ނަފްސް އެދޭހާ ކަންކަން ކުރަން ބޭނުންވުމާ ދެވިހިފުމަކީ ކިތަންމެ ބޮޑު ދެރައެއްވެސް ލިބިދާނެ ކަމެއް!

އިންސާނާގެ ނަފްސް ވަރަށް ގިނަ ކަންކަމަށް އަބަދުވެސް އެދޭނެއެވެ. އެދޭހައި ކަންކަން ކުރަންވެއްޖެނަމަ އެމީހަކަށް ހިތާމަތައް ކުރިމަތިވުން ވަރަށް ގާތެވެ. ވީމާ ހެޔޮ ޢަމލުކުރުން ނޫން އެއްވެސް ކަމަކަށް ދެވިނުހިފާށެވެ.
ތިމާއަށް ހެނދުނު އެއްވެސް ކަމެއް ކުރެވޭނީ ކޮފީ ތަށްޓެއް ބޮއިގެން ކަމަށް ނުހަދާށެވެ. އެކޮފީތަށި ނުލިބޭ ދުވަހެއްވެސް އަތުވެދާނެއެވެ. އެދުވަހަކުން އެއްވެސް ކަމެއް ނުކުރެވޭ މީހެއްގެ ގޮތުގައި ހުންނަންވީހެއްޔެވެ؟ އެގޮތެއް ކަމަކު ނުދާނެއެވެ. ކޮފީތަށި ނުލިބުނަސް އެމީހަކަށް ކުރަންޖެހޭ ކަންކަން ކުރެވެންވާނެއެވެ. 
އެހެންވެ މަޝްހޫރު ޅެމެއްގައިވެއެވެ. ނަފްސަކީ މައިމީހާގެ ގާތުން ކިރުބޯ ކުއްޖެއް ފަދަ އެއްޗެކެވެ. ކުއްޖާއަށް ކިރު ލިބޭހައި ދުވަހަކު ކިރުބޯން ބޭނުންވާނެއެވެ. އެކަން ހުއްޓުވޭނީ ކުއްޖާ ބޮޑުވުމުން މައިމީހާ އެކަން ހުއްޓުވީމައެވެ. 
އަހުރެމެންގެ ކަންކަން ހުއްޓުވަން ދުރުން މީހަކު ނުއަންނާނެއެވެ. އެއީ އެމީހަކު އަމިއްލައަށް ކުރަންޖެހޭނެ ކަމެކެވެ. ކޮންމެ ކަމެއްވެސް ކުރަން އޮތީ އެމީހަކަށް އެކަމަކާއި ނުލައި އުޅެވޭނެ މިންވަރަކަށެވެ. އެހެނީ ﷲ ތަޢާލާ ދެއްވަވާ ކޮންމެ ނިޢްމަތަކީވެސް ކޮންމެ ވަޤްތަކުވެސް އަނބުރާ ގެންދަވައިފާނެ އެއްޗެކެވެ. އަހުރެމެން ތިބެންޖެހޭނީ އެކަމަށް ތައްޔާރުވެގެންނެވެ. 
މިއަދު އެންމެ ޢާންމު ކަމަކަށްވެފައި އޮތް އެއްކަމަކީ ރޭގަނޑު ބޭރަށްގޮސް އެކުވެރިންނާއިއެކު ވަޤުތު ހޭދަކޮށްލާފައި ނޫނީ ނުނިދޭ މައްސަލައެވެ. އެމީހުން އެތިބީ އެކަމަށް ދެވިހިފައިފައެވެ. އެކަމުގެ ސަބަބުން ލިބޭ ގެއްލުމަށް ވިސްނައިވެސް ނުލައެވެ. 
މިބާވަތުގެ ނުބައި އާދަތަކަށް ދެވިހިފައިފިނަމަ އެމީހެއްގެ ދިރިއުޅުމަށް އަބަދުވެސް ނުރަނގަޅު އަސަރުތަކެއް ކުރާނެއެވެ. އެކަނި ތިބޭ މީހުންނަށްވެސް ކުރާނެއެވެ. ޢާއިލީ ދިރިއުޅުމެއް އުޅޭނަމަ ލިބޭދެރަ ވަކިން ބޮޑުވާނެއެވެ. ވީމާ ކާމިޔާބު، އުފާވެރި ދިރިއުޅުމަކަށް އެދޭ ކޮންމެ މީހަކުވެސް މިކަންކަމަށް ވިސްނަންވާނެއެވެ.
 
- އަލަފް / މިއަދުނޫހަށް
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ