ގައުމީ ދުވަހަކީ އުންމީދުގެ ދުވަސް، ނާއުންމީދާ ދުރުވާންވީ ދުވަސް: ވަޒީރު ނަސީރު

ގައުމީ ދުވަހަކީ އުންމީދުގެ ދުވަސް ކަމަށާއި އެއީ ނާއުންމީދާއި ދުރުވަންވީ ދުވަސް ކަމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ ފަހުރުވެރި ގައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ވަޒީރު ވިދާޅުވީ  ގައުމު އަޅުވެތިވީ ވަގުތު އެ އަޅުވެތިކުރީ ކިހާވަރެއްގެ ބޮޑު ބާރެއްތޯއާ އެ ބާރާއި ކުރިމަތިލެވިދާނެތޯ އުތީމު ތިން ބޭން ނުބައްލަވާ ކަމަށެވެ. ނުވަތަ އެ ކަން ބެއްލެވިކަމުގައި ވިޔަސް، އެ ގޮތަށް ވިސްނުންފުޅު ބަހައްޓަވައި ފަސްޖެހިވަޑައިނުގަންނަވާ ކަމަށެވެ.
"އޭގެ ބަދަލުގައި އިސްކުރެއްވީ މާތް الله އަށް އޮންނަ އިތުބާރެވެ. ހިތްޕުޅުގެ ވަރުގަދަ އީމާނެވެ. ދީނާއި ޤައުމާއި ވަޠަނުގެ ދިފާޢުގައި އަދާކުރައްވަން ޖެހުނު ޒިންމާއާއި ޤައުމީ ވާޖިބެވެ. އެ ކަމަށް ޓަކައި ދެއްކެވީ ނުގުޑާނެ އަޒުމާއި ހިކުމަތު އަމަލީއެވެ,"
ވަޒީރު ވިދާޅުވީ އެ ޖިހާދުގައި 15 އަހަރު ވީ އިރުވެސް އެ އަބްތާލުންގެ މާޔޫސްކަމެއް ނެތް ކަމަށެވެ. އަދި ހިތްވަރާއި އަޒުމާއި އިހްލާސްތެރިކަމާއެކު ދިގުމުއްދަތަކަށް ދެމިތިއްބެވުމުގެ ނަތީޖާއަކީ އެންމެ ފަހުން މާތް الله އެ އަބްޠާލުންނަށް ނަޞްރުދެއްވާ ދިވެހީންނަށް މިނިވަންކަމުގެ އުފާލިބުން ކަމުގައި ވިދާޅުވި އެވެ.
މި ޖަލްސާގައި ވަޒީރު ވަނީ ކަޅުއޮށްފުންމި ބެންނެވުމުގައްޔާއި، ޖިހާދުގެ އެކި މަރުޙަލާތަކުގައި ބޮޑުތަކުރުފާނު ކަންކަން ކުރެއްވި ހަރުދަނާ ގޮތްކޮޅުތަކުން ލިބޭ ފިލާވަޅުތަކުގެ މައްޗަށް ބައްލަވާލައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ