މިއަދުން ފެށިގެން ކުޑަކުދިންނަށް ވަޅި ވިއްކުން މަނާ، ވިއްކައިފިނަމަ އެއްލައްކަ ރުފިޔާގެ ޖޫރިމަނާއެއް

ކުޑަ ކުއްޖަކަށް ވަޅިއެއް ވިއްކައިފިނަމަ ބޮޑު ޖޫރިމަނާއެއް ކުރެވޭ, ގާނޫނަށް މިއަދުން ފެށިގެން އަމަލު ކުރަން ފަށައިފިއެވެ. ގޭންގުތަކުން ހިންގާ ކުށްތައް ހުއްޓުވުމުގެ ޤާނޫނަށް މިއަދު އަމަލުކުރަން ފަށާފައިވާއިރު، ފުލުހުންގެ ކްރައިމް ޕްރިވެންޝަން ސެންޓަރުން ބުނީ، ކުޑަކުއްޖަކަށް އެއްވެސް މީހަކު ވަޅި ވިއްކުން މިއަދުން ފެށިގެން މަނާވާނެ ކަމަށެވެ. މިއަދު އަމަލުކުރަން ފެށި މި ގާނޫނުގައިވާ ގޮތުން، ކުޑަކުއްޖަކަށް ވަޅިއެއް ވިއްކައިފި މީހަކު 20،000 ރުފިޔާ އާއި އެއްލައްކަ ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. ރައްޔިތުންގެ މަޖިލީހުން ގޭންގުތަކުން ހިންގާ ކުށްތައް ހުއްޓުވުމުގެ ގާނޫނު މިދިޔަ މޭ މަހުގެ 15 ވަނަ ދުވަހު ފާސްކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ބިލު ތަސްދީގުކުރެއްވީ ހަމަ އެ މަހުގެ 25 ވަނަ ދުވަހުގައެވެ. ކުޑަ ކުދިންނަށް ވަޅި ނުވިއްކުމަށް ވިޔަފާރިވެރިން ހޭލުންތެރި ކުރަނީ: ފޮޓޯ: ފުލުހުން އެ ބިލު ތަސްދީގު ކުރެއްވުމަށްފަހު, ރައީސް ވިދާޅުވީ މީގެ ކުރިން ގޭންގުތަކުގެ މައްސަލަ ހައްލުނުވެ އޮތީ ސިޔާސީ ފަރާތްތަކުން އެ ކަން ކުރަން ބޭނުންނުވުމުން ކަމަށެވެ. އަދި އަމިއްލަ މަސްލަހަތަށް ގޭންގުތަަކުގެ އެދުންތަކަށް "ދީލައިލާތީ" ކަމަށެވެ. ނަމަވެސް މި ސަރުކާރުން މި ގާނޫނު ތަންފީޒުކުރުމުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭނެ ކަމަށާއި، މޫނަކަށް ކަނދުރާއަކަށް ނުބަލައި ތަންފީޒުކުރާނެ ކަމަށް ވިދާޅުވިއެވެ. މި ބިލުގައި ބުނެފައިވާ ގޮތުގައި މި ގާނޫނު ބޭނުމަކީ: ނުރައްކާތެރި އަދި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާއި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް ހިމެނޭގޮތަށް ކުށުގެ ގޮތުގައި ކަނޑައެޅޭ އަމަލުތަކަށް އަދަބު ކަނޑައެޅުން އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ކުރާ ފަރާތްތަކާމެދު އެކަށީގެންވާ ގޮތެއްގެ މަތިން ފިޔަވަޅު އެޅުމަށް ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ޚާއްސަ ބާރުތަކެއް ދިނުން ކުށްކުރާ ފަރާތްތައް ކުށުގެ ވެށިން ރައްކާތެރިކޮށް، ހެޔޮގޮތުގައި މުޖުތަމައުއަށް ރުޖޫއަވުމަށް މަގުފަހިކޮށްދިނުމަށް ޚާއްސަ ފިޔަވަޅުތައް އެޅުމުގެ އުސޫލުތައް ކަނޑައެޅުން ކުށްކުރާ ފަރާތްތައް އުޅޭ ނޫޅޭގޮތް މޮނިޓާކޮށް ފިޔަވަޅު އެޅޭނެ ޚާއްސަ އުސޫލުތައް ކަނޑައެޅުން މި ގާނޫނާއެކު ފުލުހުންނަށާއި ތަންފީޒީ އިދާރާތަކަށް ވަރަށް ބޮޑެތި ބާރުތައް ލިބިދީފައިވެއެވެ. އޭގެ ތެރެއިން ބައެއް ކަން ކަމަކީ: ކޯޓު އަމުރަކާ ނުލައި ވެސް އަމިއްލަ ތަންތަނަށް ވަދެ، ތުހުމަތުކުރެވޭ މީހާ ހައްޔަރުކުރުމުގެ ބާރު އަދި ބަލައި ފާސްކުރުމުގެ ބާރު ބޮޑެތި ކުށްކުރާ މީހުން ކަފާލާތުގެ ދަށުން ދޫނުކުރުމުގެ ބާރު ބޮޑު ކުށެއްގެ ތުހުމަތުވާ މީހާ ހައްޔަރުކުރުމަށްފަހު އެ ވަގުތުން ފެށިގެން 48 ގަޑިއިރާ ހަމައަށް، ވަކީލަކާއެކު އެކަހެރިކޮށް ބައްދަލުވާން ފުރުސަތު ނުދިނުން މީގެ އިތުރުން ހަރުކަށި އަދަބުތައް ވެސް ވަނީ ހިމަނައިފައެވެ. އޭގެ ތެރޭގައި 10 އަހަރަށް ވުރެން ގިނަ މުއްދަތަކަށް ޖަލަށް ލުމާއި، ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުން ހިމެނެއެވެ. އެކިއެކި ކުށްތައް ހިންގާ ސަރަހައްދުތަކުގައި 18 އަހަރު ނުފުރޭ ފިރިހެން ކުދިން ގްރޫޕް ހަަައިގެން އެއްވެ ތިބުން އިތުރުވެފައިވާކަމަށާއި، އެ ކަމަށް ބެލެނިވެރިން ސަމާލުވުމަށް ފުލުހުން މިދިޔަ ހަފުތާގައި ވަނީ އިލްތިމާސް ކޮށްފައެވެ. މީގެ ކުރިން ރާއްޖޭގައި ކުޑަ ކުދިން ހިންގި މާރާމާރީތަކުގައި މީހުން މަރާފައި ވެސް އެބަހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ