ވެރިކަން ލިބިވަޑައިގެންފިނަމަ ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކޮށް އަނިޔާވެރިކަން ނިމުމަކަށް ގެންނާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ރައްޔިތުންނާ މުހާތަބުކޮށް މުއިއްޒު ދެއްވި ހިތާބުގައި ވިދާޅުވީ ޕީޕީއެމް-ޕީއެންސީގެ ކޯލިޝަނުން، ދިވެހީންގެ ރާއްޖެ ދިވެހީންނަށް އަނބުރާ ހޯދައިދިނުމަށްޓަކައި ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނުކުމެ ތިބީ ވަރުގަދަ ޢަޒުމެއްގައި ކަމަށާއި ޤާނޫނީ ހަމަތަކުގެ މަތީން ރައީސް ޔާމީން މިނިވަންކޮށް، އަނިޔާވެރިކަމާ ބަދަލުހިފުމުގެ ރޫޙު ނިމުމަކަށް ގެނެސް، މި ޤައުމަށް ރަށްވެހިކަމާ އާރޯކަމުގެ އާ ޒަމާނެއް ގެނެސްދެއްވާނެ ކަމަށެވެ.
"ކޮންމެ ދިވެހި ރައްޔިތަކަށް ހިޔާވަހިކަމާ އާމުދަނީގެ މަގުތަކާ ވަޒީފާގެ ފުރުސަތު ކަށަވަރުކޮށްދޭނަން. ދިރިއުޅުމުގެ ޚަރަދުތައް ކުޑަކޮށްދީ، ތަޢުލީމާ ޞިއްޙަތާ އިޖްތިމާޢީ ކަންކަން ހަރުދަނާކޮށްދީ، ރައްޔިތުން އެދޭ ތަރައްޤީ ޢަމަލީގޮތުން ގެނަސްދޭނޭ ސަރުކާރެއް އަނެއްކާވެސް އަޅުގަނޑުމެން ޤާއިމުކޮށްދޭނަން. ހެޔޮވެރިކަމެއް މި ޤައުމުގައިކޮށް، ބޭރުގެ ނުފޫޒުތަކުން ސަލާމަތްވެފައިވާ މިނިވަން ރާއްޖެއެއް ލިބިއްޖެކަމުގެ އިޙްސާސް ދިވެހީންގެ ހިތްތަކަށް އަނެއްކާވެސް ވައްދައިދޭނަން،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ މާދަމާ ދިވެހީން ނިންމާ ނިންމުމަކީ، ރާއްޖޭގެ ޙާލަތަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި، ވިޔަވަތިކަމާ ތަމައްދުން މި ޤައުމަށް ގެނައުމަށްޓަކައި، މިނިވަން ދިވެހިރާއްޖެއެއް އަޅުގަނޑުމެންގެ ދަރީންނާ ދަރީންގެ ދަރީންނަށް ވާރުތަކޮށްދިނުމަށްޓަކައި ނިންމާ އިޚްލާޞްތެރި އަމާނާތްތެރި ނިންމުމަކަށް ވާން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑު މިއަދު މި ވަޢުދުވަނީ، ދިވެހި ލޮބުވެތި ރައްޔިތުން އެދިވަޑައިގަންނަވާ އަމާޒަށް މާތްﷲގެ ވާގިފުޅާއެކު މި ދިވެހިރާއްޖެ ގެންގޮސްދިނުމަށް. ރެޔާދުވާލު ތެދުވެރިކަމާއެކު ޤައުމަށް ޚިދުމަތްކޮށް، މި ޤައުމުގެ މަޖްދާ ކަރާމާތް ނެގެހެއްޓުމަށް. ދިވެހި ޤައުމަށާ ރައްޔިތުންނަށް ބާއްޖަވެރި ތަނަވަސް ދުވަސްތަކެއް ހޯދައިދިނުމަށް،" މުއިއްޒު ވިދާޅުވި އެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ.
ޔާމީން މިނިވަންކޮށް، އަނިޔާވެރިކަން ނިންމާނަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ