ޔުނައިޓެޑަށް ފުލަމް ކައިރިން ކުރި ހޯދޭ ގޮތެއް ނުވި

އިންގްލިޝް ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ފުލަމް ބައްދަލުކުރި މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ. ފުލަމްގެ ދަނޑުގައި ކުޅުނު މިމެޗު ނިމުނީ އެއް ލަނޑު އެއް ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ފުލަމްއިންނެވެ. ނަމަވެސް ޔުނައިޓެޑުން ވެސްވަނީ ރަނގަޅު ކުޅުމެއް ދައްކައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. މިމެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބުނީ ޔުނައިޓެޑަށެވެ. މިގޮތުން އެންމެ ރަނގަޅު ފުރުސަތު ލިބުނީ ކެޕްޓަން ބްރޫނޯ ފެނާންޑެޒްއަށެވެ. ނަމަވެސް، ވީއޭއާރުން ބެލުމަށްފަހު ޔުނައިޓެޑަށް ދިން ޕެނަލްޓީ ބްރޫނޯ ފެނާންޑޭޒް ޖެހުމުން ދިޔައީ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. މިއީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުން ފެނާންޑޭޒްގެ އަތުން ޕެނަލްޓީއެއް ނާކާމިޔާބުވި ފުރަތަމަ ފަހަރެވެ. މީގެއިތުރުން މެތިއުސް ކޫންޔާއަށްވަނީ ރަނގަޅު ދެ ފުރުސަތެއް މިހާފުގައި ލިބިފައެވެ. މިގޮތުން ފުރަތަމަ ފުރުސަތުގައި ގޯލަށް ފޮނުވާލި ބޯޅަ ދަނޑިއަށް އަމާޒުވިއިރު ދެވަނަ ހަމަލާ ފުލަމް ދިފާއު ކުރިއެވެ. މިމެޗުގެ ދެވަނަ ހާފުގައިވެސް ދެޓީމުގެ ފަރާތުން ވަރަށް ހަމަހަމަ ކުޅުމެއް ފެނުނުއިރު މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ޔުނައިޓެޑުންނެވެ. މިލަނޑަކީ މެޗުގެ 58 ވަނަ މިނެޓުގައި ޔުނައިޓެޑަށް ލިބުނު ކޯނަރެއްގައި އެޓީމުގެ ޑިފެންޑަރި ލެނީ ޔޯރޯ ގޯލަށް ފޮނުވާލި ހަމަލާއެއް ފުލަމްގެ ފޯވަޑް ރޮޑްރިގޯ މުނީޒް ގައިގައި ޖެހިފާ ބައިކޮޅަށް ވަން ލަނޑެކެވެ. ފުލަމްއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރި ލަނޑު އެޓީމުން ކާމިޔާބު ކޮށްފައިވަނީ މެޗުގެ 73 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިޔާ އެމީލް ސްމިތު ރޯއެވެ. މިލަނޑާއެކު ފުލަމްގެ ކުޅުން އިތުރަށް ރަނގަޅުވިތަން ފެނުނެވެ. މިމެޗުގައި އިތުރު ލަނޑެއް ނުފެނުނު ނަމަވެސް ލަނޑު ޖަހާނެ ފުރުސަތު ދެޓީމުންވެސް ތަނަވަސްކުރިއެވެ. މިމެޗު އެއްވަރު ވުމުން މިފަހަރުގެ ޕްރިމިއާ ލީގުގައި މިދެޓީމު ވެސް އަދި މިވަނީ މެޗަކުން މޮޅުނުވެވިއެވެ. އަދި ފުލަމް ދެމެޗުން ލިބިފައިވާ ދެ ޕޮއިންޓާއެކު ތާވަލްގެ 13 ވަނައިގައި އުޅޭއިރު ޔުނައިޓެޑް އުޅެނީ އެއް ޕޮއިންޓާއެކު ތާވަލްގެ 16 ވަނައިގައެވެ. މިމުބާރާތުގައި ދެން ކުޅުނު ދެ މެޗަށް ބަލައިލާއިރު އެވަޓަންވަނީ އެޓީމުގެ އާ ސްޓޭޑިއަމް ހިލް ޑިކިންސަންގައި ކުޅުނު ފުރަތަމަ މެޗުގައި ބްރައިޓަން އެންޑް ހޯވް އެލްބިއަން ދެ ލަނޑު ސުން ލަނޑުން ބަލިކޮށްފައެވެ. މިމެޗުގައި އެވަޓަންގެ ދެ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އިލިމަން އެންޑިއާޔޭ އާއި ޖޭމްސް ގާނާއެވެ. އަދި މިދެ ލަނޑު ޖެހުމަށް އެހީތެރިވެދީފައިވަނީ ވަރަށް ފަހުން މެންޗެސްޓާ ސިޓީން އެވަޓަންއަށް ބަދަލުވި ޖެކް ގްރީލިޝްއެެވެ. މީގެއިތުރުން ކްރިސްޓަލް ޕެލަސް އާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗު އެއް ލަނޑު އެއްލަނޑުން ދެޓީމުވަނީ އެއްވަރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ