ހޮޓެލިއާ މޯލްޑިވްސް އެވޯޑަށް ކުރިމަތިލާން އެއް މަހުގެ މުއްދަތެއް ދީފި
ބެސްޓްބައި މޯލްޑިވްސް (ބީބީއެމް)ގެ ޓައިޓްލް ސްޕޮންސަޝިޕްގެ ދަށުން ހުށަހަޅައިދޭ މި އަހަރުގެ ހޮޓެލިއާ މޯލްޑިވްސް އެވޯޑުތަކަށް ކުރިމަތިލާން މިއަދު ހުޅުވާލައިފިއެވެ. މި އެވޯޑަށް ނޮމިނޭޝަން އޮންލައިން ޕޯޓަލެއް މެދުވެރިކޮށް ހުށަހަޅަން މިއަދުން ފެށިގެން އެއް މަސްދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. ހޮޓެލިއާ މޯލްޑިވްސް އިން ބުނީ، މިއަހަރު އެވޯޑަކީ، ޓީމުތަކަށް ޚާއްސަކޮށްގެން އަލަށް ތައާރަފުކުރި އަށް ކެޓަގަރީއާ އެކު، ރިސޯޓުތަކުގެ އެކި ދާއިރާތަކުން ހޯދާ ކާމިޔާބީތަކާ ގުޅިގެން ކުރާ މަސައްކަތްތައް ފާހަގަކުރުމަށް އިތުރު ފުރުސަތުތަކެއް ލިބޭނެ އަހަރެއް ކަމަށެވެ. އަލަށް ތައާރަފުކުރި ކެޓެގަރީތައް: ސޭލްސް އެންޑް މާކެޓިން ޓީމް އޮފް ދަ އިޔާ: ރިސޯޓުގެ އާމްދަނީ އިތުރުކުރުމަށާއި މާކެޓް ކުރުމަށް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރި ޓީމުތަކަށް ރޫމްސް ޑިވިޝަން ޓީމް އޮފް ދަ އިޔާ: ފްރަންޓް އޮފީހާއި ހައުސްކީޕިން ގުޅިގެން މެހެމާނުންނަށް ފުރިހަމަ ހިދުމަތެއް ފޯރުކޮށްދޭ ޓީމުތަކަށް އެޗުއާރު އެންޑް ޓްރެއިނިން ޓީމް އޮފް ދަ އިޔާ: މުވައްޒަފުން ހޯދުމާއި ތަމްރީނުކުރުމާއި މުވައްޒަފުންގެ ކުރިއެރުމަށް މަސައްކަތްކުރާ ޓީމުތަކަށް އިންޖިނިއަރިން ޓީމް އޮފް ދަ އިޔާ: ރިސޯޓުގެ މެއިންޓެނަންސް އަދި އޮޕަރޭޝަނަލް ކަންކަން ފުރިހަމައަށް ބަލަހައްޓާ ޓީމުތަކަށް ފައިނޭންސް ޓީމް އޮފް ދަ އިޔާ: ބަޖެޓާއި އޮޑިޓިން އަދި މާލީ ކަންކަން ހަރުދަނާކޮށް ބަލަހައްޓާ ޓީމުތަކަށް އެފް އެންޑް ބީ އެންޑް ކަލިނަރީ ޓީމް އޮފް ދަ އިޔާ: ކެއިންބުއިމުގެ ހިދުމަތްތަކާއި ބަދިގޭގެ މަސައްކަތްތައް މަތީ ފެންވަރެއްގައި ފޯރުކޮށްދޭ ޓީމުތަކަށް ވެލްނަސް ޓީމް އޮފް ދަ އިޔާ: ސްޕާ އަދި ވެލްނަސްގެ ހިދުމަތްތައް ފާހަގަކޮށްލެވޭ ފެންވަރެއްގައި ފޯރުކޮށްދޭ ޓީމުތަކަށް ސަޕޯޓް ޓީމް އޮފް ދަ އިޔާ: އައިޓީ، ސެކިއުރިޓީ، ލޮޖިސްޓިކްސް އަދި ރިސޯޓު ހިންގުމަށް އެހީތެރިވާ އެހެނިހެން ސަޕޯޓް ޓީމުތަކަށް މިދިޔަ އަހަރު ބޭއްވި ހޮޓެލިއާ މޯލްޑިވްސް ހަފުލާގެ ތެރެއިން ---- ފޮޓޯ/ ހޮޓެލިއާ މޯލްޑިވްސް އެގޮތުން، މި އައި ކެޓަގަރީތަކަކީ މިހާރު ވެސް ދެމުންދާ އިންޑިވިޖުއަލް އެވޯޑްތަކަށް އިތުރުވި ބައެއް ކަމަށް ހޮޓެލިއާ މޯލްޑިވްސް އިން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ޔަންގް ހޮޓެލިއާ، ޝެފް އޮފް ދަ އިޔާ ފަދަ އެވޯޑްތައް ހިމެނެއެވެ. ކޮންމެ ރިސޯޓަކަށްވެސް އެކި ކެޓަގަރީތަކަށް ޓީމުތައް ނޮމިނޭޓް ކުރެވިދާނެކަން އެ ގުރޫޕުން ފާހަގަކުރިއެވެ. ދެހާސް ސައުވީސް ވަނަ އަހަރު ފެށި ހޮޓެލިއާ މޯލްޑިވްސް އެވޯޑްސްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ އަގުވަޒަން ކުރުމަށް ޚާއްސަކޮށް ބާއްވާ އެވޯޑު ހަފުލާއެކެވެ. އޭގެއިތުރަށް، މިއީ ރިސޯޓުތަކުގެ ކާމިޔާބީގެ ފަހަތުގައި ތިބި ވަކިވަކި ފަރުދުންނާއި ޓީމުތަކުގެ ހުނަރާއި މަސައްކަތްތެރިކަން ބަލައިގަތުމަށް އުފެއްދި ޕްލެޓްފޯމެއް ކަމަށްވާއިރު، މިހާރު މި އެވޯޑަކީ ފަތުރުވެރިކަމުގެ ދާއިރާގައި އިސް ސަފުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ފަރުދާގެ ފަހަތުގައި މަސައްކަތްކުރާ މީހުންގެ އަގުވަޒަންކުރާ މުހިންމު ހަރަކާތެއްގެ ގޮތުގައި ހޮޓެލިއާ މޯލްޑިވްސް އިން ސިފަކުރިއެވެ. ބާސެލޯ ނަސަންދުރަ މާލޭގައި މިދިޔަ އަހަރު ބޭއްވި ހޮޓެލިއާ މޯލްޑިވްސް އެވޯޑްސްއަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް އެ ގުރޫޕުން ބުންޏެވެ. ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އަދި މަގުބޫލު ހޮސްޕިޓަލިޓީ މަޖައްލާ ކަމަށްވާ ހޮޓެލިއާ މޯލްޑިވްސްއިން ބުނި ގޮތުގައި، މި އެވޯޑަށް 450އަށް ވުރެ ގިނަ ނޮމިނޭޝަނާއި އާންމުންގެ 600،000އަށް ވުރެ ގިނަ ވޯޓު މިދިޔަ އަހަރު ލިބުނެވެ. އެވޯޑު ދޭނެ ފަރާތްތައް ކަނޑައަޅަނީ ޖަޖުންގެ ޕެނަލަކުން ދޭ 60 އިންސައްތަ މާކްސްއާއި އާންމުންގެ ވޯޓުން ލިބޭ 40 އިންސައްތަ މާކްސް އެއްކޮށްލައިގެން ކަމަށްވާއިރު، މިދިޔަ އަހަރު 23 އިންޑިވިޖުއަލް ކެޓަގަރީއަކުންނާއި ޓީމާއި ޚާއްސަ ހަތަރު ކެޓަގަރީއަކުން އެވޯޑު ދިނެވެ. އޭގެ ތެރޭގައި ޖެނެރަލް މެނޭޖްމަންޓް، ފްރަންޓް އޮފީސް، ކަލިނަރީ، ވެލްނަސް، ސަސްޓެއިނަބިލިޓީ އަދި ސީއެސްއާރު ފަދަ ދާއިރާތައް ހިމެނެއެވެ. މީގެ އިތުރުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ އަގުވަޒަންކުރުމަށް ވެސް ޚާއްސަ އެވޯޑެއް މިދިޔަ އަހަރު ދިނެވެ. އެގޮތުން، މިދިޔަ އަހަރު މި އެވޯޑް ހާސިލްކުރެއްވީ ހޮލިޑޭ އިން ރިސޯޓް ކަނޑޫމާ މޯލްޑިވްސްގެ މުހައްމަދު ހާޝިމާއި ބަނޑޮސް މޯލްޑިވްސްގެ މުހައްމަދު ފުއާދާއި ކޮކޯ ބޮޑު ހިތީގެ ހުސައިން މަނިކުފާނާއި ވިލާ ރިސޯޓްސްގެ އަލީ ރަޝީދު އާދަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ