ޖާބިރުގެ ކާސާ މިއާ ހިންގަން ދިން ބިމުން މަތިވެރީ ކައުންސިލަށް 2 މިލިއަން ނުލިބޭ

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު، އަބްދުﷲ ޖާބިރުގެ ކުންފުނިން އއ. މަތިވެރީގައި ހިންގި ގެސްޓްހައުސް ކާސާ މިއާއަށް ދޫކުރި ބިމުން ރަށު ކައުންސިލަށް 2.25 މިލިއަން ރުފިޔާ ނުލިބޭ ކަމަށް ކައުންސިލް އިދާރާގެ އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ. އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، ކާސާ މިއާ ހިންގުމުގެ ގޮތުން 46،880 އަކަފޫޓުގެ ހުސް ދެ ބިމެއް، 10 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް މަތިވެރި ކައުންސިލާއި ހ. މާކޮށާރުގެ، އަބްދުއްރައްޒާގު އަލީއާ ދެމެދު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. އެއީ 2012އާއި 2014ގައެވެ. ނަމަވެސް ކުލި ދެއްކުމުގައި ދަތިތަކެއް ހުރުމުން އިންވެސްޓްމެންޓް ވިއްކާލެވޭ ގޮތަށް އެއްބަސްވުންތައް އިސްލާހުކޮށްދިނުމަށް މެއި 19، 2019ގައި އަބްދުއްރައްޒާގު ކައުންސިލުގައި އެދުނެވެ. އެއަށްފަހު އެ އަހަރުގެ އޮގަސްޓު މަހުގެ ތިން ވަނަ ދުވަހު ކާސާ މިއާ އިންވެސްޓްމެންޓް ވަނީ ޖާބިރުގެ ރިޗް ކްލަބް މޯލްޑިވްސްއަށް ވިއްކާލައިފައެވެ. އޮޑިޓުގައިވާ ގޮތުން އެކަމާ ގުޅޭ އެއްބަސްވުމެއްގައި، އޭގެ ފަސް ދުވަސް ފަހުން ސޮއިކުރިއެވެ. ނަމަވެސް އެ އެއްބަސްވުން ބާތިލުނުކޮށް، ޓޫރިޒަމް މިނިސްޓްރީން އެ ދެ ބިން ކުއްޔަށް ދޫކުރުމަށް ރިޗް ކްލަބް މޯލްޑިވްސްއާއެކު ޖެހިގެން އައި ސެޕްޓެމްބަރު މަހުގެ 19ގައި ސޮއިކުރި ކަމަށް އޮޑިޓުގައިވެއެވެ. އޮޑިޓުގައިވާ ގޮތުން ކައުންސިލުން ޖާބިރުގެ ކުންފުންޏާއެކު އެއްބަސްވުން ހެދީ 10 އަހަރަށް ނަމަވެސް މިނިސްޓްރީން އެއްބަސްވުން ހެދީ 50 އަހަރަށެވެ. އޮޑިޓުގައި ވަނީ އަބްދުއްރައްޒާގަށް ދެ ބިން ކުއްޔަށް ދީފައިވާ މުއްދަތަށް، ކައުންސިލަށް ބިމު ކުއްޔާއި ޖޫރިމަނާއާއި ސީއެސްއާރުގެ ގޮތުގައި ލިބެންޖެހޭ 2.68 މިލިއަން ރުފިޔާގެ ތެރެއިން، އޮޑިޓް ކުރި ތާރީޚު ކަމަށްވާ، މިދިޔަ ފެބްރުވަރީ މަހުގެ 24ގެ ނިޔަލަށް ދައްކާފައިވަނީ އަށް ލައްކަ ރުފިޔާއެވެ. އެހެންކަމުން އޭނާގެ ފަރާތުން ކައުންސިލަށް ދޭން ޖެހޭ 1.88 މިލިއަން ރުފިޔާ އޮތް ކަމަށް އޮޑިޓުގައިވެއެވެ. ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރު: ކާސާ މިއާއަށް ދޫކޮށްފައިވާ ބިމަށް އޭނާ ބައެއް ފައިސާ ނުދައްކަވާ ހުރި ކަމަށް އޮޑިޓުގައިވޭ -- ފޮޓޯ/ މަޖިލިސް މީގެ އިތުރުން ރިޗް ކްލަބް މޯލްޑިވްސްއިން ކައުންސިލަށް ސީއެސްއާރުގެ ގޮތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31ގެ ނިޔަލަށް ދައްކަން ޖެހޭ 369،000 ރުފިޔާއާއެކު ޖުމްލަ 2.25 މިލިއަން ރުފިޔާ ލިބިފައިނުވާ ކަމަށް ވެސް އޮޑިޓުގައިވެއެވެ. އެ ފައިސާތައް ހޯދުމަށް މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް ކައުންސިލްގެ އިދާރާއިން އަޅާފައިނުވާ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވެއެވެ. މީގެ އިތުރުން އޮޑިޓުގައި ވަނީ ރިޗް ކްލަބް މޯލްޑިވްސްއާއެކު ޓޫރިޒަމް މިނިސްޓްރީން ހެދި އެއްބަސްވުމުގެ ސަބަބުން މަތިވެރީ ކައުންސިލަށް ގެއްލުންވާ ކަމަށް ވެސް ފާހަގަކޮށްފައެވެ. އެގޮތުން ކައުންސިލުން ދޫކުރި ދެ ބިމަކީ އަކަފޫޓަކަށް މަހަކަށް އެއް ރުފިޔާގެ ރޭޓުން ކައުންސިލުގެ އިދާރާއަށް ކުލި ލިބެމުންދިޔަ ބިންތައްކަން ފާހަގަކޮށްފައިވެއެވެ. ނަމަވެސް އެ އެއްބަސްވުން މިނިސްޓްރީން ބަދަލުކުރުމުން، ބިން ކުއްޔަށް ނަގާފައިވާ ކުންފުނިން ދައްކަން ޖެހެނީ ޑިސެމްބަރު 31، 2020ގެ ނިޔަލަށް އަކަމީޓަރަކަށް އަހަރަކަށް އަށް ޑޮލަރު ކަމަށާއި އޭގެ ފަހުން އަކަމީޓަރަކަށް އަހަރަކަށް ހަތަރު ޑޮލަރު ކަމަށް ރިޕޯޓުގައިވެއެވެ. އެހެންވެ، އެއްބަސްވުންތައް ބަދަލުކުރި ތާރީޚުން ފެށިގެން ކައުންސިލްގެ އިދާރާއިން ކުއްޔަށް ދޫކޮށްފައިވާ އެއްބަސްވުންތަކުގެ މުއްދަތު ހަމަވާ ތާރީޚުގެ ނިޔަލަށް 797،104 ރުފިޔާ ކައުންސިލްގެ އިދާރާއަށް ގެއްލޭ ކަމަށް އޮޑިޓުގައިވެއެވެ. ޖާބިރުގެ ކުންފުނިން ކާސާ މިއާގެ ކުލި ނުދައްކާ ކަމަށާއި މުވައްޒަފުންނަށް މުސާރަ ނުދޭ ކަމަށް ބުނެ އޭނާއާ ދެކޮޅަށް މުޒާހަރާތައް ވެސް ބާއްވައިފައިވެއެވެ. އެ ގެސްޓްހައުސްގައި އަލިފާނުގެ ހާދިސާތަކެއް ވެސް ހިނގައިފައިވާއިރު މީގެ ކުރިން ޖާބިރު ވަނީ އެއީ އެ ރަށުން ބަޔަކު ގެއްލުން ދިނުމުގެ ގޮތުގައި ގަސްތުގައި ގެއްލުން ދެނީ ކަމުގެ ގޮތުގައި ސިފަކުރައްވައިފައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، މަތިވެރީގެ ރައްޔިތުންގެ އެދުމަށް، ކާސާ މިއާ ހުރި ބިން އެ ރަށުގެ ރައްޔިތުންނަށް ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އެ މަނިކުފާނު މިދިޔަ ހަފުތާގައި މަތިވެރިއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، ޓޫރިޒަމް މިނިސްޓްރީން ވަނީ، މިހާރު ބޭނުންނުކޮށް ހުރި ކާސާ މިއާ ހުރި ބިން ކައުންސިލަށް މިލްކުކޮށްދީފައިވާ ކަމުގެ ލިޔުން ހަވާލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ