯ: މުހައްމަދު ޝަރުހާން
އޭގެ ތެރެއިން އެކަކަކީ ކުޑަކުދިންނަށް ފަތަން ދަސްކޮށްދޭ ޕްރޮގްރާމުތަކެއް ހިންގާ އަލީ ޝަރީފު، 47، އެވެ. އޭނާ ބުނި ގޮތުގައި މި ފެންގަނޑުތަކުގެ ސަބަބުން ފަތަން ދަސްކޮށްދޭނެ ހާއްސަ ތަނެއް ނެތިގެން މީގެ ކުރިން ފުވައްމުލަކުގައި ދިމާވެފައި އޮތް މައްސަލަ ވެސް ވަނީ ހައްލުވެފަ އެވެ.
"މި ފަތާ ފެންގަނޑު ލިބުމަށްފަހު މިހުރީ ކުދިންނަށް ފަތަން ދަސްކޮށްދޭނެ ރައްކާތެރި މާހައުލެއް އަޅުގަނޑުމެންނަށް ލިބިގެން މިދަނީ. މިހާރު އަޅުގަނޑުމެންގެ ސުވިމިން ޕްރޮގްރާމުތަކެއް ނިމިގެން ގޮސްފި. ކުދިންނަށް ސެޓްފިކެޓް ލިބިއްޖެ،" ޝަރީފު ބުންޏެވެ.
ފަތަން ދަސްކޮށްދިނުމުގެ އިތުރުން ހުރިހާ އުމުރެއްގެ މީހުންނަށް މޫދަށް އެރިލައި، ކަސްރަތުކޮށް އަދި އާއިލާ އާއެކު ހިތްފަސޭހަ، ރައްކާތެރި މާހައުލެއްގައި ހޭދަކޮށްލަން ލިބުމަކީ ރަށަށް ލިބުނު އިތުރު ހިތްގައިމު ކަމެއް ކަމުގައި އޭނާ ބުންޏެވެ.
ފުވައްމުލަކުގެ ވަށައިގެންވާ ފަރާއި ކަނޑަށް އެތައް ފުރާނައެއް ގެއްލިފައިވާ ކަމަކީ ރާއްޖޭގެ ރައްޔިތުން އެތައް ފަހަރަކު އަޑު އަހާފައިވާ ވާހަކަތަކެކެވެ. މި ރަށުގެ ރައްޔިތުން އަދި ވެސް ބިރުވެރި، ހިތާމަވެރި އެތައް ހަނދާނެއްގެ އަސްލެވެ.
ބަނދަރު ހެދުމުގެ ކުރިން ރަށު ބޭރަށް ބަންޑުން ޖަހާލި ބޮއްކުރާތަކާއި ދޯނިތަކުން ކަނޑުވެ، ގެނބިގެން މަރުވި މީހުންގެ ރަސްމީ އަދަދުތަކެއް ބެލެހެއްޓިފައެއް ނެތެވެ. ނަމަވެސް މި އޮއެ ބާރު ފަރުގެ އެތައް ދިމާލަކުން އެތައް ބަޔެއްގެ ފުރާނަ ދަމައިގެންފައިވެ އެވެ.
ތާރީހަށް ބަލާނަމަ 1982 ގައި ދިމާވި ހާދިސާއެއްގައި މި ރަށުން މޫދަށް އެރުނު ހަތަރު އަންހެނަކު، އެކަކު އަނެކަކު ސަލާމަތް ކުރަން އުޅެނިކޮށް މަރުވި އެވެ. އަދި 2021 ގައި ކުޑަ ދެ އަންހެން ކުއްޖަކު ސަލާމަތް ކުރަން އުޅެނިކޮށް އޮޔާ ދަމައިގަނެ އުމުރުން އެންމެ 17 އަހަރުގެ އަހުމަދު ފައުޒާން ނިޔާވި އެވެ. މިއީ ހިތާމަވެރި އެތައް ހާދިސާއެއްގެ ތެރެއިން ދެ މިސާލެވެ.
މީގެތެރެއިން ބައެއް ހާދިސާތަކަކީ ބަނދަރު ހެދުމުގެ ކުރިން ރަށަށް ދިމާވެފައި އޮތް ލަފާފުރުމުގެ މައްސަލަ ހައްލުކުރުމަށް މައުމޫނުގެ ވެރިކަމުގައި ރަށުގެ އަށް ދިމާލަކުން ކެނޑި ނެރުތަކުގެ އޮއެގަނޑުގެ ސަބަބުން ދިމާވި ހާދިސާތަކެވެ.
ފުވައްމުލަކު އަރުއްފަންނު ނެރުގެ އޮޔަށް ދަމައިގަނެގެން ގެނބުނު ބަޔަކު ވަޅުލާފައިވާ ގަބުރުސްތާނެއްގެ ފަހަތުން މިހާރު އެ ނެރު ބައްދާފައިވާ މަންޒަރު --- ފޮޓޯ: މުހައްމަދު ޝަރުހާން
ފުވައްމުލަކުގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ފިކުރީ ވިދާޅުވި ގޮތުގައި ނެރުތަކުގެ ސަބަބުން ލަފާފުރަން އެދުވަސްވަރު ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނު ނަމަވެސް ނެރުތައް ރައްކާތެރި ތަނަކަށް ނުވި އެވެ.
"އަޅުގަނޑުމެން މިހާރު މިތިބަ އަރުއްފަންނު ނެރަކީ ވެސް ގާތްގަނޑަކަށް ހަތަރު ފަސް މީހުން ނެރުގެ އޮއެވަރުގެ ތެރެއަށް ދަމައިގެން ގޮސް ނިޔާވެފައިވާ ތަނެއް،" ފިކުރީ ވިދާޅުވި އެވެ.
މިއީ ފުވައްމުލަކު ވަށައިގެން ހެދި އަށް ނެރުގެ ވެސް ހާލަތެވެ. ބަނދަރު ހެދުމަށްފަހު އެ ނެރުތަކާއި ދިމާލަށް ކުދިބޮޑު އެންމެން މޫދަށް އެރުން އާންމުވި އެވެ. އޭގެ ނަތީޖާއަކަށް ކުރިން ފާހަގަކުރެވުނު ފަދަ އެތައް ހާދިސާއެއް ހިނގަން މެދުވެރިވުމެވެ.
ބޭނުން ނުކޮށް، ނުރައްކަލެއްގެ ގޮތުގައި ހުރި މި ނެރުތައް ބަންދުކުރުމުގެ މަސައްކަތް މިދިޔަ ސަރުކާރުގެ ދުވަސްވަރު ފެށީ ދިމާވި ހިތާމަވެރި ހާދިސާތަކަކަށްފަހު އެވެ. އޭރުގެ ވިސްނުން ހުރީ ނެރުތަކުގެ އޮޔަށް ދަމައިގަނެގެން ގެއްލޭ ފުރާނަތަކުގެ އަދަދު ވީހާވެސް މަދު ކުރުމުވެ.
މި މަސައްކަތުގެ ދަށުން އަށް ނެރު ބެއްދުމަށް ޖެހީ ތިންފައިކަށި ގަލެވެ. ނެރުތަކުން ދަމާ އޮއެ ހިފެހެއްޓި، ފެންނަ ފެނުމަށް ވެސް އެ ދިމާތަކުގެ މޫދު މިހާރު އޮންނަނީ އަމާންކޮށެވެ. ނަތީޖާ އަކަށްވީ ކުޑަކުދިންނާއި ބޮޑެތި މީހުން މިހާރު ހާސްކަމެއް ނެތި އެ ސަރަހައްދުތައް ބޭނުންކުރުމެވެ.
"ކުދިބޮޑު ގިނަ ރައްޔިތުން ދަނީ ފެތުމަށާއި އެކި ބޭނުންތަކަށް މި ނެރު ހިމެނޭ ސަރަހައްދު ބޭނުންކުރަމުން. އެ ކުދިންނާއި އެ ބޭފުޅުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މިދިޔަ ސަރުކާރުން ކޮށްދިން މުހިންމު މަސައްކަތެއް މީ،" ފުވައްމުލަކު މާނޭރެ ސަރަހައްދުގަ ހުރެ ވާހަކަ ދައްކަމުން ކައުންސިލަރު އައިމިނަތު އިނާޔާ ވިދާޅުވި އެވެ.
މީގެ ކުރިން ބިޔަ ރާޅުތަކާއި ގަދަ އޮއެ ދެމޭ އެ ނެރު ބައްދާފައި ހުރުމުން، އޭރު ވެސް ހައެއްކަ ކުދިން އެ ސަރަހައްދުގެ މޫދުގައި ތިއްބެވެ. ބިރެއްނެތި އެ ކުދިން ދިޔައީ މަޖާ ކުރަމުންނެވެ.
ކައުންސިލުން މައުލޫމާތު ދިން ގޮތުގައި ނެރުތައް ބެއްދުމާއެކު ކުރިން އެ ސަރަހައްދުތަކުން މީހުން އޮޔާ ދަމައިގަތުމުގެ ބިރުވެރި، ކަޅު ތާރީހަށް ވަނީ ނިމުމެއް އައިސްފަ އެވެ. އޭގެ ފަހުން މިވީ ދެތިން އަހަރުގެ ތެރޭގައި ފުވައްމުލަކުގައި އެފަދަ ހާދިސާއެއް ނުހިނގާ ކަމަށް ކައުންސިލަރު އިނާޔާ ބުންޏެވެ.
ގޮނޑުދޮށް ހިމާޔަތް ކުރުމާއި ނެރުތައް ބެއްދުން: ފުވައްމުލަކުގެ ޒަމާންވީ ހާސްކަމަކަށް ލިބުނު ދާއިމީ ހައްލެއް ގޮނޑުދޮށް ހިމާޔަތް ކުރުމާއި ނެރުތައް ބެއްދުން: ފުވައްމުލަކުގެ ޒަމާންވީ ހާސްކަމަކަށް ލިބުނު ދާއިމީ ހައްލެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ