4 ގަޑިއިރަށްވުރެ ގިނައިރު ފަހުން ކަރަންޓު ކެނޑުނު ޓަވަރުތަކަށް އަލުން ކަރަންޓު ލިބިއްޖެ

މަގު ހެދުމުގެ މަސައްކަތެއްގެ ތެރެއިން ކަރަންޓު ކޭބަލަކަށް ލިބުނު ގެއްލުމަކާ ގުޅިގެން، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ގިނަ ޓަވަރުތަކަކުން ކަރަންޓު ކެނޑުނު މައްސަލަ ހައްލުކޮށް، ހަތަރު ގަޑިއިރަށްވުރެ ގިނައިރު ފަހުން އަލުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދީފި ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. މިއަދު މެންދުރުފަހު 14:00 އެހާކަންހާއިރު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާކަން އެ ސަރަހައްދުގައި ދިރިއުޅޭ އާންމުންގެ ފަރާތުން ވަނީ ސަމާލުކަމަށް އައިސްފައެވެ. މިކަމާ ގުޅިގެން ސްޓެލްކޯއިން 14:30 ހާއިރު ބުނީ، ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަރަންޓު ކެނޑިފައިވާ ކަމަށާއި، މައްސަލަ ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ސްޓެލްކޯއިން ބުނި ގޮތުގައި ކަރަންޓުގެ ޚިދުމަތް މެދުކެނޑުނީ ހިޔާ ޓަވަރު 5، 6، 7 އާއި، ވިނަރެސް 10، އަމާން ދޯދި 12 އިން 16 އަށް، އަމާން އުދަރެސް 5 އަދި 6 ގެ އިތުރުން އެމްޕީއެލް ޓަވަރުތަކުންނެވެ. ކަރަންޓު ކެނޑެން މެދުވެރިވި ސަބަބާ ގުޅޭގޮތުން އެ ކުންފުނިން ބުނީ، ކަރަންޓު ކެނޑުނީ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ކޮންނަނިކޮށް ހައި ވޯލްޓޭޖް ކޭބަލަކަށް ގެއްލުންވުމުގެ ސަބަބުން ކަމަށެވެ. https://sun.mv/221087މި މަހުގެ 12 ވަނަ ދުވަހު ވެސް ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ގިނަ އަދަދެއްގެ ޓަވަރުތަކުން ކަރަންޓު ކެނޑި، އަށް ގަޑިއިރަށްވުރެ ގިނަ އިރުވަންދެން ރައްޔިތުންނަށް ދަތިތަކާ ކުރިމަތިލާން ޖެހުނެވެ. އެ ދުވަހު ވެސް ކަރަންޓު ކެނޑުނީ ބަޔަކު އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މައި ކޭބަލަކަށް ގެއްލުންވުމުން ކަމަށް ސްޓެލްކޯއިން މައުލޫމާތު ދީފައިވެއެވެ. ދެވަނަ ފިޔަވަހިން ތަކުރާރުކޮށް ކަރަންޓު ކެނޑޭ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ސްޓެލްކޯއިން ވަނީ ހުޅުމާލެ ބަލަހައްޓާ ކުންފުނި، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ބައްދަލުކޮށް މަޝްވަރާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ