ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހީމަށް ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ޔަގީން ކަމަށާއި ކަންކަން ހަމަޖެހުމުން ފުރަތަމަ ބުރުގެ ކެމްޕޭނަށް ވެސް ނުކުންނަވާނެ ކަމަށް ޑެޕިއުޓީ ލީޑަރު، އަމީން އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ކަމަށް ގާސިމް ހޮވަން، ޖުމްހޫރީ ޕާޓީން ކުރާ ކެމްޕޭންތަކުގައި ގާސިމް ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. ނަމަވެސް އެކި އަތޮޅުތަކުގައި ކެމްޕޭން ޓީމުތަކުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެހެން ފަހަރުތަކާ ހިލާފަށް، ޖޭޕީގެ މައި ޖަގަހަ ކުނޫޒްގައި މި ފަހަރު ރިޔާސީ އިންތިހާބުގެ ކެމްޕޭން ބައްދަލުވުންތަކާއި ޖަލްސާތައް ވެސް މަދެވެ.
އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާންކުރެއްވުމަށް ފަހު، އެކަމާ ގުޅޭ ގޮތުން ގާސިމް އާއްމުންނާ ވާހަކަ ދެއްކެވީ ވެސް ރިޔާސީ ޓިކެޓާ ހަވާލުވެވަޑައިގަތް ޖަލްސާގަ އެވެ. އޭގެ ފަހުން އިންތިހާބާ ގުޅިގެން އެކި ޕާޓީތަކުގެ ބޭފުޅުންނާ ޕެރެޑައިސް އައިލެންޑް ރިސޯޓްގައި ބައްދަލުކުރެއްވުން ފިޔަވައި އަމަލީ ގޮތުން ކެމްޕޭންގައި ނޫޅުއްވަ އެވެ.
އެކަމަކު، ގާސިމް ރަށްރަށަށް ވަޑައިގެން ކެމްޕޭން ނުކުރައްވާ ސަބަބު، ކެމްޕޭންގައި އިސްކޮށް އުޅުއްވާ އަމީން މިއަދު ދިފާއުކުރެއްވި އެވެ. ގްރެޖުއޭޝަނަށް އިނގިރޭސި ވިލާތުގައި މިވަގުތު ހުންނެވި އަމީން ވިދާޅުވީ ކަންކަން ހަމަޖެހުމުން، ގާސިމް ވަރަށް އަވަހަށް ކެމްޕޭނަށް ނުކުމެވަޑައިގަންނަވާނެ ކަމަށެވެ.
ކެމްޕޭނަށް ނުނިކުންނަވައި ގާސިމް އަދި މަޑުކުރައްވާ އެއް ސަބަބަކީ އެންމެ ބޮޑު އިދިކޮޅު ޕާޓީ، ޕީޕީއެމަށް ވާ ގޮތެއް ބެލުން ކަމަށް ބައެއް މީހުން ކުރާ ތުހުމަތު އަމީން ދޮގުކުރެއްވި އެވެ. ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރިމަތިލެއްވުމުގެ ގާނޫނީ ފުރުސަތު ބަންދުވެފައި އަދި އޮތުމުން ފަހު ވަގުތު ރިޔާސީ ކެންޑިޑޭޓަކާ މެދު ޕާޓީގެ އިސް ގުނަނުން ގޮތެއް ނިންމަން މަޖުބޫރުވާނެ އެވެ.
އަމީން ވިދާޅުވި ގޮތުގައި އެ ހާލަތާ ހަމައަށް ގާސިމް މަޑުކުރައްވަނީއެއް ނޫނެވެ.
ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ޖޭޕީ
އިންތިހާބުގައި ވާދަކުރައްވާނެ ކަން ކޮންގްރެސްގައި ނިންމައި ކައުންސިލުން އިއުލާން ކުރެއްވި ގޮތަށް ގާސިމް ހުންނެވީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓެއްގެ ފަހަތަށް އަރާ ގޮތަށް ނޫން ކަމަށް ވިދާޅުވި އެވެ.
"އެހެން ނަމަ ކެންޑިޑެސީ އިއުލާންކުރުން ވެސް މަޑުކުރަންވީތާ. އެހެން ކަންކަން ވެސް މަޑުކުރަންވީތާ. އަޅުގަނޑުމެންނަށް ވާދަކުރަން އެންމެ ބޮޑު ވާދަވެރިއެއްގެ ގޮތުގައި މި ފެންނަނީ މިހާރުގެ ސަރުކާރު," އަމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ވިދާޅުވި ގޮތުގައި ގާސިމްގެ ފަހަތަށް އަރައި، ޖޭޕީއާ އެކު ކޯލިޝަން ހެދުމުގެ ފުރުސަތު އެބައޮތެވެ.
އަމީން ވިދާޅުވީ ކެމްޕޭން ކުރުމުގައި ގާސިމްގެ އޮތް ރެކޯޑް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީންގެ އަތްޕުޅުގައި ވެސް ނެތް ކަމަށެވެ.
"ގާސިމް އެހާ އެކްޓިވްކޮށް ހުރިހާ ރަށަކަށް ވަޑައިގަތް ބޭފުޅަކު މިފަހަރު ނުފެންނާތީ ކަންނޭނގެ އެ ސުވާލު އުފައްދަނީ. އަޅުގަނޑަކަށް ހިއެއް ނުވޭ އެއީ އެކަން ނުވެގެން ޝަކުވާ ކުރާވަރުގެ ކަމެއް ހެން," ގާސިމް ވިދާޅުވި އެވެ.
އަމީން ވިދާޅުވި ގޮތުގައި ގާސިމްއާ ބައްދަލުކޮށް ސިއްރު ވާހަކަ ދައްކަން ވަރަށް ގިނަ ބޭފުޅުން ބޭނުންވެ އެވެ. އެ ވާހަކަތައް އައްސަވަން މަޑުނުކުރެއްވޭ ނަމަ ވަކިވަކިން ރައްޔިތުންނާ ބައްދަލުކޮށްގެން ވެސް އުފަލެއް ނެތް ކަމަށް ގާސިމް ގަބޫލުކުރައްވާ ކަމަށް އަމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި އަހަރުގެ ވެސް ރިޔާސީ އިންތިހާބު ކައިރިވިއިރު މިނިވަން މާހައުލެއްގެ ފުރުސަތު ބަންދުވެއްޖެ ކަަމަށެވެ.
"މިސާލަކަށް ރައީސް ޔާމީން އެ ހުންނެވީ ޖަލުގައި. ގާސިމް ހުންނެވީ އިގްތިސާދީ ގޮތުން ތާށިކޮށްލާފައި. މިއީ ނޫންތޯ ވާދަކުރަން ނުކުންނަން ވިދާޅުވާއިރު މި ސަރުކާރުގެ ކަންތައްތައް ހުރި ގޮތަކީ. އަސްލު ވާދަކުރަން ހުރި ފުރުސަތުތައް އޮތީ ވަރަށް ބޮޑަށް ހަނިކޮށްލާފައި،" އޭނާ ވިދާޅުވި އެވެ.
ގާސިމް ކެމްޕޭނަށް ނުކުންނަވާފާނެތީވެ ހުރަސްއަޅަން މި ދޭތޭރެއިން ގާސިމްގެ ވިޔަފާރި މުއާމަލާތެއް ހުއްޓުވި ކަމަށް އަމީން ވިދާޅުވި އެވެ.
އޭނާ އެ އިޝާރާތް ކުރެއްވީ ވާވެއްދިފަޅު ވިއްކުން ހުއްޓުވި މައްސަލައަށެވެ. އެ ފަޅު ދޫކޮށްލީ މަހެއްހާ ދުވަސް ފަހުން ކަމަށާއި އެކަންކަން ހަމަޖެހެން ދުވަސްކޮޅެއް ނަގާނެ ކަމަށް އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވި ގޮތުގައި ޔާމީނަށް ވާދަނުކުރެއްވޭ ހާލަތެއްގައި ޕީޕީއެމްގެ ކެންޑިޑޭޓުންގެ ހިތުގައި ވެސް ދެވަނަ ކެންޑިޑޭޓަކަށް އޮންނަނީ ގާސިމް އެވެ. ކޮންމެ ބަޔަކާ ވާދަކުރަން ޖެހުނަސް އޭނާ ވިދާޅުވި ގޮތުގައި ދެ ވަނަ ބުރު ގާސިމަށް ކަށަވަރެވެ.
"ދެ ވަނަ ބުރެއްގައި އަޅުގަނޑުމެންނާ ވާދަކުރަން ތިބޭނީ އެމްޑީޕީތޯ ނުވަތަ ޕީޕީއެމްތޯ ރައީސް ޔާމީންގެ ކެންޑިޑެސީއަށް ވާ ގޮތަކުން އެނގޭނީ. ރައްޔިތުންނާ ބައްދަލުކޮށް މި ދެކެވުނު ވާހަކަތަކަށް ބަލާއިރު އަޅުގަނޑުމެން ވަރަށް ކޮންފިޑެންޓް އިރާދަކުރެއްވިއްޔާ," އަމީން ވިދާޅުވި އެވެ.
ކަންކަން ހަމަޖެހުމުން ގާސިމް ކެމްޕޭނަށް ނުކުންނަވާނެ: އަމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ