އިންތިހާއަށް ލޯބިވެގެން ކުރާ ކައިވެނީގެ ޢުމުރު މަދިރިއެއްގެ ޢުމުރަށްވަމުން މިދަނީ ކީއްވެ؟

މީހަކާ އިނުމަށްޓަކައި ކުއްޖަކާ ގުޅޭނަމަވެސް އެކަން ހިނގަންވާނީ ދެކުދީންގެ މައިންބަފައިންގެ ބެލުމުގެދަށުންނެވެ. ވާހަކަ ދެކެވެން ޖެހޭނީ ބެލެނިވެރީންގެ ޙާޟިރުގައެވެ. މާތްﷲ ބަރަކާތް ލައްވަނީ އެކަލާނގެ ކަނޑައެޅުއްވި ޝަރުޢީ ހަމަތަކުގެމަތީން ގުޅޭ ދެމީހެއްގެ ޙަޔާތުގައެވެ. ދެމީހުން ދަސްވުމުގެ ނަމުގައި ﷲ ކަނޑައެޅުއްވި އިންތައް ފަހަނައަޅައި ގޮސްފައިވާ ދެމީހަކު ކިތެންމެ ލޯތްބެއް އަނެކާދެކެ ވިޔަސް އެދެމީހެއްގެ ގުޅުމުގައި މާތް ﷲ ބަރަކާތް ނުލައްވައިފިނަމަ އެދެމީހެއްގެ ޙަޔާތަކީ ބާއްޖަވެރި ޙަޔާތަކަށް ނުވާނެއެވެ. މުޖުތަމަޢުގެ ޙާލަތަށް ބަލައިލުމުން މިކަން ވަރަށް ރަނގަޅަށް ސާފުވާނެއެވެ. މިހާރު ކުރެވޭ ކައިވެނިތަކަކީ މުޅިންހެން ރައްޓެހިވެގެން އުޅޭތާ އެތައް އަހަރެއް ވެފައިކުރެވޭ ކައިވެނިތަކެވެ. ނަމަވެސް މާގިނަދުވަހެއް ނުވެ ފެންނަނީ ވަކިވާތަނެވެ. ހަމަ ދެމީހުން ދަސްނުވަނީހެއްޔެވެ؟ 
ހިލޭ އަންހެން ކުދިންނާ ފިރިހެން ކުދިން ރައްޓެހިވެ ގައިގޯޅިވެ ތަންތަނުގައި އެކަހެރިވެ އުޅުމަކީ އިސްލާމްދީން ވަރަށް ބޮޑަށް  މަނާ ކުރައްވާފައިވާ ކަމެކެވެ. އެއީ އެކަމުގެ ސަބަބުން އިސްލާމީ މުޖުތަމަޢުތައް ފަސާދަވެ ލަދުވެތިކަމާއި ، ޢިތްފަތްތެރިކަން ގެއްލިގޮސް މާތްﷲގެ ކޯފާއަށް އެތަނެއް ހުށައެޅިގެންދިޔުމުގެ ސަބަބަކަށް އެކަންވެގެން ދާތީއެވެ. މާތްﷲ އެކަލާނގެ އަޅުތަކުންގެ ޙާލު މޮޅަށް ދެނެވޮޑިގެންވާތީ ފިތުނަ އާއި ފަސާދައަށް އިންސާނާ ހިނގައިދާނެ ހުރިހާ ދޮރެއް ވަނީ ބަންދު ކުރަށްވާފައެވެ. ޒިނޭއާ ގާތް ނުވުމަށް ވަނީ އަމުރުކުރައްވާފައެވެ. 
ފިރިހެނުންގެ ބެލުން ތިރިކުރުމަށް ފިރިހެނުންނަށް އަމުރުކުރެއްވިފަދައިން އަންހެނުންނަށްވެސް އެކަނބަލުންގެ ލޯތައް ތިރިކުރުމަށް ވަނީ އަމުރުކުރައްވާފައެވެ. އަދި އަންހެނުންގެ ޒީނަތްތެރިކަން ފާޅުނުކުރުމަށާއި، ހިލޭފިރިހެނުންނަށް އަޑު އިވޭ ހިސާބުގައި ތުއި އަޑުން ވާހަކަ ނުދެއްކުމަށާއި، އަންހެނުންގެ ފައިގެ ތަކަހޮޅީގެ އަޑު އިއްވުމަށްޓަކައި ބިމުގައި އެކަނބަލުންގެ ފައިން ނުޖެހުމަށް ވަނީ އަމުރު ކުރައަވާފައެވެ.  
އަދި ސަލާމާއި ޞަލަވާތް ލެއްވި މާތް ނަބިއްޔާ ﷺ ވަނީ އަންހެނުން މަޙުރަމަކާ އެކުނޫނީ ދަތުރު ނުކުރުމަށާއި، ހިލޭ ފިރިހެނުންނާ އެކަހެރި ނުވުމަށާއި، ވަސްގަދަ އަތަރާއި ސެންޓު ޖަހައިގެން ފިރިހެނުންގެތެރެޔަށް ނިކުމެ ނޫޅުމަށް އަމުރުކުރަށްވާފައެވެ. މިހުރިހާ ކަމެއްވެސް އަންގަވާފައިވަނީ މުސްލިމު އަންހެނާގެ ކަރާމަތާއި ޢިތްޒަތް ވެއްޔާމޮޑެވިގެން ދިޔަނުދިނުމަށްޓަކައެވެ. ކެހިވެރިންގެ އަނިޔާވެރި ވަކިތަކުން އަންހެނާ ޙިމާޔަތްކުރުމަށްޓަކައެވެ. 
މާތްﷲ ރުއްސުންލެއްވި ޢުޤުބާ ބިން ޢާމިރު ގެ ކިބައިން ރިވާވެގެންވެއެވެ .ހަމަ ކަށަވަރުން ސަލާމާއި ޞަލަވާތް ލެއްވީ ކީރިތި ރަސޫލާ ﷺ ޙަދީޡް ކުރެއްވިއެވެ, 
''(إِيَّاكُمْ وَالدُّخُولَ عَلَى النِّسَاءِ فَقَالَ رَجُلٌ مِنْ الْأَنْصَارِ يَا رَسُولَ اللَّهِ أَفَرَأَيْتَ الْحَمْوَ قَالَ الْحَمْوُ الْمَوْتُ )
(ބުޚާރީ : ޙަދީޡް ނަމްބަރު : 4831)'' 
މާނައީ: ތިޔަބައިމީހުން (ހިލޭ ) އަންހެނުންގެތެރެޔަށް ވަދެ އުޅުމުން ދުރުވެ ރައްކާތެރިވެތިބޭހުށިކަމެވެ. އެހިދު އަންޞާރިއްޔަ ބޭކަލަކު ދެންނެވިއެވެ '' ފިރިމީހާގެ އެއްބަނޑު އެއްބަފާ ފިރިހެނާ (ޅިޔަނު) އޭނާގެ އަޚާގެ އަންހެނުންގެގާތަށް ވަދެނިކުމެ އުޅުމާއިމެދު ދެކެވަޑައިގަންނަނީ ކިހިނެއްހެއްޔެވެ؟''  ޙަދީޡްކުރެއްވިއެވެ''  ފިރިމީހާގެ އެއްބަނޑު އެއްބަފާ ފިރިހެނާ (ޅިޔަނު) އަކީ މަރެވެ'' މީގެ މާނަކީ އެއީ ހަލާކެވެ. އެއީ ނުރައްކާ ކަމެކެވެ.   
އަންހެން ކުއްޖަކަށް ލޯބި ހުށަހެޅުމުން އެކުއްޖާ އެކަމާ ނުރުހުމުން ބިރު ދެއްކުމެއް ނެތެވެ. އެކުއްޖާ އަށް މިނިވަންކަން ލިބިގެންވެއެވެ. އޭނާ ނުރުހޭ ފަދަ މީހަކާ ކައިވެނި ކުރަން މަޖްބޫރެއް ނުކުރެވޭނެއެވެ. واللهأعلم
 
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ