ޢަލީ އިޙްޞާން ފިރާޤް
ލޭމަދުވުމަކީ ހަށިގަނޑުގައި ބޭނުންވާ މިންވަރަށްވުރެ، ލޭގެ ރަތް ސެލްތައް (red blood cell) މަދުވާ ހާލަތަށް ކިޔާނަމެކެވެ. އެހެން އިބާރާތަކުން ދަންނަވާނަމަ އެއީ ލޭގައި ހުންނަން ޖެހޭ މިންވަރަށްވުރެ ހީމޮގްލޮބިން ދަށްކޮށް ހުރުމެވެ. މި ހާލަތަށް އެނީމިއާ (anemia) އޭ ކިޔައެވެ.
އެނީމިއާގެ އެކި ވައްތަރުތައް ހުރެއެވެ. އެގޮތުން މި މަޒުމޫނުގައި މި ބަލައިލަނީ އަޔަން ނުވަތަ ދަގަނޑުގެބައި މަދުވުމުގެ ސަބަބުން ޖެހޭ އެނީމިއާ (Iron deficiency anemia) ނުވަތަ ލޭމަދުވުމަށެވެ. މައިގަނޑު ނަމުންވެސް ދޭހަވާ ފަދައިން އަޔަން ޑެފިޝަންސީ އެނީމިއާ ޖެހެނީ ދަގަނޑު މަދުވުމުގެ ސަބަބުންނެވެ. ހަށިގަނޑުގައި އަޔަން މަދުވެއްޖެނަމަ ލޭގެ ރަތްސެލްތަކުގައި ހީމޮގްލޮބިން އެއް ނުއުފެދެއެވެ. ހަށިގަނޑުގެ ސެލްތަކަށް އޮކްސިޖަން އުފުލައިދެނީ ހީމޮގްލޮބިން މެދުވެރިކޮށެވެ.
އަލާމާތްތައް:
ލޭމަދުވުމުގެ ފުރަތަމަކޮޅު އަލާމާތްތައް ފާހަގަ ނުކުރެވި ހިނގައިދާނެއެވެ. ނަމަވެސް ދަގަނޑުގެ ބައި މަދުވުމުގެ ސަބަބުން ލޭ ވަރަށް ބޮޑަށް މަދުވެއްޖެނަމަ ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ވަރަށް ބޮޑަށް ވަރުބަލިކަން އިހްސާސްވެ ވަރުދެރަވުން، ގައިގެ ކުލަ ދޮންފޫޑުވުން، މޭގައި ރިއްސުމާއި ހިތުގެ ވިންދު އަވަސްވުމާއި ނޭވާކުރުވުން، ބޯ އެނބުރުމާއި ބޮލުގައި ރިއްސުން، އަތްފައި ފިނިވުން، ނިޔަފަތިތަކުގެ ކުލަ ބަދަލުވެ ހުދުވެފައި ހުރުމާއި ނިޔަފަތިތައް ފަސޭހައިން ބިނދޭގޮތްވުން، ކާހިތްނުވުން ފަދަ އަލާމާތްތައް ހިމެނެއެވެ.
ސަބަބުތައް
އަޔަން ޑެފިޝަންސީ އެނީމިއާ ޖެހެނީ ހަށިގަނޑުގައި ހީމޮގްލޮބިން އުފެއްދުމަށް ބޭނުންވާ ވަރަށް ދަގަނޑު ނެތުމުންނެވެ. ހީމޮގްލޮބިން އަކީ ލޭގެ ރަތްސެލްތަކުގެ ބައެކެވެ. ލޭގެ ރަތް ސެލްތަކަށް ރަތް ކުލަ ލިބެނީ ހީމޮގްލޮބިން ގެ ސަބަބުންނެވެ. ހަށިގަނޑުގެ ސެލްތަކަށް އޮކްސިޖަން ފޯރުކޮށްދެނީ ލޭގެ ރަތްސެލްތަކުގައިވާ ހީމޮގްލޮބިން މެދުވެރިވެގެންނެވެ. އެކަށީގެންވާ މިންވަރަށް ދަގަނޑުގެބައި ހިމެނޭ ކާތެކެތި ނުކާނަމަ އަދި ދަގަނޑުގެބައި ހަށިގަނޑުން ބޭރުވާނަމަ އަޔަން ޑެފިޝަންސީ އެނީމިއާ ޖެހެން މެދުވެރިވެއެވެ. މި ދަންނަވައިލަނީ ދަގަނޑު މަދުވުމުގެ ސަބަބުން ލޭ މަދުވުމަށް މެދުވެރިވާ ބައެއް ސަބަބުތަކެވެ.
1. ލޭ ފޭބުން ނުވަތަ ލޭ ބޭރުވުމުގެ ސަބަބުން: ލޭގެ ރަތް ސެލްތަކުގައި ދަގަނޑު ހުރެއެވެ. އެހެންކަމުން ލޭފޭބުން ނުވަތަ ލޭބޭރުވުމުގެ ސަބަބުން ދަގަނޑު މަދުވެއެވެ. ބައެއް އަންހެނުން މައްސަރުގެ ދުވަސްވަރުގައި ވަރަށް ގިނައިން ލޭ ބޭރުވެއެވެ. އޭގެ ސަބަބުން ލޭމަދުވުމުގެ ނުރައްކާއަށް ހުށައެޅެއެވެ. ހަމައެހެންމެ ގޮހޮރުގެ ބަލިތަކާއި، ބަނޑުން ނުވަތަ ގޮހޮރުން ދިގު މުއްދަތަކަށް ލޭ ފޭބުމަށް މެދުވެރިވާ ބަލިތަކުގެ ސަބަބުން އަޔަން ޑެފިޝަންސީ އެނީމިއާ ޖެހެން މެދުވެރިވެއެވެ.
2. ކެއުމުގައި ދަގަނޑުގެ ބައި މަދުވުން ނުވަތަ ނުހިމެނުން: ހަށިގަނޑަށް ބޭނުންވާ ދަގަނޑު ލިބެނީ ކާތަކެތީގެ ޒަރީއްއާއިންނެވެ. ދަގަނޑުގެ ހިމެނޭ ތަކެތި މާ މަދުން ބޭނުންކުރާނަމަ ހަށިގަނޑުގައި ދަގަނޑުގެބައި މަދުވެއެވެ. ކުޑަކުދީން ހެދިބޮޑުވުމަށް ދަގަނޑުގެ ބައި ވަރަށް މުހިންމެވެ.
3. ދަގަނޑުގެބައި ލޭއަށް ނަގައި ނުދިނުން: ކާނާއިން، ދަގަނޑުގެ ބައި ލެޔަށް ނަގައިދެނީ ކުޑަގޮހޮރުންނެވެ. ސީލިއަކް ޑިޒީޒް (celiac disease)ފަދަ ގޮހޮރުގެ ބަލިތަކުގެ ސަބަބުން ނިއުޓްރިއެންޓްސް ލޭގެ ތެރެއަށް ނެގުމަށް ހުރަސް އަޅައެވެ. ހަމައެހެންމެ، ކުޑަގޮހޮރު ސާޖަރީކޮށްގެން ނަގައިފައިވާނަމަ އެކަމުގެ ސަބަބުން ދަގަނޑާއި އެހެނިހެން ނިއުޓްރިއެންޓްސް ލޭގެ ތެރެއަށް ނަގައިދިނުމަށް އަސަރުކުރެއެވެ.
4. މާބަނޑުވުން: އަޔަން ސަޕްލިމެންޓް ނުދޭ ނަމަ ވަރަށް ގިނަ އަންހެނުންނަށް މާބަނޑުވުމުގެ ސަބަބުން ލޭމަދުވުގެ މައްސަލައާ ކުރިމަތިލާން ޖެހެއެވެ. އެހެނީ ހަށިގަނޑުގައި ހުންނަ ދަގަނޑުގެބައި މައިމީހާއަށާއި ހަށިގަނޑުގައި އުފެދެމުން އަންނަ ތުއްތުކުއްޖާއަށް ބޭނުން ކުރަންޖެހޭތީއެވެ.
ރިސްކު ފެކްޓާތައް:
ރިސްކުފެކްޓާރ (risk factor) އޭ ބުނާ ބަހުގެ މާނައަކީ ބައްޔެއް ޖެހުމުގެ ފުރުސަތު އިތުރު ކުރުވާ ކޮންމެ ކަމެކެވެ. ނުވަތަ ކޮންމެ ސަބަބެކެވެ. ތިރީގައި މިދަންނަވާ ފަރާތްތަކަކީ ދަގަނޑުގެބައި މަދުވުމުގެ ސަބަބުން ލޭމަދުވުމުގެ ފުރުސަތު އިތުރު ފަރާތްތަކެވެ.
· އަންހެނުން: އަންހެނުނަކީ އާންމުކޮށް ދަގަނޑުގެ ބައި މަދުވުމުގެ ސަބަބުން ލޭ މަދުވުމުގެ ނުރައްކާ އޮތްބައެކެވެ. މީގެ އިތުރުން މައްސަރު ކަންތަކުގެ ތެރޭގައި މާގިނައިން ލޭ ފޭބުމުގެ ސަބަބުން ވެސް މި ފުރުސަތު އިތުރުވެގެންދެއެވެ.
· ތުއްތު ކުދިންނާއި ކުޑަކުދިން: ހާއްސަކޮށް ދުވަސްނުފުރާ ވިހާ ކުދިންނާއި އުފަންވާއިރު ބަރުދަން ލުއިކޮށްތިބޭ ކުދިންނަށް އެކަށީގެންވާ ވަރަށް މައިމީހާގެ ކިރުގެ ޒަރީއްއާއިން ނުވަތަ އެހެންވެސް ގޮތަކުން ދަގަނޑުގެބައި ނުލިބުމުގެ ސަބަބުން ލޭ ދަށްވުމަށް މަގުފަހިވެއެވެ. ކުޑަކުދިން ބޮޑުވެގެން އަންނަ ދުވަސްވަރު ދަގަނޑުގެބައި ވަރަށް މުހިންމެވެ.
· ވެޖިޓޭރިއަނުން: ވެޖިޓޭރިއަނުންނަށް ލޭދަށްވުމުގެ ނުރައްކާ އޮތީ އެއްގަމުމަހުގެ ބާވަތްތައް ބޭނުންނުކުރާތީއެވެ. އެއްގަމު މަހަކީ ދަގަނޑުގެބައިން މުއްސަނދި ވެފައިވާ އެއްޗެކެވެ. ނަމަވެސް އެމީހުންނަށް މީގެ ނުރައްކާ ބޮޑުވަނީ އެހެން ކާނާގެ ބާވަތްތަކުން ދަގަނޑުގެބައި ނުލިބޭނަމައެވެ. ނުވަތަ ދަގަނޑުގެބައި ހުންނަ ތަރުކާރީއާއި މޭވާ އަދި ފެހިކަންގަދަ ފަތް ނުކާނަމައެވެ.
· ގިނައިން ލޭ ހަދިޔާކުރާ މީހުން: ލޭ ހަދިޔާ ކުރުމަކީ ހަށިގަނޑުގެ ދަގަނޑުގެބައި މަދުވާ ކަމެކެވެ. ނަމަވެސް މިއީ ވަގުތީ މައްސަލައެކެވެ. ދަގަނޑުގެބައި ހުންނަ ކާނާ ބޭނުންކުރުމުން މި މައްސަލައަށް ހައްލު ލިބިގެންދާނެއެވެ.
ރައްކާތެރުވުމަށް ކުރެވިދާނެ ކަންތައްތައް:
ދަގަނޑު މަދުވުމުގެ ސަބަބުން ކުރިމަތިވާ ލޭ މަދުވުމުގެ މައްސަލައަށް ހައްލު ހޯދުމަށްޓަކައި ދަގަނޑުގެބައިން މުއްސަނދިވެފައިވާ ކާނާ ބޭނުން ކުރަންޖެހެއެވެ. ދަގަނޑުގެބައިން މުއްސަނދިވެފައިވާ ކާނާ ތަކުގެ ތެރޭގައި ރަތްކަންގަދަ އެއްގަމުމަހާއި، ސީފުޑް، ބީންސް، ފެހިކަންގަދަ ފަތް، ހިއްކައިފައި ހުންނަ މޭވާ މިސާލަކަށް އެޕްރިކޮޓް އަދި ހިކި މޭބިސްކަދުރު ހިމެނެއެވެ. މީގެ އިތުރުން ދަގަނޑުގެބައި އަޅާފައިވާ ސީރިޔަލް (Iron-fortified cereals)ނުވަތަ ޕާންފަދަ ތަކެތި ހިމެނެއެވެ.
އެހެން ކާނާގެ ބާވަތްތަކަށްވުރެ ގިނައިން ހަށިގަނޑަށް މަހުގެ ބާވަތްތަކުން ދަގަނޑުގެބައި ލިބެއެވެ. މަސްނުކާ މީހެއްނަމަ، ދަގަނޑު ލިބޭ އެހެންކާނާތައް ކެއުމުގައި އިތުރުކުރަން ޖެހެއެވެ.
މިދެންނެވި ކަންތައްތަކުގެ އިތުރުން ކާނާގެ ބާވަތްތަކުގެ ތެރޭގައި ވިޓަމިންސީ ހިމެނޭ ބާވަތްތައް އިތުރުކުރުން ވަރަށް މުހިންމެވެ. އެއީ ވިޓަމިންސީއަކީ ދަގަނޑުގެބައި ހަށިގަނޑަށް ނަގައިދޭ މިންވަރު އިތުރު ކުރުމަށް އެހީތެރިވެދޭ އެއްޗެއްކެވެ. ވިޓަމިންސީ ހިމެނޭ ބާވަތްތަކުގެ ތެރޭގައި މޭބިސްކަދުރު، ބްރޮކޮލީ، ކިވީ، ފެހިކަންގަދަ ފަތް، މެލަން، ސްޓްރޯބެރީ، އަނބު، ފޭރު، އޮރެންޖު ހިމެނެއެވެ.
ލޭ މަދުވުމުގެ އެއްވެސް އަލާމާތެއް ނުވަތަ ނިޝާނެއް ފެންނަ ކަމުގައިވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދަށްކާށެވެ. ދަގަނޑުގެ ބައި ހިމެނޭ ބޭސްތައް އަމިއްލައަށް ބޭނުންކުރުމުގެ ބަދަލުގައި ފަރުވާގެ ކަންތައްތައް ކުރަން ޖެހޭނީ ޑޮކްޓަރުގެ އިރްޝާދާއެކުގައެވެ. އެހެނީ ދަގަނޑުގެބައި ހަށިގަނޑުގައި މާބޮޑަށް އިތުރުވެއްޖެނަމަ އެއީ ވަރަށް ނުރައްކާވެދާނެ ކަމެކެވެ. އޭގެ ސަބަބުން ފުރަމޭ ހަލާކުވުމާއި، އެހެނިހެން ސިއްހީ މައްސަލަތަކާ ކުރިމަތިލާން ޖެހިދާނެއެވެ.
(ޢަލީ އިޙްޞާން ފިރާޤް އަކީ މެޑިސިންގެ ދާއިރާއިން ރާއްޖެއިން ބޭރުގައި ހުރެ ކިޔަވަމުން އަންނަ ދަރިވަރެކެވެ.)
ލޭމަދުވާ ސަބަބުތަކުގެ ތެރެއިން "އަޔަން ޑެފިސަންސީ އެނީމިއާ" އާއިމެދު އެނގުން މުހިންމު ބައެއް މަޢުލޫތާ ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ