އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑް އަތުން އޮވިއޭޑޯ ބަލިވެއްޖެ

ސްޕެނިޝް ލަލީގާގައި އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑާއި ދެކޮޅަށް، ރެއާލް އޮވިއޭޑޯ އިން ކުޅުނު މެޗު ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑުން ކާމިޔާބުކޮށްފިއެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ދެމެޗުން ވެސް މޮޅުވެ، ހަ ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ލީގު ތާވަލުގެ ތިންވަނައިގައި ރެއާލް މެޑްރިޑް އޮތްއިރު، މިމެޗުން ބަލިވި ރެއާލް އޮވިއޭޑޯ ކުޅުނު ދެމެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި މިވަގުތު އޮތީ ލީގު ތާވަލުގެ 19 ވަނައިގައެވެ
ލީގުގައި ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި އޮސަސޫނާ އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، އޮވިއޭޑޯ ފުރަތަމަ މެޗުގައި ރަށުން ބޭރުގައި ވިލަރެއާލް އަތުން އެޓީމު ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 5-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ރެއާލް މެޑްރިޑުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެންކުޅެ ރެއާލް މެޑްރިޑުން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމު މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ކިލިއަން އެމްބާޕޭ އެވެ. މިއީ އެޓީމުގެ ޒުވާން މިޑްފީލްޑަރު އާޑަރ ގުލާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މީގެ އިތުރުން ވެސް މިހާފުގައި ރެއާލް މެޑްރިޑުން އޮވިއޭޑޯގެ ގޯލަށް ރަނގަޅު ހަމަލާތަކެއް ފޮނުވާލި ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ބަދަލުތަކަކާއެކު ރެއާލް މެޑްރިޑުން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، އެޓީމުން ލީޑި ފުޅާކުރި ލަނޑު ފަހުހާފުގެ 83 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް އެމްބާޕޭ އެވެ. މިއީ ދެވަނަ ހާފުގެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ބްރެޒިލްގެ ފޯވާޑް ވިނީސިއަސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިއީ ލީގުގައި ކުޅުނު ދެމެޗުގައި އެމްބާޕޭ ކާމިޔާބުކުރި ތިންވަނަ ލަނޑެވެ.
ރެއާލްގެ ތިންވަނަ ލަނޑު ދެވަނަ ހާފުގެ އިތުރުވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ވިނީސިއަސް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރެއާލް މެޑްރިޑްގެ އެމްބާޕޭ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ