އަލީ ވަހީދަށް ދިމާވީ ހަސަވެރިންގެ އެތިފަހަރެއް: ގާސިމް

ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު އަދި ޖުމްހޫރީ ޕާޓީގެ ކުރީގެ ރައީސް އަލީ ވަހީދަށް ދިމާވީ ހަސަވެރިންގެ އެތިފަހަރެއް ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖިންސީ ގޯނާއާއި ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއްކޮށް، އެ ކުށަށް ދައުވާކޮށް، ފަހުން އެ ދައުވާތައް ސާބިތުކުރަން ބޭނުންވާ ހެކި ލިބޭނެ ގޮތެއް ނެތްކަމަށްބުނެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދައުވާތައް އަނބުރާ ގެންގޮސްފައިވާތީ އޭނާ ވަނީ އެނބުރި ރާއްޖެ އައިސްފައެވެ. އަދި ރާއްޖެއައުމަށްފަހު އަލީ ބައްދަލުކުރެއްވި ފުރަތަމަ ސިޔާސީ ބޭފުޅަކީ އޮނަރަބަލް ގާސިމް އިބްރާހިމެވެ.
ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް، އެކިދުވަސް މަތިން ޖިންސީ އަނިޔާއާއި، ޖިންސީ ފުރައްސާރަ ކުރިކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި އަލީ ވަހީދުގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވަނީ، 2020 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 18 ވަނަ ދުވަހުއެވެ.
ނަމަވެސް، އެ ދައުވާތައް ކުރިއަށް ދަނިކޮށް އޭނާ ރާއްޖޭން ބޭރަށް ދާން ހުއްދަދިނުމުން ފުރައިގެން ދިޔަގޮތަށް އެނބުރާ އައިސްފައިނުވާތީ މައްސަލަތައް ކޯޓުގައި ކުރިއަށް ނުގެންދެވި ހުއްޓުނީއެވެ.
ޕީޖީ އޮފީހުން ބުނީ، އެ އޮފީހުން އެ މައްސަލަ ކުރިއަށް ނުގެންދިއުމަށް ނިންމީ، އަނިޔާލިބުނު ފާރާތުގެ ހެކިބަހާނުލައި މައްސަލަ ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮތްތޯ ބަލައި ދިރާސާކުރި އިރު، މައްސަލައިގެ މައިގަނޑު ހެއްކަކީ އަނިޔާ ލިބުނު މީހުންނާއި ހެކިންގެ ހެކިބަސްކަމަށް ވާތީ، އެ ހެކިންގެ ހެކިބަހާ ނުލައި މައްސަލަ ސާބިތުކުރެވިދާނެ އެއްވެސް މަގެއް ނެތުމުން ކަމަށެވެ.
ގާސިމާއި ބައްދަލު ކުރައްވަން މާމިގިލީ އިންޓަނޭޝަނަލް އެއާޕޯޓަށް އަލީ ވަޑައިގަތުމުން އެއާޕޯޓުގައި ހުންނަވައި ދެއްވި އިންޓަވިއުއެއްގައި ގާސިމްވަނީ އަލީ ވަހީދުގެ ބޮލުގައި ބޮޑު އިލްޒާމެއް އެޅުވި އެކަންތަކުގެ ސަބަބުން ނިކަމެތި ކަމެއް ލިބިގެން ދިޔަ ކަަމަށާއި އެކަމުން އޭނާ ބަރީއަ ކުރުމަށް އެމަނިކުފާނަށް ކުރެވެން ހުރި މަސައްކަތްތަކެއް ކުރެއްވި ކަމަށް ވިދާޅުވެފައެވެ.
އަދި އަލީ ވަހީދު އިނގިރޭސިވިލާތުގެ ޖަލުގައި 20 ވަރަކަށް ދުވަހު ހޭދަކުރެއްވިއިރު، މިއީވެސް ބައެއްގެ ނުކިއްސަރު ރިޕޯޓެއް ލިބިގެން ދިމާވި ކަމެއް ކަމަށް ވިދާޅުވެ ގާސިމް ވިދާޅުވީ އެއީ އެއްވެސް ހައްގުން ކަމަކާ ނުލާ ކުރެވުނު ކަމެއް ކަމަށް އިނގިރޭސިވިލާތުގެ ކަމާއި ބެހޭ ފަރާތްތަކަށް ފަހުން އެނގިގެން ދިޔަ ކަމަށެވެ.
މިނިވަނެއްގެ ގޮތުގައި އަލީ މާލެ ވަޑައިގެންނެވިއިރު، ސުޕްރީމް ކޯޓުގައި ޕީޖީން އިސްތިއުނާފުކުރި މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރު ނުވުމުން އަލީ ވަހީދު ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމް ބާތިލުކޮށްފައިވާކަމުގެ ލިޔުން އެބައޮތްކަން އަލީ ރާއްޖެ ވަޑައިގެން ދެއްވި ފުރަތަމަ އިންޓަވިއުގައި ވަނީ ފާހަގަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ