މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގެ ކުރިން އެކަން ހުއްޓުވޭ ނަމަ، މީހުން މަރާ ހިސާބަށް ކަންކަން ދާން ނުޖެހޭ ކަމަށް ވިދާޅުވެ، ޑްރަގު ވިޔަފާރިވެރިންނަށް މަރުގެ އަދަބު ދިނުމާ ގުޅޭ ގޮތުން ރައީސް މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަތަކަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ފާޑުވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިދިޔަ ބުދަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވަނީ، ޑްރަގު އެތެރެ ކުރުމާއި އޭގެ ވިޔަފާރިކުރާކަން ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދޭން ކަނޑައެޅުމަށް ގާނޫނު އިސްލާހު ކުރުމަށް މަސައްކަތްތަކެއް ފެއްޓެވިކަން އިއުލާން ކުރައްވާފަ އެވެ.
އެކަމާ ގުޅޭ ގޮތުން މާރިޔާ ފާޑުވިދާޅުވެ ވާހަކަ ދެއްކެވީ ރޭ އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާގަ އެވެ.
ތަފްސިލު - މާރިޔާ ވިދާޅުވި ގޮތުގައި، މަސްތުވާތަކެތީގެ ނަމުގައި މަރުގެ ހުކުމްގެ ވާހަކަ ދައްކަވަނީ ސަރުކާރަށް ތާއީދު ހޯދުމުގެ ބޭނުމުގަ އެވެ. ފަލަސްތީނުގެ ނަން ވެސް މި ސަރުކާރުން ބޭނުން ކުރަނީ އެ ބޭނުމުގައިކަން އޭނާ ފާހަގަ ކުރެއްވި އެވެ. ހުރިހާ ކަމެއް ވެސް ކުރަނީ، އޭނާ ވިދާޅުވި ގޮތުގައި، ރައްޔިތުންނަށް އޮޅުވާލުމަށެވެ.
އެގޮތަށް އޮޅުވާލައިގެން ކުރާ އެއް ކަމަކީ، މާރިޔާ ވިދާޅުވި ގޮތުގައި، އިންޑިއާއާ އެކު މިދިޔަ ސަރުކާރުން ހެދި އަސްކަރީ އެއްބަސްވުންތަކާ ގުޅޭ ގޮތުން އިދިކޮޅުގައި ތިބި އިރު ދެއްކި ވާހަކަތަކާއި މިހާރު ވެރިކަން ލިބުމުން ކަންކަން ކުރާ ގޮތެވެ.
"އަދިވެސް އޮޅުވާލުމަށްޓަކައި [އިންޑިއާ ސަރުކާރުގެ އިސް ބޭފުޅުން] ދައުވަތު ދީގެން ގެނެސް އެ މީހުން ދެއްކެވި ވާކަތަކުން މި ދެކެވުނީ ކުރީގެ އޮތް އެގްރިމަންޓްތައް ވެސް އެކްސްޓެންޑް ކުރިކަން،" މާރިޔާ ވިދާޅުވި އެވެ.
"ބައްލަވާ އެ އެގްރިމަންޓްތައް އެ އޮތް ގޮތަކަށް އޮވެެގެން ކަންކަން ކުރެވުނު ނަމަ، ސަވަޔަލަންސް ވެސް ކުރެވޭނެ. އަޅުގަނޑުމެން ސަރުކާރުގައި އެ ސަވަޔަލަންސް ހުރި [އަދި އޭރު] މަސްތުވާތަކެތި މި ހިސާބަށް އައުމުގެ ކުރިން ހުއްޓޭ. ރައްޔިތު މީހާ މާރަކަށް ނުޖެހޭ."
މާރިޔާ ވިދާޅުވި ގޮތުގައި، އެގޮތަށް ޑްރަގު އެތެރެ ކުރުން ނުހުއްޓުވައި ސަރުކާރުން އުޅެނީ "ރައްޔިތެއް މަރާނުލެވިގެން"ނެވެ. އަދި މި ސިޔާސަތު ސަރުކާރުން އިއުލާން ކުރީ އަނެއްކާވެސް ކޮންމެވެސް "ބޮޑު ބޭފުޅެއްގެ ދަރިއެއް މަސްތުވާތަކެތި ބޭނުން ކުރަން ފެށުމުންތޯ" އާންމުން ސުވާލު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު އެއްވެސް މީހަކު ހިތަކަށް ނާރާ މި ސަރުކާރުން ކަމެއް ކުރާއިރު، އެ ކަމެއް ކުރަނީ ރައްޔިތަކު ބޭނުން ވެގެން ކަމަށް. ކޮންމެވެސް ބޭފުޅެއްގެ ދަރިއެއް ނުވަތަ ކޮންމެވެސް ގާތް މީހަކު ކަމެއް ކުރާތީ އެކަން އެ މީހާ ލައްވާ [ނުވަތަ] އެ ދަރި ލައްވާ ނުހުއްޓުވިގެން މުޅި ގައުމަށް އެހެން މީހަކު މަރަން ޖެހިގެންދާ ގޮތަށް ކަންކަން ހިނގާތީ ރައްޔިތުން މި ވާހަކަ ދައްކަނީ،" މާރިޔާ ވިދާޅުވި އެވެ.
އޭގެ އިތުރުން މާރިޔާ ރޭ ވިދާޅުވީ:
އަބަދު ވެސް ފެންނަނީ ސަރުކާރުން ދިރާސާއެއްގެ ތެރޭގައި އުޅެ، ރައްޔިތަކާ ހަމަށް ރަނގަޅު ކަމެއް ނުކޮށްދެވޭ ތަން
މި ސަރުކާރުން ކުރާ ހަމައެކަނި ކަމަކީ "ފުނި ފުންޏަށް" ސިޔާސީ މަގާމުތައް ދިނުން
ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށް ގިނަ ވަޒީފާތަކެއް ދިނުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި
"ރައީސް މުއިއްޒަށް އަޅުގަނޑު ދަންވާލަން އޮތީ ކިތަންމެ މަގާމެއް ދެއްވިޔަސް، އެ މަގާމުގައި ތިބޭ މީހުން ވެސް ހެސްކިޔާފައި ދައްކަނީ ސަރުކާރުން ކަންކަން ނުކުރާ ވާހަކަ. ސަރުކާރުގެ ނާގާބިލުކަމުގެ ވާހަކަ ދައްކަނީ. [ރައީސް] މުއިއްޒުގެ ނާގާބިލުކަމުގެ ވާހަކަ ދައްކަނީ،" މާރިޔާ ވިދާޅުވި އެވެ.
މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވޭ ނަމަ މަރާކަށް ނުޖެހޭ: މާރިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ