އަޅުގަނޑުމެންނަށް ހީވާކަހަލަ ޢަޒާބަކީ ހަމައެކަނި ﷲ މަތިން ހިލައިގެ ވާރޭ ވެއްސެވުމެވެ. ޢަޒާބަކީ ހަމައެކަނި އަހަރެމެންގެ ވަށައިގެން މިއޮތް ކަނޑުތައް (އުތުރި) އެރުމެވެ. އެއެއް ނޫން ހަމައެކަނި ޢަޒާބަކީ.
އެއަށްވުރެ މާ ބޮޑެތި ޢަޒާބުތަކާމެދު އަޅުގަނޑުމެން ވަނީ ޣާފިލްވެފަ. ކަށްވަޅުގެ ވާހަކަ ދެއްކެނީ. މަރުގެ ވާހަކަ ދެއްކެނީ. މަޙްޝަރުގެ ވާހަކަ ދެއްކެނީ. ނަރަކައިގެ ވާހަކަ ދެއްކެނީ. ސުވަރުގޭގެ ވާހަކަ ދެއްކެނީ. ހިސާބުގެ ވާހަކަ ދެއްކެނީ. ހަމަ އެކައްޗެއްވެސް ހިތަކަށް ނާރާ. އެއަށްވުރެ ބޮޑު ޢަޒާބެއް ކޮބައިތޯ؟
ހިތްތައް ހަރުވުމަށްވުރެ ޢަޒާބެއް ކޮބައިތޯ؟ ހިތްތަކަށް ޤުރުއާނުން އަސަރު ނުކުރުމަށްވުރެ ބޮޑުވެގެންވާ ވޭނެއް ކޮބައިތޯ؟ ﷲ ސުބުޙާނަހޫ ވަތަޢާލާ ހިތްތަކަށް ޝިފާއެއްކަމުގައި، ޢީމާނުގެ އަހުލުވެރިންނަށް ބާއްވާލެއްވި ޝިފާއެއް ކަމުގައި، ތެދުމަގެއްކަމުގައި ބާވާލެއްވި ޤުރުއާނުން އަސަރު ނުކުރުމަށްވުރެ ބޮޑުވެގެންވާ ޢަޒާބެއް ކޮބައިތޯ؟
ނަސޭޙަތް ދެވެނީ. އިރުޝާދު ދެވެނީ. ޢަޒާބުގެ ވާހަކަ ޘަވާބުގެ ވާހަކަ ދެއްކެނީ. ހަމަ އެކައްޗެއް ހިތަކަށް ނާރާ. އެކަމަކު ދުނިޔަވީ ކަމެއްގެ ފަހަތުން ގޮވާ ލެވިއްޖެއްޔާމު ފެންނާނެ ޖަމާޢަތްތައް ނިކުމެގެން ދާތީ. ކުޑަކުޑަ ފައިސާ ފޮއްޗަކަށް މީހުން އަޅުވެތިވާތީ ފެންނާނެ. އެއީ މިދެންނެވި ޢީމާންކަމާއި ތަޤުވާ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެނެސްދެއްވި އެއްކައުވަންތަކަމުގެ ޢަޤީދާ، ކީރިތި ޤުރުއާނުގެ މާތް ކަމާއި މަތިވެރިކަން އަޅުގަނޑުމެންގެ ހިތުގައި ނެތީމަ.
ޤުރުއާން އަޑުއައްސަވާ! ޤުރުއާން އަޑުއައްސަވާ! ޢީމާންކަމުގެ ލައްޒަތު އިޙްސާސް ކުރެވޭނެ. ޤުރުއާނަކީ ﷲ ތަޢާލާ ބާއްވާލެއްވި އެކަލާންގެ ކަލާމްފުޅު. އެހެންވެ ޤުރުއާނުގައި ﷲ އަންގަވާފައި އެވަނީ --- "އެމީހުންނަށް ތިމަން ރަސްކަލާންގެ އާޔަތްތައް ކިޔެވޭ ކަމުގައި ވާނަމަ އެމީހުންގެ ޢީމާންކަން އިތުރު ވާނެއެވެ." --- "އެމީހުންގެ ވެރި ރަސްކަލާންގެއަށް އެމީހުން ވަކީލު ކުރާނެއެވެ." އެހެން ފަރާތަކަށް ބަރޯސާއެއް ނުވާނެ. އެހެން ފަރާތެއްގެ ކުރިމަތީގައި ނިކަމެއްޗެއް ނުވާނެ. އެހެން ފަރާތެއް ކުރިމަތީގައި ތިމާ ސަޖިދަ ޖަހަންޖެހޭކަން ޤަބޫލެއް ނުކުރާނެ. އެހެން އެއްވެސް ފަރާތަކަށް އޭނާގެ މައްޗަށް ބާރު ފޯރުވޭނެ ކަމަކަށް އޭނަ ޤަބޫލެއް ނުކުރާނެ. އޭނައަކީ މިނިވަނެއް. ﷲ ގެ އަޅެ ހަމައެކަނި.
- ޝައިޚް އަޙްމަދު ސަމީރުގެ ދަރުސަކުން
އެންމެ ބޮޑު ޢަޒާބަކީ ކޮބައިކަންވެސް ގިނަބައަކަށް އޮޅިއްޖެ! ދަނީ ޢަޛާބް ލިބިގަންނަމުން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ