އެމްޑީޕީ ހިންގުމަށް ވަގުތީ ކޮމިޓީއެއް އެކުލަވާލައި، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފުރުސަތު ދިނުމަށް ގަރާރެއް ހުށަހެޅުމަށް ނިންމައިފިއެވެ.
އެނގިފައިވާ ގޮތުގައި އެކަންތައްތަކަކީ އެމްޑީޕީގެ ތެރޭގައި ހިޔާލުތަފާތުވުންތަކާ ގުޅިގެން އެ ޕާޓީގެ އިސްވެރިންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު ނިންމަވާފައިވާ ނިންމުންތަކެކެވެ. އަދި އެ ނިންމުންތައް ގައުމީ މަޖިލީހުން ފާސްކުރުމަށް މިރޭ ބައްދަލުވުމެއް ބޭއްވުމަށް ވެސް ވަނީ ނިންމައިފައެވެ.
އެމްޑީޕީ ހިންގުމަށް އެކުލަވާލާ ފަސް ބޭފުޅުންގެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރޫ މޫސާ (ގަޕޯ) އާއި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި ކުރީގެ ރައީސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދުގެ އިތުރުން ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލެވެ. އެ ކޮމިޓީ ނެގުމަށް ހަމަޖެހިފައިވަނީ ދާއިމީ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު އިންތިހާބުކުރެވެންދެނެވެ.
ރައީސް ނަޝީދަށް ގައުމީ މަޖިލިސް މެންބަރުކަން ދިނުމަށް ވެސް މިރޭގެ ބައްދަލުވުމުގައި ގަރާރު ހުށަހެޅުމަށް ވަނީ ނިންމައިފައެވެ. އެއީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ކުރީގެ ރައީސުންނަށް ގައުމީ މަޖިލީހުގެ މެންބަރުކަން ދޭން ނިންމާ ގަރާރެވެ.
އޭގެ އިތުރުން ހަމަނުޖެހުންތަކުގެ ތެރެއިން ވަކިކުރި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) އާއި ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފަށް އަލުން މަގާމުތައް ދިނުމަށް ވެސް ވަނީ ނިންމައިފައެވެ. އަދި ގަޕޯގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ނެގުމަށް ވެސް ނިންމާފައިވެއެވެ.
އެމްޑީޕީ ހިންގަން ކޮމިޓީއެއް ނަގައި، ނަޝީދަށް ގައުމީ މަޖިލިސް މެންބަރުކަން ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ