ޔުނައިޓެޑުން ބޯންމޯތު ބަލިކޮށްފި
އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އިންގްލިޝް ޕްރިމިއާ ލީގުގެ ބައެއް ކްލަބްތަކުން އެމެރިކާއަށް މިހާރު ކުރަމުންދާ ޕްރީ ސީޒަން ޓުއާގެ ތެރެއިން މެންޗެސްޓާ ޔުނައިޓެޑާއި ބޯންމޯތު ބައްދަލުކުރި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ. ޝިކާގޯގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައިވަނީ ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާއެކު ހަތަރު ލަނޑު އެއް ލަނޑުންނެވެ. ޔުނައިޓެޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުގެ ފެށުން ވެސް ދިޔައީ އެންމެ ބޭނުންވި ގޮތަށެވެ. މި ގޮތުން މެޗުގެ އަށް ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ރަސްމުސް ހޮއިލުންޑްއެވެ. މި މެޗުގައި ޔުނައިޓެޑްގެ ދެވަނަ ލަނޑު މެޗުގެ 25 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޕެޓްރިކް ޑޯގޫއެވެ. މިމެޗުގެ ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެ ޓީމަށް ވެސް ލިބިގެންދިޔައެވެ. މި މެޗުގައި ޔުނައިޓުން ކާމިޔާބު ކުރި ތިން ވަނަ ލަނޑު މެޗުގެ 53 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އަމަޑު ޑިއާލޯއެވެ. އަދި ފަހު ލަނޑު މެޗުގެ 72 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އީތަން ވިލިއަމްސްއެވެ. މި މެޗުގައި ބޯންމޯތުން ކާމިޔާބު ކުރި ހަމައެކަނި ލަނޑަކީ މެޗުގެ 88 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ޑިފެންޑާ މެތިއަސް ޑި ލިޓް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މި ކާމިޔާބީއާއެކު ޔުނައިޓެޑުން މިވަނީ ޕްރިމިއާ ލީގުގެ ހަތަރު ޓީމުގެ މެދުގައި ކުޅޭ ސަމާ ސީރީޒްގައި މިހާތަނަށް ކުޅުނު ދެ މެޗު ކާމިޔާބު ކޮށްފައެވެ. މިސީރީޒްގައި ދެން ވާދަކުރާ ދެޓީމު ކަމަށްވާ ވެސްޓް ހޭމް ޔުނައިޓެޑާއި އެވަޓަން ބައްދަލުކުރި މެޗު ދެ ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައިވަނީ ވެސްޓް ހޭމް އިންނެވެ. މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 17 ވަނަ މިނެޓުގައި ޖަހާ މެޗުގެ ލީޑު ނަގައިފާވަނީ އެވަޓަން އިންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އިދްރީސާ ގުއޭޔޭއެވެ. މި މެޗުގައި ވެސްޓް ހޭމް އިން ކާމިޔާބު ކުރި ފުރަތަމަ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ މެޗުގެ 41 ވަނަ މިނެޓުގައި ލޫކަސް ޕަކުއެޓާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މި މެޗުން ވެސްޓް ހޭމް މޮޅުވި ލަނޑު މެޗުގެ 64 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ނިކްލަސް ފުލްކްރޫގްއެެވެ. މި ކާމިޔާބީ އާއެކު ވެސްޓް ހޭމްއިން މިސީރީޒްގައި ފުރަތަމަ މެޗުން މޮޅުވެފައިވާއިރު އެވަޓަން ވަނީ ކުޅުނު ދެމެޗުން ވެސް ބަލިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ