މެމްބަރު އަސްމާއާއި ސުޖާއު މައުމޫންގެ އަރިހުން މާފަށް އެދިވަޑައިގެންފި
މިދިޔަ ޖުލައި މަހުގެ ތެރޭގައި ޕީޕީއެމުން ބޭއްވި ކައުންސިލް ބައްދަލުވުން ދޫކުރައްވައި ބޭރަށް ނުކުމެވަޑައިގެންނެވި މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަރިހުން މާފަށް އެދިވަަޑައިގެންފިއެވެ. ނަން ހާމަކުރަން ބޭނުންނުވާ ޕީޕީއެމްގެ ކައުންސިލް މެމްބަރަކު "ސަން"އަށް މިއަދު ވިދާޅުވީ، އެ ދެ ބޭފުޅުން ރައީސް މައުމޫންގެ އަރިހުން މާފަށް އެދިވަޑައިގެންފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، އެ ދެ ބޭފުޅުން މާފަށް އެދިވަޑައިގަތީ ޕީޕީއެމް ކައުންސިލް މެމްބަރުން ތިއްބަވާ ވައިބާ ގުރޫޕުގައި ކަމަށެވެ. އަސްމާ އަދި ސުޖާ ފޮނުއްވި މެސެޖުގައި ޕާޓީގެ އަސާސީ ގަވާއިދާ ހިލާފު އަމަލެއް ނުވަތަ ކަމެއް އެ ދެ ބޭފުޅުންގެ ފަރާތުން ކުރެވިފައިވާ ނަމަ މާފުކުރެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ. "އަޅުގަނޑުގެ ފަރާތުން ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ކުރެވިފައިވާ ނަމަ ރައީސް މައުމޫންގެ އަރިހުން މާފަށް އެދެން،" އަސްމާ އަދި ސުޖާ ފޮނުއްވި މެސެޖުގައި ވިދާޅުވި އެވެ. އަސްމާ އަދި ސުޖާ މާފަށް އެދިވަޑައިގެންފައި މިވަނީ ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ދެން ބޭއްވޭނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި އެޕާޓީން ބޭއްވި ކައުންސިލް ބައްދަލުވުން ދޫކުރައްވައި ނުކުމެވަޑައިގެންނެވި މެމްބަރުން ޕާޓީގެ ރައީސްގެ އަރިހުން މާފަށް އެދިވަޑައިގަތުމުން ކަމަށް ރައީސް މައުމޫން ވިދާޅުވުމުން ނެވެ. ޕީޕީއެމްގެ ކައުންސިލް މެމްބަރުން ތިއްބަވާ ވައިބާ ގުރޫޕަށް ރައީސް މައުމޫން ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، އެޕާޓީގެ ކައުންސިލް ބައްދަލުވުމެއް ދެން ބޭއްވޭނީ މިދިޔަ ޖުލައި މަހުގެ 19ވަނަ ދުވަހުގެ ރޭ ބޭއްވި އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައި އެމަނިކުފާނާ ދެކޮޅަށް ބަޣާވާތްކޮށް ކައުންސިލުން ނުކުމެވަޑައިގެން ކައުންސިލްގެ ކޯރަމް ގެއްލުވާލައި ޕާޓީގެ އަގު ވެއްޓޭ ގޮތަށް މީޑިއާގައި ވާހަކަފުޅު ދެއްކެވި މެމްބަރުން އެކަން ކަމަށް މާފަށް އެދިވަޑައިގަތުމުން ކަމަށެވެ. "ޕާޓީގެ ރައީސްގެ އަގު ވެއްޓޭ ގޮތަށް މީޑިއާގައި އެކަށީގެން ނުވާ ގޮތަށް ޕާޓީގެ ރައީސާ މުހާތަބު ކުރެއްވި އަދި ޕާޓީގެ ރައީސް ގޮވައިގެން ޝަރީއަތަށް ވަޑައިގެންނެވި މެމްބަރުން އެކަން ކަމަށް މާފަށް އެދިވަޑައިގެން ޕާޓީގެ އަސާސީ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތްތެވުމަށް ވައުދުވެ ވަޑައިގެންނެވުމުން ނޫނީ ކައުންސިލް ޖަލްސާއެއް ނުބޭއްވޭނެ ކަމުގައި ދަންނަވަން،" ރައީސް މައުމޫންގެ މެސެޖުގައި ވިދާޅުވި އެވެ. ރައީސް މައުމޫން އެހެން އަންގަވާފައި މިވަނީ، ސިޔާސީ ޕާޓީތަކާ އެކު ސަރުކާރާ މަޝްވަރާ ކުރުމަށް ޕާޓީތަކުން ހުށަހަޅާ ނަންތައް ފާސްކުރަން ވާނީ ޕާޓީގެ ކައުންސިލުން ކަމަށް ސަރުކާރުން ބުނެފައި ވަނިކޮށެވެ. ސަރުކާރުން ސިޔާސީ ޕާޓީތަކާ އެކު ބާއްވަން ނިންމާފައިވާ މަޝްވަރާތަކުގައި ޕީޕީއެމްގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް ކަމަށް އެ ޕާޓީން ވަނީ ރައީސް އޮފީހަށް އަންގާފައެވެ. ނަމަވެސް މަޝްވަރާގައި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާ އެންމެ އިސް ފަރާތް ކަމުގައިވާ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ ޕާޓީގެ ކައުންސިލުން ފާސްނުކުރާ ބޭފުޅުންނަށް މަޝްވަރާތަކުގައި ބައިވެރިނުކުރެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ