ދުނިޔޭގެ ކޮންމެ ދިމާލަކުން އަޔަސް، ރާއްޖެއިން އިންވެސްޓަރުންނަށް މަރުހަބާ ކިޔާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހަލާލް ޓޫރިޒަމަށް ހާއްސަކޮށް ރިސޯޓު ތަރައްގީ ކުރުމަށް ވަކި ރަށްތަކެއް ކަނޑައަޅައި އެ ކަމަށް އިންވެސްޓްކުރާ ފަރާތްތަކަށް ހާއްސަ ލުއިތަކެއް ދޭން ނިންމާފައިވާކަން އިއުލާނުކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އެގޮތުން، ރާއްޖެ އޮތީ އިންވެސްޓްމަންޓުތަކަށް ތައްޔާރަށް ކަމަށާއި ރާއްޖޭގައި އިންވެސްޓްރުކުރުމުގެ ފުރުސަތު މުޅި ދުނިޔެއަށް ހުޅުވާލާފައިވާ ކަމަށް، އަދި ރާއްޖެއިން ހުރިހާ އިންވެސްޓަރުންނަށް މަރުހަބާ ކިޔާނެ ކަމަށް ރައީސް އިނގިރޭސި ބަހުން ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.
"ރާއްޖެ އޮތީ އިންވެސްޓްމަންޓުތަކަށް ތައްޔާރަށް. ދުނިޔޭގެ ހުރިހާ ދިމާލަކުން އަންނަ އިންވެސްޓަރުންނަށް ރާއްޖެއިން މަރުހަބާ ކިޔާނެ،" އެމަނިކުފާނު ލިޔުއްވާފައިވެ އެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވެފައި މިވަނީ، މި ސަރުކާރަށް ފާހަގަކޮށްލެވޭ ވަރުގެ އިންވެސްޓްމަންޓުތަކެއް ނުގެނެވޭ ކަމަށް ބުނެ އިދިކޮޅު ސިޔާސީ ފަރާތްތަކުން ސަރުކާރަށާއި ރައީސަށް ފާޑުކިޔަމުން ދަނިކޮށެވެ. ސަރުކާރުން ފެށި ގިނަ މަޝްރޫއުތަކެއް މަޑުޖެހި، ގެންނަ އިންވެސްޓަރުންގެ ސައްހަކަމާމެދު އެ ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.
އެ މަޝްރޫއުތަކުގެ ތެރޭގައި ތިނަދޫ ސިޓީގައި ތަރައްގީކުރަން އިއުލާނުކުރި އެއާޕޯޓާއި، ގަތަރުގެ ޝާހީ އާއިލާއަށް ނިސްބަތްވާ ޝެއިހު ނަޔެފް ބިން އީދް އަލް ތާނީގެ ކުންފުންޏެއް ކަމަށްވާ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްއިން ހުޅުމާލޭގައި އަޅަން ނިންމި ފައިނޭންޝަލް ސެންޓަރު ހިމެނެ އެވެ. މި ދެ މަޝްރޫއުގެ މަސައްކަތްތެއް މިހާތަނަށް ލޮލަށް ފެންނާކަށް ނެތެވެ.
މީގެ އިތުރުން، މި ސަރުކާރުން އެކި ގައުމުތަކުގައި ބާއްވަމުންދާ އިންވެސްޓްމަންޓު ފޯރަމްތަކުން މިހާތަނަށް ރަނގަޅު އިންވެސްޓްމަންޓެއް ނުގެނެވޭކަން ވިޔަފާރިވެރިން ވެސް ވަނީ ފާހަގަކޮށްފަ އެވެ. ސަރުކާރުން ދަނީ އަންނަ މަހު ސިންގަޕޫރުގައި އިތުރު އިންވެސްޓްމަންޓު ފޯރަމެއް ބާއްވަން ތައްޔާރުވަމުންނެވެ.
މިއަދު އިއުލާނުކުރި ހަލާލް ޓޫރިޒަމް ޕްލޭނުގެ ދަށުން ހާއްސަ ކުރެވޭ ރަށްތަކާއި ދެވޭ ލުއިތައް އަންނަ ހަފުތާގެ ތެރޭގައި އިއުލާނު ކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.
ރައީސް ވިދާޅުވީ ދުނިޔޭގެ ކޮންމެ ދިމާލަކުން އަޔަސް ރާއްޖެއިން އިންވެސްޓަރުންނަށް މަރުހަބާ ކިޔާނެ ކަމަށް ރައީސް ވިދާޅުވީ ދުނިޔޭގެ ކޮންމެ ދިމާލަކުން އަޔަސް ރާއްޖެއިން އިންވެސްޓަރުންނަށް މަރުހަބާ ކިޔާނެ ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ