ސަރުކާރަށް ދެ އަަހަރު؛ ހޯރަފުށި ދާއިރާގެ ކްރެޑިޓް ރޭޓިން ހުރީ ކިހިނެތް؟

ރާއްޖެއަށް އިންވެސްޓަރުން އަންނަން ޖެހޭ ސަބަބެއް މި ސަރުކާރަށް ނުދެއްކޭ ކަމަށާއި އެކަމަށް އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ދުނިޔޭގެ ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗުގައި ރާއްޖޭގެ ރޭޓިން މަތިކުރުން ކަމަށް އިގްތިސޯދީ މާހިރުން އެއަންނަނީ ބުނަމުން ނެވެ. އިންވެސްޓަރުންގެ އިތުބާރު ލިބޭނީ އެހާ ހިސާބުން ކަމަށާއި އެކަން ނުކޮށް ކިތަންމެ ގިނަ މަޝްރޫއެއް ރާއްޖޭގައި ހިންގިޔަސް އެ ކަމަށް އިންވެސްޓުކުރާނެ ބަޔަކު ނުވާނެ ކަމަށް އިގްތިސޯދީ އެ ބޭފުޅުން ވިދާޅުވެ އެވެ.ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިވި ކަމަށް ވިދާޅުވެ ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާ މިފަހުން މަޖިލީހުގައި ދެއްކެވި ވާހަކަތަކަށް ގިނަބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. ސަބަބަކަށް ވީ ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިނުވެ އޮށްވާ މަތިވި ކަމަށް ބުނެ "އިތުރުފުޅު" ހެއްދެވުމުން ނެވެ.ކްރެޑިޓް ރޭޓިން އޭޖެންސީ ފިޗުގެ ރޭޓިން ތަކަށް ބަލާއިރު، އެމްޑީޕީ މިދިޔަ ސަރުކާރު ނިމުނުއިރު ރާއްޖޭގެ ކްރެޑިޓް ރޭޓިން ހުރީ ޓްރިޕްލް ސީ އަކު ނޫނެވެ. އެމްޑީޕީ ވެރިކަމުގައި ފިޗުން ރާއްޖޭގެ ރޭޓިން އެންމެ ފަހުން ނެރުނީ އޮކްޓޯބަރު، 2023، ގަ އެވެ. އޭރު ކްރެޑިޓް ރޭޓިން ހުރީ ބީ ނެގަޓިވް ގަ އެވެ.އަލީ ވިދާޅުވި ޓްރިޕަލް ސީ އަށް ރާއްޖޭގެ ރޭޓިން ދަށްކުރީ މުއިއްޒުގެ ވެރިކަމުގައި މިދިޔަ އަހަރުގެ ޖޫން މަހު އެވެ. އޭގެ މަހެއް ފަހުން މިދިޔަ އަހަރުގެ އޮގަސްޓު މަހު ފިޗުން ރާއްޖޭގެ ރޭޓިން ޑަބަލް ސީއަށް ދަށްކުރި އެވެ. އަދި މި އަހަރުގެ މޭ މަހު ފިޗުން އެ ރޭޓިން ހިފެހެއްޓި އެވެ.ފިޗުން ވަނީ ރާއްޖޭގެ ބޭރުގެ ދަރަނި އަންނަ އަހަރު ނިމޭއިރު 557 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކޮށްފަ އެވެ. އަދި 2026 ވަނަ އަހަރު އެ އަދަދު 1 ބިލިއަން ޑޮލަރަށް އަރާނެ ކަމަށާއި އޭގެ ތެރޭގައި 500 މިލިއަން ޑޮލަރުގެ ސުކޫކު ވެސް ހިމެނޭ ކަމަށް ވެސް އެ ތަނުން ފާހަގަކުރި އެވެ.ޓޫރިޒަމާ ގުޅުން ހުރި ދާއިރާތަކުން ބޭރު ފައިސާ ހޯދުމަށް ސަރުކާރުން ރާވާފައިވާ ކަންތައްތަކާ އެކު ވެސް، 2026 ނިމޭއިރު ދައްކަން ޖެހޭ 200 މިލިއަން ޑޮލަރު ހޯދަން ވެސް އުނދަގޫވާނެކަން ފިޗުން ފާހަގަކޮށްފައިވެ އެވެ.ދެން އެންމެ ފާހަގަކޮށްލެވޭ ރޭޓިން އެޖެންސީ މޫޑީސް އިން ވެސް މި ސަރުކާރު އައި ފަހުން ރޭޓިން "ޖަންކް" ދަށްކުރި އެވެ. އެއީ ހަމަ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. މި އަހަރު ކުރީކޮޅު އެ ރޭޓިން ވަނީ ދަމަހައްޓައިފަ އެވެ.އަލީ މޫސާ ވިިދާޅުވިހެން މިހާރު ރާއްޖޭގެ ކްރެޑިޓް ރޭޓިން ހުރީ ޑަބަލް ސީ ގަ އެވެ. ނަމަވެސް އެއީ އޭނާ ފުރަތަމަ ވިދާޅުވި ޓްރިޕަލް ސީ ރޭޓިން އަށްވުރެ ދަށް ރޭޓިން އެކެވެ. އެއީ ކުރިއެރުމެއް ނޫނެވެ.މިހެން ވާނުވާ ނޭނގި ނުވަތަ ގަސްތުގައި ރައްޔިތުންނަށް އޮޅޭ ގޮތަށް ދެކެވޭ ވާހަކަތަކުގެ ނަތީޖާ އަކަށް ވާނީ މެންބަރު ނިސްބަތްވާ ދާއިރާގެ އިގްތިސޯދީ ހަރަކާތް ވެސް ހުއްޓުމެވެ. ނަތީޖާ އަކީ އިންވެސްޓަރުން ނުލިބި މިއަދު ހޯރަފުށި ދާއިރާގެ އިގްތިސޯދީ ހަރަކާތް އޮތީ ހުއްޓިފަ އެވެ. "ސީސީ" ރޭޓިން އަކީ ދަރަނި ނުދެއްކި ބަނގުރޫޓު ވެދާނެ ކަމުގެ ބިރު ބޮޑުވުމުންދޭ ރޭޓިން އެކެވެ. އެއަށް ވުރެ ދަށަށް ދެން އިންނަ ރޭޓިން އަކީ "ސީ" ރޭޓިންއެވެ. އެއީ، ބަނގުރޫޓު ވާނެކަން ޔަގީންވުމުން ދޭ ރޭޓިންއެކެވެ. ރާއްޖެއަށް ދީފައި އޮތް "ސީސީ" ރޭޓިން އަކީ ދަރަނި ނުދެއްކުމުގެ ބިރު އޮތުމުން ދޭ ރޭޓިން އެކެވެ. މިހާރު އުފެދޭ ސުވާލަކީ ބައިނަލްއަގުވާމީ ނޫނަސް ކުރިޑިޓް ރޭޓިން އެޖެންސީ އަކުން ހޯރަފުށި ދާއިރާ ރޭޓްކޮށްފިނަމަ ދޭން އޮތީ ކޮން ރޭޓިން އެއް ބާވަ އެވެ. ކިޔުން ތެރިން ރޭޓް ކުރަން ބޭނުން ނަމަ ފަސޭހަ ކޮށްލަ ދޭ ނަމެވެ.ފިޗް ރޭޓިންގ (ސްޕެކިއުލޭޓިން ގްރޭޑް - ރިސްކް އޮތް ރޭޓިން)ޑަބަލް ބީ (ބީ،ބީ) - ނުރައްކާ އޮތް، ޑިފޯލްޓް ވެދާނެ ފަދަ ނާޒުކު ހާލަތެއް އޮތުން.ބީ - ވަރަށް ބޮޑަށް ނުރައްކާ އޮތް، ޑިފޯލްޓްވުމުގެ ރިސްކް އޮތުން.ޓްރިޕަލް ސީ (ސީ،ސީ،ސީ) - ކްރެޑިޓް ރިސްކް ބޮޑު، ޑިފޯލްޓްވުމުގެ ފުރުސަތު ބޮޑު.ޑަބަލް ސީ (ސީ،ސީ) - ކްރެޑިޓް ރިސްކް ވަރަށް މަތި، ޑިފޯލްޓް ވެދާނެ ކަމަށް ބެލެވޭ.ސީ - ޑިފޯލްޓްވުމައި ކައިރީވުން؛ ޑިފޯލްޓް ނުވަތަ ޑިފޯލްޓް ވުމުގެ ހާލަތެއް ފެށުން.އާރް ޑީ - އިޝޫކުރާ ފަރާތުން ފައިސާ ނުދައްކާ ޑިފޯލްޓް ވުން.ޑީ - ޑިފޯލްޓްވުން؛ ފައިސާ ދެއްކުން ހުއްޓި، ބަނގުރޫޓުވުން.ކްރެޑިޓް ރޭޓިން ދަށްވުމަކީ އިންވެސްޓަރުންނަށް އޮތް ރިސްކު ބޮޑުކަން އަންގައިދޭ އިންޑިކޭޓާއެކެވެ. މިއީ ދަރަނި ބޮޑުވެ، ދަރަނި ނުދެއްކޭ ހާލަތަށް އިގުތިސާދު ގޮސްދާނެ ކަމަށް ބެލެވޭ އިންޒާރެކެވެ. އޭގެ އިތުރުން، ރޭޓިން ދަށްވުމުން އިންވެސްޓަރުންގެ ކޮންފިޑެންސް ވެސް ރާއްޖެއަށް ގެއްލޭނެ އެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއަށް ބޭރު އިންވެސްޓުމަންޓު ގެނައުން ވާނީ ބޮޑު ގޮންޖެހުމަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ