ފެލިދޫ ދާއިރާގެ ރައްޔިތުންނަށް ފަޒުލްގެ ވަދާޢީ މެސެޖު

ރައްޔިތުންގެ މަޖިލީހުގެ ވ.ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަޒުލް ރަޝީދު، އެ ދާއިރާގެ މެމްބަރުކަމުން އިސްތިއުފާ ދެއްވައި، ދާއިރާގެ ރައްޔިތުންނަށް ޚާއްޞަ މެސެޖެއް ދެއްވައިފިއެވެ.
އޭނާ އެ މަޤާމުން އިސްތިއުފާ ދެއްވީ، އާބަންކޯގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް އައްޔަނުކުރެއްވުމާއި ގުޅިގެންނެވެ. ދާއިރާގެ ރައްޔިތުންނަށް އެޑްރެސް ކުރައްވައި، ފަޒުލް މިރޭ އާއްމު ކުރެއްވި ސިޓީގައި ވަނީ، އޭނާ އެ ދާއިރާއަކަށް ނިސްބަތްވެވަޑައިގަންނަވާ ފެލިދޫ ދާއިރާގެ ރައްޔިތުންގެ ޙައްޤުގައި ދެގޮތެއް ނުވެ، ސާބިތުކަމާއިއެކު ހުރެވުނު ކަމުގެ އުފަލާއި ހިތްހަމަޖެހުން ލިބިގަންނަ ޙާލު، އެ ދާއިރާގެ ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.
މަޖިލީހުގެ ޙަޔާތުގައި އޭނާއަށް ލިބިވަޑައިގެންފައިވާ ޢިލްމާއި، ޙިލްމު ބޭނުންކޮށްގެން، ރައްޔިތުންނާއި ގުޅުންހުރި ކޮންމެ ކަމެއްގައި، ރައްޔިތުންގެ އާދޭހާއި އުދާސްތަކުގެ އަޑު މަޖިލީހުގައި އުފުލައިދެއްވައިފައިވާނެ ކަމަށް ވެސް ފަޒުލް ވިދާޅުވިއެވެ.
”އެގޮތުން ވ.ފެލިދޫ ދާއިރާގައި ހިމެނޭ، ވ.ފެލިދޫ، ވ.ފުލިދޫ، އަދި ވ.ތިނަދޫއަށް ދަޢުލަތުގެ ބަޖެޓުގައި އެ އަހަރަކު ހިމެނިފައިވާ ތަރައްޤީގެ މަޝްރޫޢުތައް ރައްޔިތުންގެ ޙިޔާލާއި އެއްގޮތަށް ކުރިއަށް ގެންދިޔުމަށް އެކަންކަމާއި މަތިވެގެން ހުންނެވި ސަރުކާރުގެ ވަޒީރުންނާއި، މަޖިލީހުގެ ތަޅުމުގައި 14 ފަހަރު އަޅުގަނޑު ވާނީ ސުވާލުކޮށްފައެވެ. އަދި ލިޔުމުން ޖަވާބު ހޯދުމަށް ތިން ފަހަރު މަތިން އެދިފައިވާނެއެވެ.“ ފަޒުލްގެ ސިޓީގައިވެއެވެ.
އެ ސިޓީގައި ފަޒުލް ވަނީ ޕްރީ ސްކޫލް ހިންގުމުގެ ޤާނޫނު އިސްލާޙު ކުރުމަށް އޭނާ ބިލެއް ހުށަހެޅުއްވި ކަމާއި، ދާއިރާގެ ތަރައްޤީއާއި ގުޅިފައިވާ ކަންކަން ދަޢުލަތުގެ ބަޖެޓު ހިމަނައިދެއްވުން އެދިވަޑައިގެން، ކުރީގެ ރައީީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ސިޓީ ފޮނުއްވެވިކަން ފާހަގަކުރައްވައިފައެވެ.
އެމްޑަބްލިޔުއެސްސީގެ އެމްޑީގެ މަޤާމު ވެސް، މީގެ ކުރިން ފުރުއްވެވި ފަޒުލް ވަނީ ފެލިދޫ ދާއިރާގެ ރައްޔިތުންނަށް އުފާ ފާގަތި ދުވަސްތަކަކަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވެފައެވެ.
pic.twitter.com/zgtmsr6UAi
— Fazul Rashyd (@FaZuLRaShYd) November 28, 2023
19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ފަޒުލް ފާހަގަކުރެވެނީ، އިދިކޮޅުގެ އަޑު ވަރުގަދަކޮށް އުފުލައިދެއްވި މެމްބަރެއްގެ ގޮތުގައެވެ.
 
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ