ލޭއޮހުރުވުމުކަށް ދާން ބޭނުން ނުވާ ކަމަށް ބުނެ ވެގްނާ ސިފައިން އަނބުރާ ޔޫކްރެއިނަށް

ރަޝިއާ ރައްޔިތުންގެ ލޭއޮހޮރުވަން ބޭނުން ނުވާ ކަމަށް ބުނެ މޮސްކޯއަށް ނުގޮސް އަނބުރާ ޔޫކްރެއިނަށް ދާން އޭނާގެ ސިފައިންނަށް އަމުރުކޮށްފައިވާ ކަމަށް ވެގްނާ ކުލީ ސިފައިންގެ ގުރޫޕުގެ ލީޑަރު ޔެވްގެނީ ޕްރިގޯޒިން ބުނެފިއެވެ. ވެގްނާ ގްރޫޕުން ރަޝިއާ ސަރުކާރާ ދެކޮޅަށް ތެދުވީ އެ މީހުންގެ ބަޔަކު ތިބި ދަނަކަށް މިސައިލް ހަމަލާތަކެއްދީ ގިނަ އަދަދެއްގެ ސިފައިން މަރާލާފައިވާ ކަމަށް ތުހުމަތުކޮށެވެ. އެގޮތުން ޕްރިގޯޒިން ވަނީ ރަޝިއާ ސިފައިން ބަލިކޮށް ދިފާއީ ބާރުތަކުގެ ކޮންޓްރޯލް އޭނާގެ ދަށަށް ގެންނާނެ ކަމަށް ބުނެ އިންޒާރުދިނުމަށް ފަހު ރަޝިއާ ބޯޑަރު ހުރަސްކޮށްފައެވެ. މިއީ ވެގްނާއިން އިންސާފު ހޯދަން ކުރާ ކަމެއްގެ ގޮތުގައި ޕްރިގޯޒިން ސިފަކުރި ނަމަވެސް، ރަޝިއާ ސަރުކާރުން މި އަމަލުތައް ސިފަކުރީ ބަޢާޥާތެއްގެ ގޮތުގައެވެ. އެގޮތުން ވެގްނާގެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވަމުން ރަޝިއާގެ ރައީސް ވްލަޑަމީރް ޕޫޓިން ވަނީ ވެގްނާ ހުއްޓުވުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށް ވިދާޅުވެފައެވެ. https://www.sun.mv/178997 ކަންކަން މިހާ ހިސާބަށް ގޮސްފައި ވަނިކޮށް، ކުއްލިއަކަށް ނިންމުން ބަދަލުކުރި ސަބަބު ހާމަކުރަމުން ޓެލެގްރާމް ޗެނަލްތަކުގައި ހިއްސާކުރި މެސެޖެއްގައި ޕްރިގޯޒިން ބުނީ 24 ގަޑިއިރުގެ ތެރޭގައި މޮސްކޯއާ 200 ކިލޯމީޓަރު ގާތަށް ދިޔުމަށް ފަހު އަނބުރާލަން އޭނާގެ ސިފައިންނަށް އަމުރުކުރީ އިތުރަށް ކުރިޔަށް ދާން ވެއްޖެ ނަމަ ލޭއޮރުވަން ޖެހޭނެތީ ކަމަށެވެ. ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ޕްރިގޯޒިންގެ މިގޮތަށް ނިންމީ ރަޝިއާ ގާތް ގުޅުމެއް އޮންނަ ބެލާރޫސްގެ ރައީސް އެލެކްޒެންޑާ ލުކަޝެންކޯ މެދުވެރިވެވަޑައިގެން ކުރެއްވި މަޝްވަރާތަކަށް ފަހުއެވެ. މިކަން ލުކަޝެންކޯގެ ޕްރެސް އޮފީހުން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި މިއީ ޕޫޓިންގެ ރުހުމާއެކީ ކުރިޔަށް ގެންދެވުނު މަޝްވަރާތަކެއް ކަމަށް ވެސް އެ އޮފީހުން ބުނެފައިވެއެވެ. މިގޮތަށް ނިންމުމުގެ ބަދަލެއްގެ ގޮތުން ވެގްނާ ސިފައިންނަށް ރައްކާތެރިކަން ރަޝިއާ ސަރުކާރުން ވަނީ ކަށަވަރުކޮށްދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ