ޓީމޫ ފަދަ ވެބްސައިޓުތަކުން ފީ ނަގަން ފެށުމުން ދިވެހީން ރަތަށް! ޓީމޫ ފަދަ ވެބްސައިޓުތަކުން ފީ ނަގަން ފެށުމުން ދިވެހީން ރަތަށް!

ޓީމޫ އާއި ޝީން ފަދަ ވެބްސައިޓުތަކުން ކުރާ ކޮންމެ ވިޔަފާރިއަކަށް 30 ޕަސެންޓުގެ ފީއެއް ނަގަން ބޭންކް އޮފް މޯލްޑިވްސް އިން ނިންމުމުން އާންމުންގެ ރުޅިގަނޑު ފަޅައިގެން ހިނގައްޖެ އެވެ.
ޓީމޫ، ޝީއިން، އަލިބާބާ، އަލީ އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އިން ކުރާ ކޮންމެ ވިޔަފާރިއެއްގެ 30 ޕަސެންޓު ފީއެއްގެ ގޮތުގައި ބީއެމްއެލްއަށް ނަގަން ނިންމުމުން ނުރުހުން ފާޅުކުރި ގިނަ މީހުން ބުނެފައި ވަނީ ބީއެމްއެލްގެ އެ ނިންމުމަކީ ބޮޑެތި ވިޔަފާރިވެރިންގެ ހައްގުގައި ނިންމި ނިންމުމެއް ކަމަށެވެ.
"ސިޔާސީ މީހުންގެ ވިޔަފާރިތައް ފުނޑޭތީ ރައްޔިތުން ނިކަމެތި ކުރަން ކުރި ކަމެއް،" ފޭސްބުކްގައި މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ބުންޏެވެ.
ބީއެމްއެލްގެ ނިންމުމާ ދެކޮޅަށް ހިޔާލުފާޅުކުރި ބައެއް މީހުން ބުނެފައި ވަނީ ބީއެމްއެލްގެ ނިންމުމަކީ ކުދި ވިޔަފާރިތައް ކުރާ މީހުންނަށާއި އަމިއްލަ ބޭނުމަށް ބޭރުން ތަކެތި ގަންނަ މީހުންނަށް ހުރަސް އެޅުމަށް ކުރި ކަމެއް ކަމަށެވެ. އަދި އެ ނިންމުން ދިވެހި ރައްޔިތުން ބަލައި ނުގަންނާނެ ކަމަށް އެމީހުން ބުނެފައިވެ އެވެ.
ބީއެމްއެލްގެ ނިންމުމާމެދު ހިތްހަމަނުޖެހުން ފާޅުކުރި އެހެން ބައެއް މީހުން ބުނީ އެ ބޭންކުން މިއަދު ގެނައި ބަދަލާއެކު ބީއެމްއެލްގެ ޑެބިޓު ކާޑު މެދުވެރިކޮށް ކުރާ ވިޔަފާރިތައް ދެން ކުރަންޖެހޭނީ ކަޅު ބާޒާރުގައި ޑޮލަރު ލިބެން ހުރި އަގުގައި ކަމަށެވެ.
"ވަރަށް ސާފު ބޮޑުވެގެންވާ ސްކޭމެއް، ކީއްވެގެންތަ ނުސީދާކޮށް ޑޮލަރު ރޭޓު އެ ކަނޑައެޅީ ބޭންކުން، ޑޮލަރެއް ބޭންކު ރޭޓުގައި 15.42ރ. ދެން އެ ބުނާ 30 ޕަސެންޓެއް ނެގީމަ 20ރ. މިއީ ކިހިނެއް ވާކަމެއް، ބްލެކް މާކެޓުގައި އިން ވަރަށްވުރެ ވެސް ބޮޑުކޮށް މި ވިއްކަނީ ބޭންކުން ޑޮލަރު،" ފާތިމަތު އަރޫޝާގެ ނަމުގައި ހިންގާ ފޭސްބުކް އެކައުންޓަކުން ބުނެފައިވެ އެވެ.
އާންމުން ނުރުހުން އަމާޒުވާން ފެށުމުން ބީއެމްއެލް އިން މިރޭ ވަނީ އެ ބޭންކުން ނިންމި ނިންމުމުގެ ދިފާއުގައި ކުރު ބަޔާނެއް ސޯޝަލްމީޑިއާއަށް ދޫކޮށްލައިފަ އެވެ.
ބީއެމްއެލް އިން ނެރުނު ބަޔާނުގައި ބުނީ ޓީމޫ އާއި ޝީން ފަދަ ވެބްސައިޓުތަކުން ކުރާ ކޮންމެ ވިޔަފާރިއަކަށް 30 ޕަސެންޓުގެ ފީއެއް ނަގަން ނިންމީ ގިނަ މީހުންގެ ބޭނުންތަކަށް އިސްކަން ދިނުމުގެ ގޮތުން ކަމަށެވެ.
ނަމަވެސް ބީއެމްއެލްގެ އެ ބަހަނާއާ ގުޅިގެން އަނެއްކާ ވެސް އާންމުން ވަނީ ނުރުހުން ފާޅުކޮށް ސޯޝަލްމީޑީއާގައި ހިޔާލުފާޅު ކުރަން ފަށައިފަ އެވެ.
އެގޮތުން ހިޔާލުފާޅުކުރި ގިނަ މީހުން ބުނެފައި ވަނީ ގިނަ މީހުންނަކީ އަމިއްލަ ބޭނުންތަކަށް ރާއްޖެއިން ބޭރުން މުދާ ގެންނަ މީހުން ކަމަށެވެ.
"ކޮލެޓީ ރަނގަޅު އަންނައުނާއި ޒަރޫރީ ބޭނުންތަކަށް ބޭނުން ކުރާ ސާމާނު އޮންލައިންކޮށް ހިތްފަސޭހަ އަގެއްގައި ހިނިތުންވެލާފައި ރަށްފުށުގެ ސާދާސީދާ ދިރިއުޅުމުން ލިބޭ މަދު އާމްދަނީން ފުދިފައިވި ރައްޔިތެކެވެ، ވެރިރަށް ކުލި މާލޭ މަޖީދީމަގު ފިހާރަތަކުގެ ދަށުގެ ތާށިވެ ދިވެހީން އަބަދަކު ތިބޭކަށް ނުޖެހޭ،" ހުސައިން ސަޒްލީންގެ ނަމުގައި ފޭސްބުކްގައި އެކައުންޓެއް ހިންގާ މީހަކު ބުނެފައިވެ އެވެ.
ބީއެމްއެލްގެ ނިންމުމާމެދު ހިތްހަމަނުޖެހުން ފާޅުކުރި ބައެއް މީހުން ވަނީ ބީއެމްއެލް ދޫކޮށް އެހެން ބޭންކެއް ހޯދަން ޖެހިއްޖެ ކަމަށް ވެސް ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ