ފަލަސްތީނުގެ ރައްޔިތުން ކުރިމަތިލަމުންދާ އަނިޔާތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތައް އެޅުމަށް އިތުރަށް މަސައްކަތްކުރުމަށް ރާއްޖެ އިން ގޮވާލައިފި

ފަލަސްތީނުގެ ރައްޔިތުން ކުރިމަތިލަމުންދާ އަނިޔާތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތައް އެޅުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި އިތުރަށް މަސައްކަތްކުރުމަށް ކޮންފަރެންސް އޮން ދަ ކުއެއްޝަން އޮފް ޖެރޫސެލަމްގައި ރާއްޖެ އިން ގޮވާލައިފިއެވެ.
ޚާރިޖީ ވުޒާރާއިން މިރޭ ބުނެފައިވާގޮތުގައި ސެންގާލްގެ ވެރިރަށް ޑާކާރގައި ބޭއްވި ”ކޮންފަރެންސް އޮން ދަ ކުއެއްޝަން އޮފް ޖެރޫސަލަމް“ ގައި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އަށް ދިވެހިރާއްޖެ އިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު، އަދި ސައުދީ އަރަބިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު އަލްފާޟިލް އަޙްމަދު ސަރީރު ދިވެހިރާއްޖެ ތަމްސީލްކޮށް ބައިވެރިވެވަޑައިގެން ތަޤްރީރުކުރެއްވިއެވެ.
އ.ދ. ގެ ކޮމިޓީ އޮން ދަ އެކްސަސައިޒް އޮފް ދަ އިންއޭލިއަނަބަލް ރައިޓްސް އޮފް ދަ ޕަލަސްޓީނިއަން ޕީޕަލް (ސީ.އައި.އާރް.ޕީ.ޕީ.) އަދި އޯ.އައި.ސީ. އިން އިންތިޒާމުކޮށްގެން ބޭއްވި މި ބައްދަލުވުމުގެ ޝިޢާރަކީ ”ޕަލަސްޓީނިއަން އޮޕްރެޝަން އެންޑް ޑިސްޕްލޭސްމަންޓް އިން ޖެރޫސަލަމް އިން ދަ ޝެޑޯ އޮފް ދަ ވޯ: އަ މައިކްރޮކޯސޮމް އޮފް ދަ ސިޓުއޭޝަން ތުރޫއައުޓް ދަ އޮކިއުޕައިޑް ޕަލަސްޓީނިއަން ޓެރިޓަރީސް“އެވެ.
އެ މަނިކުފާނުގެ ވާހަކަފުޅުގައި، އިރުމަތީ ގުދުސްއާއި ވެސްޓް ބޭންކް އަދި ޣާޒާގައި މެދުކެނޑުމެއްނެތި ހިނގަމުންދާ ހަމަނުޖެހުންތަކާއި އޭގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ އަނިޔާއާމެދު ކަންބޮޑުވުން ފާޅުކުރެއްވި ކަމަށާއި އަދި، އެ މަނިކުފާނު އިސްރާއިލުގެ އިސްތިޢުމާރީ ސިޔާސަތުތައް ސިފަކުރެއްވީ ނިޒާމީ އަދި ފުޅާ ދާއިރާއެއްގައި ބާރުގެ ބޭނުން ކޮށްގެން ފަލަސްތީނުގެ ރައްޔިތުން އެ މީހުންގެ އަމިއްލަ ބިމުން ނެރުމާއި، އެ މީހުންގެ މުދަލާއި ވަސީލަތްތައް އަތުލުމާއި، އަދި އެމީހުންގެ އިންސާނީ ހައްގުތަކާއި ކަރާމާތް ނިގުޅައިގަތުމަށް މަގުފަހިކުރާ ކަންތައްތަކެއްގެ ގޮތުގައި ކަމަށް ބުނެފައިވެއެވެ.
މި އިސްތިއުމާރާއި ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމުގެ މުހިންމުކަން ފާހަގަކުރައްވައި، މިހާރުން މިހާރަށް ދާއިމީކޮށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުމަކަށް ގެނެސް، ފަލަސްތީނުގެ ރައްޔިތުން ކުރިމަތިލަމުންދާ އަނިޔާއަށް އަވަސް ހައްލެއް ހޯދުމަކީ މި ވަގުތަށް އެންމެ މުހިންމު ކަންތައްތައް ކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވި ކަމަށާއި މީގެ އިތުރުން، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢިން ސާބިތުކަމާއެކު މަސައްކަތްކުރުމަށް ސަފީރު ގޮވާލެއްވިކަމަށްވެސް ބުނެފައިވެއެވެ.
ސީ.އައި.އާރް.ޕީ.ޕީ. އުފައްދާފައިވަނީ 1975 ވަނަ އަހަރު އ.ދ. ގެ އާއްމު މަޖިލީހުގެ ޤަރާރު ނަންބަރު 3376 އިންނެވެ. މި ކޮމިޓީގެ މަޤްސަދަކީ ފަލަސްޠީނުގެ ރައްޔިތުންނަށް އެމީހުންގެ ޙައްޤުތައް ކަމުގައިވާ ބޭރުގެ ނުފޫޒަކާ ނުލައި އަމިއްލަ ނިންމުންތައް ނިންމުމުގެ ޙައްޤާއި، މިނިވަން މުސްތަޤިއްލު ދައުލަތެއް ޤާއިމުކުރުމުގެ ހައްޤާއި، ޤައުމީ މިނިވަންކަމާއި ސިޔާދަތީ ބާރު ހިންގުމުގެ ހައްޤާއި، އަދި ބިމާއި މުދާ އަލުން ހޯދައި ލިބިގަތުމުގެ ޙައްޤު ލިބިދިނުމަށްޓަކައި ތަންފީޛުކުރާނެ ޕްރޮގްރާމެއް ހުށަހެޅުމެވެ. މި ކޮމިޓީގެ ހުށަހެޅުންތައް ވަނީ އ.ދ. ގެ އާއްމު މަޖިލީހުން ފާސްކޮށްފައެވެ. އަދި މި ކޮމިޓީއިން ކޮންމެ އަހަރަކު އ.ދ. ގެ އާއްމު މަޖިލީހަށް ރިޕޯޓު ހުށަހަޅައެވެ. އަދި، ދިވެހިރާއްޖެއަކީ 1976 ވަނަ އަހަރުން ފެށިގެން އޯ.އައި.ސީ.ގައި އަމަލީ ގޮތުން ހަރަކާތްތެރިވަމުން އަންނަ އެ ޖަމުޢިއްޔާގެ މެމްބަރު ޤައުމެކެވެ.
Your email address will not be published. Required fields are marked *
ހިޔާލު *
ނަން
Δdocument.getElementById( "ak_js_1" ).setAttribute( "value", ( new Date() ).getTime() );
Email: [email protected] | Phone: +960 9770541Address: M. Golden Bones, 3rd Floor, Male‘ Maldives© Copyright 2020, Dhuvas.mv, All Rights Reserved
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ