ކުޅިވަރުގެ މައިދާނަށް އަލަށް ނުކުންނަ ޒުވާން ކުޅުންތެރިންނަށް ގަނާކޮށް، ފުރާއްސާރަކުރުމަކީ ގައުމުގެ ކުޅިވަރުގެ މުސްތަގުބަލު ހަލާކުވެގެންދާނެ ކަމެއް ކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ "ސްޕޯޓްސް އެވޯޑްސް 2025" އަށް ޓޭބަލް ޓެނިސް (ޓީޓީ) އެސޯސިއޭޝަނުގެ ފަރާތުން ނޮމިނޭޓުކުރި ކުޅުންތެރިންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން މުހައްމަދު އުމައިރު ހިމެނިފައިވާއިރު، އެކަމާއި ގުޅިގެން، ބައެއް ފަރާތްތަކުން އަންނަނީ ސަރުކާރަށް ފާޑުކިޔައި، އުމައިރުއަށް ނިސްބަތްކޮށްވެސް ގިނަ ވާހަކަތަކެއް ފަތުރަމުންނެވެ.
އެވާހަކަތަކަށް ރައްދު ދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތޮލާލް ވިދާޅުވީ، ކުޅިވަރުގައި ވާނުވާ ނޭނގި ނަމަވެސް، ކަންކަމުގެ ހަގީގަތް އޮޅުވާލުމުގެ ބޭނުމުގައި އަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް ގަނާކޮށް، ފުރާއްސާރަކޮށް، ހަޖޫ ޖެހުމުގެ ސަބަބުން ހަލާކުކޮށްލެވެނީ މުޅި ގައުމުގެ ކުޅިވަރުގެ މުސްތަގުބަލު ކަމަށެވެ.
އަދި ވަކި މީހެއްގެ ދަރިއަކަށްވުން ނުވަތަ ވަކި އާއިލާއަކަށް ނިސްބަތްވުމަކީ އެ ކުޅުންތެރިއެއްގެ ހައްގުތަކުން މަހްރޫމްވާންޖެހޭ ސަބަބެއް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ.
"އެ ކުއްޖެއްގެ ހުނަރުން އެ ކުއްޖަކު ހޯދާ ކާމިޔާބީއަކީ އެ ކުއްޖެއްގެވެސް އަދި ގައުމުގެވެސް ކާމިޔާބީއެއް. އޭގެ ފައިދާވެސް މުސްތަގުބަލުގައި ކުރާނީ ގައުމަށް،" ތޮލާލް ވިދާޅުވިއެވެ.
މީގެ އިތުރުން، ކުޅުންތެރިން ހޯދާ ކާމިޔާބީތަކުގައި އެ ކުޅުންތެރިންނަށް ހިތްވަރުދީ، ކުރިއަށް ދިއުމުގެ މަގު ދައްކައިދިނުމަކީ ކުޅިވަރުގެ މުސްތަގުބަލު އުޖާލާކުރުމަށް އެޅޭ ވަރަށް ހަރުދަނާ ފިޔަވަޅަކަށް ވާނެކަމަށްވެސް ސްޕޯޓްސް ކޮމިޝަނަރ ވިދާޅުވިއެވެ.
ޒުވާން ކުޅުންތެރިންނަށް ގަނާކުރުމުން ހަލާކުވަނީ ގައުމުގެ ކުޅިވަރުގެ މުސްތަގުބަލު: ތޮލާލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ