ނަރީޝްގެ ހުށަހެޅުމަށް މާލޭ ސިޓީ ކައުންސިލްގެ އެސްޖީ ވަކިކުރީ ގާނޫނާ ހިލާފަށް

މާލޭ ސިޓީ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ކުރިން ހުންނެވި ވަޖީހު ނަސީރު, އެ މަގާމުން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅައިފިއެވެ. މާލޭ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު، އަހްމަދު ނަރީޝްގެ ހުށަހެޅުމަކަށް، އޮގަސްޓް 15, 2024ގައި އެސްޖީ ކަމުގެ މަގާމުން ނަސީރު ވަކިކުރީ ސަރުކާރަށް ނިސްބަތްވާ ޕީޕީއެމް/ޕީއެންސީގެ ބޮޑު މެޖޯރިޓީއެއް އޮންނަ ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވި ދެ މެމްބަރުން ފިޔަވައި ހުރިހާ މެމްބަރުންގެ ތާއީދާ އެކުއެވެ. ނަސީރު ވަކިކުރަން ވޯޓު ނުދެއްވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސައިފް ފާތިހް އަދި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އާއިޝަތު ނާޒިމާއެވެ. އެއީ އޭރު ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ ދެ މެންބަރުންނެވެ. ނަސީރު މަގާމުން ވަކިކުރުމުން، އޭނާ އެ މައްސަލަ ހުށަހެޅީ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށެވެ. ޓްރައިބިއުނަލްގައި އަހަރެއްހާ ދުވަހަށް ދިގު ދެމިގެން ދިޔަ ޝަރީއަތަށް ފަހު މިދިޔަ ބުދަ ދުވަހު ނިންމީ ނަސީރު ވަކިކުރީ، ވަޒީފާއާބެހޭ ގާނޫނުގެ ދަށުން މުވައްޒަފަކު ވަކިކުރަން ޖެހޭ މައުލޫއީ އަދުލުވެރިކަން ގާއިމް ނުކޮށް ކަމަށެވެ. މި މައްސަލަ ރައްދުވެފައިވަނީ ސިވިލް ސާވިސް ކޮމިޝަނަށެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެ ގޮތަށް ނިންމީ، މައިގަނޑު ގޮތެއްގައި ނަސީރު މަގާމުން ވަކިކުރުމުގައި އޭނާއަށް ތުހުމަތުކޮށް ނަރީޝް ހުށަހެޅުއްވި ކަންކަމާ ގުޅޭ ގޮތުން ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ އޮތުމުންނެވެ. މީގެ ތެރޭގައި ސިޓީ ކައުންސިލުން އެކިއެކި ފަރާތްތަކަށް ނުދައްކައި އޮތް 240 މިލިއަނަށްވުރެ ގިނަ ރުފިޔާ، އުސޫލުތަކުގެ ބޭރުން ދެއްކުމަށް ނަސީރު ދެކޮޅު ހެދިކަންވެސް ހިމެނެއެވެ. މި މައްސަލައިގައި، ނަސީރު މަގާމުން ވަކިކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައެޅުމުގެ އިތުރުން، ނަސީރުގެ ކޮންޓްރެކްޓްގެ މުއްދަތު ހަމަވުމުގެ ކުރިން މަގާމުން ވަކިކޮށްފައިވާތީ އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި، އޭނާ މަގާމުން ވަކިކުރި ދުވަހުން ފެށިގެން، އޭނާ އާ ވަޒީފާއެއް އަދާކުރަން ފެށި ދުވަހާ ހަމައަށް އޭނާއަށް މުސާރައާއި އިނާޔަތްތައް ނަގައިދީފައިވެއެވެ. އާ ވަޒީފާއެއް ލިބުނު ދުވަހާއި ހަމައަށް ނަސީރަށް ނަގައިދީފައިވަނީ 239،026 ރުފިޔާއެވެ. މި ފައިސާ ބަންދު ނޫން 30 ދުވަހުގެ ތެރޭގައި ނަސީރަށް ދެއްކުމަށް ވަނީ އަންގައިފައެވެ. މާލޭ ސިޓީ ކައުންސިލްގެ އެސްޖީ ނަސީރު މަގާމުން ވަކިކުރި މައްސަލަ ބަލައި ހުކުމްކުރީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނާއިބު ރައީސް ފާތިމަތު މަހީރާ މުހައްމަދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ