ޑުރަގު އެތެރެކުރަން އުޅުނު މައްސަލައިގައި، ނެދަލެންޑްސްގެ މާބަނޑު މީހާގެ ބަންދަށް 30 ދުވަސް
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި ނެދަލޭންޑްސްގެ މާބަނޑު މީހެއްގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަސް ޖަހައިފިއެވެ. ބްރިޓެނީ އަޑޯފޯ ބޮއާފޯ ނަމަކަށް ކިޔާ އެ އަންހެން މިހާ ހައްޔަރުކުރީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރި ކަމުގެ ތުހުމަތުގައެވެ. މިދިޔަ ހުކުރު ދުވަހު އޭނާގެ ބަންދަށް ޖެހި އަމުރުން އޭނާއަކީ މާބަނޑު މީހެއްކަން އެނގޭއިރު، ކޯޓުން ވަނީ، އޭނާގެ ކަންކަން ގާތުން ބަލަން އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ)އަށް އަންގާފައެވެ. އޭނާގެ ލަގެޖު ފޮށިން ފަސް ކިލޯގެ ޑުރަގު ފެނުނު ކަމަށް އައިއޯ ބުނެފައިވެއެވެ. ކޯޓުގައި އޭނާގެ ވަކީލު ބުނީ، ކޮންޓްރޯލް ޑެލިވަރީއަށް ފުލުހުން އެދުނު ނަމަވެސް އެކަމަށް އެއްބާރުލުން ނުދެވުނީ އެއީ ކޮންކަމެއްކަން ނޭނގޭތީ ކަމަށާއި ލަގެޖު ފޮށި ބަދަލުކޮށްފައިވާ ކަމަށެވެ. އަދި، އޭނާއަކީ މާބަނޑު މީހަކަށް ވާތީ، ބަލި ހާލަތަށް ބެލުމަށް ފަހު ތަހުގީގު އަވަސްކޮށްދޭން ވަކީލު ވަނީ އެދިފައެވެ. މި މައްސަލައިގައި މާބަނޑު މީހާ ކުށްކުރި ކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށް އަމުރުގައިވެއެވެ. މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް އިޖުތިމާއީ މައްސަލަ ކަމަށްވާއިރު، މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ގާނޫނުގައި ހިމެނުމުގެ މަސައްކަތްތަކެއް ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންގަވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ