ރައްޔިތުން މަޖިލީހުން މިއަހަރަށް ފާސްކޮށްދިން ބަޖެޓުގައި ޑިފެންސް މިނިސްޓްރީއަށް ކަނޑައަޅާފައިވާ ބަޖެޓަށް ވުރެ އިތުރަށް 10 މިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ.
ވީ ކިހިނެއް؟ - ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު ނެރޭ ސަރުކާރުގެ އާމްދަނީގެ އާއި ހަރަދުގެ އެންމެ ފަހުގެ ރިޕޯޓުން ދައްކާ ގޮތުގައި، މި މަހުގެ 7 ވަނަ ދުވަހާ ހަމައަށް ބަޖެޓަށް ވުރެ އިތުރަށް ހަރަދުކުރަން ޖެހިފައިވަނީ ޑިފެންސާއި ފިނޭންސް މިނިސްޓްރީންނެވެ. އެގޮތުން:
ޑިފެންސް މިނިސްޓްރީއަށް ކަނޑައަޅާފައި އޮތީ 21.8 މިލިއަން ރުފިޔާ
ނަމަވެސް 32 މިލިއަން ރުފިޔާ އެ މިނިސްޓްރީން ހަރަދުކޮށްފައިވޭ
މިއީ 10.1 މިލިއަން ރުފިޔާ އިތުރު އަދަދެއް
ބަޖެޓްކޮށްފައިވާ އަދަދަށް ވުރެ އިތުރަށް ޑިފެންސް މިނިސްޓްރީން ވެސް ހަރަދުކުރި ސަބަބު ސާފުނުވާއިރު، މިފަހުން އަސްކަރިއްޔާއަށް ވަނީ އާ އަސްކަރީ އުޅަނދުތަކާއި ހަތިޔާރު ގެނެސްފަ އެވެ.
ޑިފެންސްގެ އިތުރުން، ދެން ބަޖެޓަށް ވުރެ އިތުރަށް ހަރަދުކުރީ ފިނޭންސް މިނިސްޓްރީންނެވެ. އެގޮތުން:
ފިނޭންސް މިނިސްޓްރީން 1.3 ބިލިއަން ރުފިޔާ ހަރަދުކުރި
މިއީ ބަޖެޓް ކުރި އަދަދަށް ވުރެ 88 މިލިއަން ރުފިޔާ އިތުރު އަދަދެއް
ފިނޭންސް މިނިސްޓްރީއަށް ކަނޑައަޅާފައި އޮތީ 1.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
ބަޖެޓް ކުރި އަދަދަށް ވުރެ އިތުރަށް ފިނޭންސް މިނިސްޓްރީން ހަރަދު ކުރަން ޖެހުނު ސަބަބު ސާފުނުވި ނަމަވެސް ބަޖެޓުގައިވާ އަދަދަށް ވުރެ އިތުރަށް ސަރުކާރުގެ ކުންފުނިތަކަށް 700 މިލިއަނަށް ވުރެ ގިނަ ރުފިޔާ ކެޕިޓަލްގެ ގޮތުގައި މިއަހަރު ވަނީ ދޫކޮށްފަ އެވެ.
މިއަހަރު ދެ ބައި ވެފައި ވާއިރު، 7 އޮގަސްޓާ ހަމައަށް މިއަހަރަށް ފާސްކޮށްދިން ބަޖެޓްގެ ތެރެއިން %45 ވަނީ ހަރަދުކޮށްފަ އެވެ. އެއީ، 56.6 ބިލިއަން ރުފިޔާގެ ބަޖެޓުން 28.4 ބިލިއަން ރުފިޔާ އެވެ.
ޑިފެންސަށް އިތުރަށް 10 މިލިއަން ރުފިޔާ ހަރަދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ