ޒަކާތަށް ދައުލަތުގެ މިލްކުވެރިކަމެއް ނެތް، ދައުލަތުން ބޭނުންވާހާ ކަމަކަށް ހޭދަނުކުރެވޭނެ: ފާއިޒް
ދައުލަތުން ބޭނުންވާ ހުރިހާ ކަމަކަށް ޒަކާތް ހޭދަނުކުރެވޭނެ ކަމަށާއި، ޒަކާތުގެ މައްޗަށް ދައުލަތުގެ މިލްކުވެރިކަމެއް ނޯންނާނެ ކަމަށް، ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސައިން ވިދާޅުވެއްޖެއެވެ. ފާއިޒް މިފަދައިން ވިދާޅުވެފައިވަނީ، މެލޭޝިއާގެ އިންސެފް ޔުނިވާސިޓީގެ ޑީން ޑރ. އައިޝަތު މުނީޒާ, ރާއްޖޭގެ ބައިނަލްއަގުވާމީ ޒަކާތު ކޮންފަރެންސް (އިންޒެކް) ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކައަކާ ގުޅުވައެވެ. އޭނާ ވަނީ، ރާއްޖޭން ޓެކުހާ ގުޅޭ ގާނޫނުތަކަށް އަމަލުކުރަމުން ދާއިރު ޒަކާތުގެ ގާނޫނެއް ހެދުމާ ގުޅޭ ގޮތުން ބައެއް މީހުން ސުވާލު އުފައްދާކަން ފާހަގަކުރައްވައި އެއީ ދިވެހިންގެ މެދުގައި ހޭލުންތެރިކަން ނެތުމުން ދެކެވޭ ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ. މުނީޒާ ވިދާޅުވީ، ޓެކުހާ ގުޅޭ ގާނޫނުތަކަކީ އިންސާނުން އުފައްދާފައިވާ ގާނޫނުތަކެއް ކަމަށާއި، ޒަކާތަކީ އިލާހީ ވާޖިބެއް ކަމަށެވެ. ޓެކުހުން ސަރުކާރުތައް ދެމެހެއްޓޭއިރު ޒަކާތުން މީހުން އުފުލައިދޭ ކަމަށް އޭނާ ވިދާޅުވިއެވެ. މުނީޒާ ވަނީ ޒަކާތުގެ ކަންކަން ހަރުދަނާކުރުމަށް ޓެކްނޮލޮޖީގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށާއި، ޒަކާތާ ގުޅޭ ކަންކަން ޑިޖިޓަލްކުރުމަށާއި، ޒަކާތާ މެދު އާންމުން އިތުރަށް ހޭލުންތެރިކުރުވުމަށް ހަރަކާތްތައް ހިންގުމަށާއި، ގައުމީ ތަރައްގީގެ ސްޓްރެޓަޖީތަކުގައި ޒަކާތުގެ ވާހަކަތައް ހިމެނުމަށް ވެސް ހުށަހަޅުއްވައިފައެވެ. މުނީޒާ ދެއްކެވި ވާހަކައާ ގުޅުވައި ފާއިޒް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޓެކުހަކީ ދައުލަތުގެ ބޭނުމަށް ނެގޭ އެއްޗެއް ކަމަށާއި އެ ވަންނާނީ ދައުލަތުގެ ބައިތުލްމާލަށް ކަމަށެވެ. ނަމަވެސް ޒަކާތަކީ އިލާހީ އަމުރަކަށް އޭގެ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި ދައުލަތުން އިންތިޒާމުކޮށްގެން ނަގާ އެއްޗެއްކަން އޭނާ ފާހަގަކުރެއްވިއެވެ. "ޒަކާތް ހޭދަކުރަން ޖެހޭ ގޮތް ވަނީ ޝަރުޢުކުރައްވައިފައެވެ. ދައުލަތުން ބޭނުންވާހާ ކަންކަމަކަށް ޒަކާތް ހޭދައެއް ނުކުރެވޭނެއެވެ. ސަބަބަކީ ޒަކާތް ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނަނީ އަމާނާތެއް ގޮތުގައެވެ." ފާއިޒްގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ. ފާއިޒް މިފަދައިން ލިޔުއްވާފައިވަނީ ޒަކާތް ދެއްކުން ގާނޫނީ ގޮތުން ލާޒިމުކުރާ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެ ބިލު އިތުރަށް ދިރާސާކުރަން މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ފޮނުވާފައި ވަނިކޮށެވެ. އެ ބިލުގެ މަގުސަދުގެ ގޮތުގައި ބަޔާންކޮށްފައިވަނީ، އިސްލާމީ ޝަރީއަތުގައި ޒަކާތް ޝަރުއުކޮށްފައިވާ މަގުސަދުތައް ހާސިލްކުރެވޭނެ ގޮތެއްގެ މަތިން ރާއްޖޭގައި ޒަކާތް ދެއްކުމާއި ބަލައިގަތުމާއި، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހަރުދަނާ އޮނިގަނޑެއްގެ ދަށުން ހިންގުމެވެ. މި ބިލުގައި ޒަކާތުގެ ގޮތުގައި ބަލައިގަންނާނެ ބާވަތްތަކާއި، ބަލައިގަންނާނެ ގޮތް ބަޔާންކޮށްފައިވެއެވެ. އެގޮތުން ފިތުރު ޒަކާތާއި މުދަލުގެ ޒަކާތް ބަލައިގަންނާނެ ގޮތްތަކާއި ޒަކާތު ފައިސާ ލިބޭނެ މީހުންގެ ތަފުސީލު ވެސް ހިމަނައިފައިވެއެވެ. ބިލު ގާނޫނަކަށްވާތާ ދެ މަހުގެ ތެރޭ ޒަކާތު ކައުންސިލްގެ ނަމުގައި ކައުންސިލެއް އުފައްދަން ޖެހޭނެ ކަމަށް ބިލުގައި ވެއެވެ. ބިލުގައިވާ ގޮތުން އެ ކައުންސިލްގައި ތިއްބަވާނީ އިސްލާމިކް މިނިސްޓަރާއި، ޑިރެކްޓަރު ޖެނެރަލަކާއި، އެމްއެމްއޭއިން ކަނޑައަޅާ މުވައްޒަފަކާއި، ޤުރުއާނާ ބެހޭ މަރުކަޒުގެ މުވައްޒަފަކާއި، ފިނޭންސް މިނިސްޓްރީގެ މުވައްޒަފަކާއި، ފަތުވާދޭ މަޖިލީހުގެ މުވައްޒަފަކާއި، މިނިސްޓްރީގެ މުވައްޒަފެއްގެ އިތުރުން، ޒަކާތުގެ ކަންކަން ދަންނަ ދެ މާހިރުންނެވެ. ހަމަ އެއާއެކު، ބިލު ގާނޫނަކަށްވާ ހިސާބުން "މޯލްޑިވްސް ޒަކާތު ހައުސް"ގެ ނަމުގައި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ނެގުމުގެ އިދާރީ އެންމެހާ ކަންކަން ރާވައި، ޒަކާތް ލިބޭ މީހުންގެ ދަފްތަރު ބެލެހެއްޓުމާއި ޒަކާތް ލުއިފަސޭހަކޮށް ދެއްކޭނެ އިންތިޒާމު ހަމަޖެއްސުން ފަދަ މަސްއޫލިއްޔަތުތައް އަދާކުރުމަށް ސަރުކާރުގެ އިދާރާއެއް އުފެދިގެން ދާނެ ކަމަށް ވެސް ބިލުގައި ވެއެވެ. އެ ތަން ހިންގާނީ މިނިސްޓަރުގެ ލަފާގެ މަތިން ޑިރެކްޓަރު ޖެނެރަލަކު ކަމަށް ބިލުގައިވެއެވެ. ބިލުގައި ޒަކާތު ހައުސްގެ ވާހަކަ އައިސްފައިވާތީ، ރާއްޖޭގައި ޒަކާތް ނެގުމަށް އިތުރު އިދާރާއެއް އުފެއްދުމުގެ ކުރިން ވިސްނާލަން ޖެހޭ ކަމަށާއި، ޒަކާތް ބަލައިގަތުމަށް އެންމެ ރަނގަޅީ ގައުމީ ޓެކްސް އިދާރާ މީރާ މެދުވެރިކޮށް ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހްމަދު ޝަމްހީދު މީގެ ކުރިން ވިދާޅުވެފައިވެއެވެ. ޝަމްހީދަށް ރައްދު ދެއްވައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވިގޮތުގައި ޒަކާތާއި ޓެކުހަކީ ވަކި ދެ އެއްޗެއް ކަމަށް ވާތީ، އިސްލާމީ ގައުމުތަކުން އަންނަނީ ޒަކާތަށް ވަކި މުއައްސަސާތަކެއް ހަދަމުންނެވެ. އަދި، ރާއްޖޭގައި މިހާރު އޮންނަ ގޮތުން ޒަކާތު ފައިސާ އާއި ޓެކްސް ފައިސާ ހުންނަނީ އެއް "ކަންވާރެއް"ގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ