10 ރުފިޔާ ނޫޓުގެ ސްޓޮކް މަދުވުމާއި އަދި ބައުވެ ހަލާކުވާ ނޫޓުތައް އާކުރުމަށް ރަން ދިހަފަހެއް ސީރީޒްގެ 10 ރުފިޔާގެ އާ ޗާޕެއް މިއަދު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ގެނެސްފިއެވެ.
އެމްއެމްއޭ އިން ބުނީ، އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ ނޫޓްތައް ދައުރުވާ ފައިސާގެ ތެރެއަށް ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެ އޮތޯރިޓީއިން ހާމަކުރި ގޮތުގައި، 10 ރުފިޔާގެ ނޫޓަކީ ދަށް ޑިނޯމިނޭޝަންގެ ނޫޓަކަށް ވާތީ ވިޔަފާރީގެ މުއާމަލާތްތަކުގައި މާރުކުރުމަށް އާންމުކޮށް 10 ރުފިޔާގެ ނޫޓު ބޭނުންކުރާ މިންވަރު ގިނައެވެ. މީގެ ސަބަބުން ނޫޓު ހަލާކުވާ މިންވަރު އިތުރުވާ ކަމަށާއި ފައިސާގެ ބޮޑެތި އަދަދުތަކުގެ މުއާމަލާތްތައް ކުރުމަށް އާންމުކޮށް މިފަދަ ނޫޓު ބޭނުން ނުކުރާތީވެ، މީ ބޭންކުތަކުން ވެސް ފައިސާ ޖަމާކުރުމުގެ ތެރެއިން ވެސް މިއީ ވަރަށް މަދުން ނޫނީ ނުލިބޭ ނޫޓެއް ކަމަށް އެމްއެމްއޭ އިން ބުނެއެވެ.
"ރަންދިހަ ފަހެއް" ސީރީޒް ތައާރަފްވި ފަހުން 10 ރުފިޔާ ނޫޓް ޗާޕްކުރި މިއީ ތިންވަނަ ފަހަރެވެ. ފުރަތަމަ ޗާޕްކުރީ އޮކްޓޯބަރު 5، 2015 ގައި ކުރީގެ ގަވަރުނަރު އަޒީމާ އާދަމްގެ ސޮއިއާއެކުއެވެ. ދެ ވަނަ ފަހަރަށް ޗާޕްކޮށްފައި ވަނީ މާޗް 10، 2018 ގައި ކުރީގެ ގަވަރުނަރު އަހްމަދު ނަސީރުގެ ސޮއިއާއެކުއެވެ. އަލަށް ނެރޭ 10 ރުފިޔާގެ ނޫޓުގައި ސޮއިކޮށްފައި ވަނީ އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރެވެ. އަދި ނޫޓުގައި ޖަހާފައިވާ ތާރީހަކީ ޖުލައި 31، 2025 އެވެ.
އެމްއެމްއޭ އިން ބުނީ، މިހާރު ބޭނުން ކުރަމުންދާ ނޫޓް ސީރީޒް ބޭނުން ކުރާތާ ދިހަ އަހަރަށް ވުރެ ގިނަ ދުވަސްވެފައި ވާތީ ބާ ނޫޓުގެ ގޮތުގައި 10 ރުފިޔާ ލިބޭ މިންވަރު ވެސް މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.
10 ރުފިޔާގެ މި އާ ޗާޕުގެ ދެފުށުގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނެ ކަމަށް އެމްއެމްއޭ އިން ބުނާއިރު، ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައި ވާނީ ނޫޓުގެ މޫނުމަތީގެ ވައަތްފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކު އަދި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކުއެވެ. ނަގުދު ފައިސާގެ ގޮތުގައި އަލަށް ޗާޕުކޮށްގެން ނެރޭ 10 ރުފިޔާގެ ނޫޓާއެކު މިހާރު ބޭނުންކުރާ 10 ރުފިޔާގެ ނޫޓުވެސް ދައުރުވަމުން ދާނެ ކަމަށް މަރުކަޒީ ބޭންކުން ބުނެއެވެ.
ޑިމާންޑް އިތުރުވުމާ ގުޅިގެންނާއި ބާ ނޫޓް ބަދަލުކުރުމަށް ކޮންމެ އަހަރަކު ވެސް ގިނަ އަދަދެއްގެ އާ ނޫޓް ދައުރު ކުރުމަށް ނެރޭ ކަމަށާއި މީ އިގްތިސޯދުގައި ނޫޓަށް އޮންނަ ޑިމާންޑަށް ނޫޓު ފޯރުކޮށްދިނުމަށާއި ދައުރުވާ ނޫޓަކީ އެކަށީގެންވާ ރަނގަޅު ފެންވަރެއްގަ ހުރި ނޫޓުތަކަށް ހެދުމަށް އަބަދުވެސް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކުރަމުންދާ ކަމެއް ކަމަށް އެމްއެމްއޭ އިން ބުނެއެވެ.
10 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުން އާ ނޫޓުތަކެއް ޗާޕްކޮށް ނެރެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ