ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅަކަށް ވެވުމުން އެކަން އެންމެ ރަނގަޅަށް އެނގޭނީ ހަމަ އެމީހަކަށެވެ! އެއިރުން އެމީހާ އެކަނި ހުންނަ ޙާލަތުގައިވެސް ކިތަންމެ ކުޑަ ފާފައެއްވެސް ބިރުވެތިވެވޭނެއެވެ. ހަވާނަފްސް އެދޭ ކަންކަން ކުރަން ކިތަންމެ ބޮޑަށް މަގުފަހިވެފައި އޮތް ނަމަވެސް ﷲ ތަޢާލާއަށް ބިރުވެތިވެ ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ އެއްވެސް ކަމެއް ނުކުރާނެއެވެ.
ﷲ ތަޢާލާއަށް އީމާންވެގެން ހުންނަ މީހަކާއި ޝައިޠޯނާއަށް ކައިރިނުވެވޭނެ ދެވަގުތެއް ވެއެވެ. އެއީ އޭނާ ސަޖިދައިގައި އޮންނަ ވަގުތާއި ދުޢާކުރާ ވަގުތެވެ. މިދެވަގުތުގައި ޝައިޠޯނާއަށް ކައިރިވެވޭނަމަ އެމީހެއްގެ އީމާންކަމުގައި މައްސަލައެއް އުޅޭނެވެ. މާނައަކީ އީމާންކަން ބަލިކަށިވެ ޝައިޠޯނާގެ ބަހަށް ހެއްލެވި ނުބައި ޢަމަލުތަކެއް ކުރެވޭކަމެވެ.
މީސްތަކުންނަށް ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަންވެވެނީ ސަޖިދައިގައި އޮންނަ ވަގުތުގައެވެ. ދެން ދުޢާކުރާ ވަގުތުގައެވެ. އަދި ޝައިޠޯނާ އެންމެ ބޮޑަށް ކަންބޮޑުވާނީވެސް އަދި ރުޅިގަދަވާނީވެސް މިދެވަގުތުގައެވެ. އެކަމުގެ ސަބަބުތަކުގެ ވާހަކަ ވަރަށް ގިނައިން ދެކެވެއެވެ. މިރޭ ބަލައިލަން ބޭނުންވެގެން މިއުޅެނީ ސަޖިދައިގައި އޮންނައިރުގައާއި ދުޢާކުރާ ވަގުތުގައި ޝައިޠޯނާއަށް ހުރަސްއެޅޭ މައްސަލައަށެވެ.
އެކަން އެހެން އެވަނީ ތިމާ އަށް ﷲ ތަޢާލާ އާއި ކުއްތަން ނުވެވޭތީއެވެ. އެކަމަށް ކުރަންޖެހޭ މަސައްކަތްތައް ނުކުރެވޭތީއެވެ. ވީމާ ފުރަތަމަކަމަކަށް ކުރަން އޮތީ ﷲ ތަޢާލާ އާއި ކުއްތަންވެވޭނެ ގޮތަށް ތިމާގެ ޢަމަލުތައް ބެހެއްޓުމެވެ. އެކަން ކުރެވޭނެ މަގުވެސް ﷲ ތަޢާލާ ވަނީ ވަހީކުރައްވަވައިފައެވެ.
ފުރަތަމަކަމަކަށް ފަރުޟުތައް އަދާކުރާށެވެ! އެއަށްފަހު ސުންނަތް އަޅުކަންކުރުން ގިނަކުރާށެވެ! އެއިރުން އެމީހަކަށް ބޭނުންވާނެ ހުރިހާ ނިޢްމަތްތަކެއް ﷲ ތަޢާލާ މިންވަރުކުރައްވަވާނެތެވެ! އެމީހަކާއި އެންމެ ގާތުގައި ﷲ ތަޢާލާ ވޮޑިގެންވާނެތެވެ. އަދި އެމީހަކަށް ކުރިމަތިވާ ކޮންމެ ކަމަކުން އެމީހަކު ޙިމާޔަތްކުރައްވަވައި ދެއްވަވާނެތެވެ. އެމީހާގެ ބޭނުންތައް ފުއްދަވައި ދެއްވަވާނެތެވެ!
އެފަދަ މީހަކަށް ވެވުމުން ޝައިޠޯނާއަކަށް އެމީހަކާއި ކައިރިވެސް ނުވެވޭނެއެވެ. ޖެހޭނީ ހަމަ ދުރުގައި ބަލަން ހުންނާށެވެ!
--ބިލާލް އައްސަދުގެ ދަރުސަކުން
ސަޖިދައިގަ އޮންނައިރުގައާ ދުޢާކުރާއިރު ޝައިޠޯނާއަށް އެމީހާގެ މައްޗަށް ބާރުހިންގޭނަމަ އެއީ ވަރަށް ބޮޑު ނުރައްކަލެއް! ޢަމަލުތައް އިޞްލާޙްކުރުން އަވަސްކުރަން ޖެހޭނެ ކަމެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ