ނެޕީ ޖަހާ ތުއްތު ކުދިން ގޮވައިގެން އުމްރާކުރާއިރު އެނގެންޖެހޭ ކަންކަން

މައްކާގެ ބަރަކާތްތެރި ބިމަށް އުމްރާގެ އަޅުކަން އަދާކުރުމަށް ދާ ގިނަ ބެލެނިވެރިން، އެމީހުންގެ ތުއްތު ދަރިން ގޮވައިގެން ދާއިރު، ކުޑަކުދިންނާ ގުޅޭ ދީނީ ބައެއް ހުކުމްތައް އޮޅުންފިލާފައި އޮތުމަކީ ނުހަނު މުހިންމު ކަމެކެވެ. 
ޚާއްޞަކޮށް ނެޕީ ޖައްސާ އުމުރުގެ ކުދިން ގޮވައިގެން ޠަވާފުކުރުމާއި އިޙްރާމްގެ ކަންކަމުގައި އަމަލުކުރަންޖެހޭ ގޮތްތައް ދީނީ އިލްމުވެރިން ވަނީ ބަޔާންކޮށްދެއްވާފައެވެ.
އެކަމުގެ ތަފްސީލް ދެއްވައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު، ޑރ. ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ނެޕީ ޖައްސާ ތުއްތު ކުއްޖަކު ގޮވައިގެން އުމްރާކުރާ ނަމަ، ނެޕީ ހަޑިނުވެ ހުރި ނަމަ ޠަވާފް ކުރިއަށް ގެންދެވޭނެ ކަމަށެވެ.
އަދި ހަޑިވެފައި ހުރި ނަމަ ޠަވާފްގެ ކުރިން ސާފުކޮށްފަ ޠަވާފު ފަށޭނެ ކަމަށާ، ޠަވާފުގެ ތެރޭގައި ނެޕީ ހަޑިވިޔަސް އެއްވެސް ގެއްލުމެއްނެތް ކަމަށާ އެ ކުޑަކުއްޖާގެ ޠަވާފް ޞައްޙަވާނެ ކަމަށް ވިދާލުވުއެވެ.
މީގެ އިތުރުން ކަންކަން ދިމާވާގޮތުން ބެލެނިވެރިޔާއަށް ވަގުތު ނުލިބުމުގެ ސަބަބުން ސާފުކުރަން ދަތިވެ ހަޑިވެފައިހުރި ނެޕީއާއެކު ތުއްތު ކުއްޖަކު ގޮވައިގެން ޠަވާފު ކުރަން ދާން ޖެހުނަސް އެކުއްޖާގެ ޠަވާފް ޞައްޙަވާނެ ކަމަށާ ބެލެނިވެރިޔާގެ މައްޗަށް ވެސް އެއްވެސް ކަމެއް ނޯންނާނެ ކަމަށް ޝަހީމް ވިދާލުވުއެވެ.
ސަބަބަކީ އެކުއްޖާއަކީ މުކައްލަފަކަށް ނުވުން. އެކުއްޖާ އިޙްރާމްގައި ހުރެ ކުރުން މަނާކަމަކާ ގުޅިގެން ވެސް އެކުއްޖާވެެސް ބެލެނިވެރިޔާވެސް އެއްވެސް ފިދުޔައެއް ދައްކާކަށް ނުޖެހޭނެ.
ޑރ. ޝަހީމް ޢަލީ ސަޢީދު
ހަމަ އެހެންމެ އިހްރާމް ފޭލި ކުޑަކުދިންގެ ސައިޒަށް ބުރިކޮށްފަ ހަދާފަ ހުރުމަކީވެސް މައްސަލައެއްނޫން ކަމަށް ވަޒީރު ވިދާޅުވިއެވެ. 
ކުޑަކުދިން މައްކާ މަދީނާއަށް ގެންދިއުމާއި އަޅުކަންކަމުގައި ބައިވެރިކުރުމަކީ ބެލެނިވެރިންނަށް އެކަމުގައި ސަވާބު ހުރިކަމެއް. އެކުދިންނަށް ވެސް الله ބަރަކާތް ލައްވާނެކަމެއް. އިންޝާ الله.
ޑރ. ޝަހީމް ޢަލީ ސަޢީދު
މިފަހުން ރާއްޖޭގައިވެސް އުމްރާގެ މަތިވެރި އަޅުކަމަށްދާ ދިވެހިންގެ އަދަދު ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ. ޚާއްސަކޮށް ސްކޫލް ބަންދުގައި ކުދިން ގޮވައިގެންދާ މީހުން އިތުރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ