މަތިވެރީ ކައުންސިލް އޮޑިޓް: ރާއްޖޭގައި އާންމުކޮށް ބޭނުންނުކުރާ ޕިކަޕެއް 3 ލައްކައަށް ގަތް، 2 މަހުން ހަލާކުވި
އއ. މަތިވެރި ކައުންސިލުން، ރާއްޖޭގައި އާންމުކޮށް ބޭނުންނުކުރާ ޕިކަޕެއް ތިން ލައްކަ ރުފިޔާއަށް ގަތް ކަމަށާއި ދެ މަސް ދުވަހުގެ ތެރޭގައި އެ ޕިކަޕު ހަލާކުވިކަމަށް އެ ކައުންސިލްގެ އޮޑިޓު ރިޕޯޓުން ދައްކައިފިއެވެ. އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ ރިޕޯޓުގައިވާ ގޮތުން، އޮކްޓޫބަރު، 2022ގައި މަތިވެރީ ކައުންސިލަށް އެ ޕިކަޕު ގަތީ ޖުމުލަ 371،000 ރުފިޔާ ޚަރަދުކޮށްގެނެވެ. އެއީ، ރާއްޖޭގައި އާންމުކޮށް، ބޭނުންނުކުރާ 'ސޮޖެން' ބްރޭންޑުގެ ޕިކަޕެއް ކަމަށްވާއިރު، އެ ޕިކަޕު ބޭނުންކޮށްފައި ވަނީ، ކުނި މެނޭޖުކުރުމުގެ މަސައްކަތަށެވެ. މިދިޔަ ފެބްރުއަރީ މަހުގެ 19ގައި އޮޑިޓަރުން ބެލިއިރު، ޕިކަޕު ބޭނުންނުކޮށް ބާއްވައިފައި އޮތުމުން، އޮޑިޓަރުން ވަނީ މަތިވެރީ ކައުންސިލާ ސުވާލުކޮށްފައެވެ. އެ ކައުންސިލާ ހަވާލާދީ އޮޑިޓުގައި ވަނީ، ޕިކަޕު ބޭނުންކުރަން ފެށިތާ ދެ މަހުގެ ތެރޭގައި ޕިކަޕުގެ ބެޓެރިއާއި ސްޓީރިން ވީލްފައި މައްސަލަ ޖެހިފައިވާ ކަމަށާއި 'ސޮޖެން' ބްރޭންޑުގެ ޕިކަޕަކީ ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ވައްތަރުގެ ޕިކަޕަކަށް ނުވާތީ ސްޕެއާ ހޯދުމުގައި ދަތިތައް ދިމާވާ ކަމަށެވެ. ސޮޖެން ބްރޭންޑުގެ ޕިކަޕެއް: ރާއްޖޭގައި އާންމުކޮށް ބޭނުންނުކުރާ ޕިކަޕެއް މަތިވެރީ ކައުންސިލުން 3 ލައްކައަށް ގަނެގެން 2 މަހުން ހަލާކުވި ކަމަށް އޮޑިޓުގައި ވަނީ ދައްކާފައި ----- އޭގެއިތުރަށް، އެ ޕިކަޕު ބޭނުންނުކުރެވޭތީ ކުނި މެނޭޖުކުރުމުގެ މަސައްކަތަށް މަތިވެރީ ކައުންސިލުން ބޭނުންކުރަނީ ދައުލަތުގެ އިދާރާއަކުން އެކައުންސިލަށް ހަދިޔާކުރި ޕިކަޕެއް ރަޖިސްޓްރީ ވެސްނުކޮށް ކަމަށް އޮޑިޓުގައިވެއެވެ. އެ ކަންކަމަށް ރިއާޔަތްކޮށް، އޮޑިޓުގައި ފާހަގަކުރީ، އަގުބޮޑުކޮށް، ހޯދާ މުދާ ދިގު މުއްދަތަކަށް ބޭނުންކުރެވޭނެ ގޮތަކަށް ނުބަލައި ހޯދާނަމަ އެތަކެތީގެ މަންފާ އެކަށީގެންވާ ގޮތެއްގައި ރައްޔިތުންނަށް ނުލިބި، އެ އުޅަނދެއް ބޭނުންކޮށްގެން ރައްޔިތުންނަށް ދޭ ޚިދުމަތެއް ހުއްޓުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެހެންވެ، އެކަން އިސްލާހު ކުރުމަށް އެދި އޮޑިޓުގައި ވަނީ ލަފާދީފައެވެ. މިގޮތުން، ކައުންސިލަށް ބޭނުންވާ ވެހިކަލް ހޯދުމުގައި ރާއްޖޭގެ މާހައުލާ ގުޅޭ ވެހިކަލްތައް ހޯދުން ވެހިކަލްތައް މަރާމާތުކުރުމަށް ބޭނުންވާ ސްޕެއާ ހޯދަން ފަސޭހަކުރުމަށް ރާއްޖޭގައި އާންމުކޮށް ބްރޭންޑުތަކުގެ ވެހިކަލްތައް ހޯދުން ޕިކަޕު ބޭނުންކުރަން ފެށިތާ ކުޑަ ދުވަސްކޮޅެއް ތެރޭ މައްސަލަތައް ދިމާވެފައިވާތީ ޕިކަޕު ސަޕްލައި ކުރި ފަރާތާ މަޝްވަރާކޮށްގެން ހައްލުކުރުމަށް ފާހަގަކުރެވޭ ގޮތުގައި، ބައެއް ރަށްތަކުގެ ކައުންސިލް އޮޑިޓުތަކުން އެކި މައްސަލަތައް ވެސް ފެންމަތިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ