އެސެޓް ރިކަވަރީއަށް ހަރުކަށި ގާނޫނެއް، އުފައްދަނީ އެސެޓް ރިކަވަރީ އެޖެންސީއެއް އެސެޓް ރިކަވަރީއަށް ހަރުކަށި ގާނޫނެއް، އުފައްދަނީ އެސެޓް ރިކަވަރީ އެޖެންސީއެއް

ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުމަށް މިހާރަށް ވުރެ ހަރުދަނާ ގާނޫނީ އޮނިގަނޑެއް އެކުލަވާލަން ކުރަމުންދާ މަސައްކަތުގެ ދަށުން އެސެޓް ރިކަވަރީއަށް ހަރުކަށި ގާނޫނެއް އެންޓި ކޮރަޕްޝަން ކޮމިޝަނު (އޭސީސީ) އިން ނަމޫނާ ގާނޫނެއް ޑްރާފްޓުކޮށްފި އެވެ.
ބޭރުގެ ފަންނީ ކޮންސަލްޓަންޓުންގެ އެހީތެރިކަމާއެކު މިހާރު ޑްރާފްޓުކޮށްފައިވާ އެސެޓް ރިކަވަރީގެ ނަމޫނާ ގާނޫނުގެ ކޮޕީއެއް އަދަދު އަށް ލިބިފައިވާއިރު، މި ނަމޫނާގައިވާ ގޮތުން މިފަދަ މުދަލާއި ހޯދުމުގެ މައިގަނޑު މަސައްކަތް ހަވާލުކުރަނީ އެ ގާނޫނުގެ ދަށުން އުފައްދާ އެސެޓް ރިކަވަރީ އެޖެންސީއާ އެވެ.
މި ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރޭގައި ކުށްކުށާ ގުޅުން ހުރި ފައިސާ އާއި މުދާ ދައުލަތަށް ނެގުމުގެ އިތުރުން ކުށްކުށަށް އަރައިގަތުމަށް ބޭނުންކޮށްފާނެ ކަމަށް ބެލެވޭ ފައިސާ ކުށްވެރިންގެ އަތްމައްޗަށް ދިއުން ހުއްޓުވުމާއި ކުށްކުރާ ވިއުގަތަކުގެ ހަރަކާތްތައް ހުއްޓުވުން ހިމެނެ އެވެ.
މި ގާނޫނުގެ ބާރު ހިނގާ މީހުންގެ ތެރޭގައި ދިވެހިންނާއި ރާއްޖޭގައި ދިރިއުޅޭ އަދި މަސައްކަތްކުރާ ބިދޭސީންގެ އިތުރުން ރާއްޖެއަށް އަންނަ ޓޫރިސްޓުން ހިމަނަން ވެސް އޭސީސީން ވަނީ ހުށަހަޅާފަ އެވެ. އަދި ރާއްޖޭން ބޭރުގައި ހުރި ދިވެހިންގެ މުދަލާއި ރާއްޖޭގައި ހުރި ބޭރު ވިޔަފާރިތަކާއި ބޭރު މީހުންގެ އިންވެސްޓުމަންޓުތައް ވެސް ހިމެނެ އެވެ.
އެސެޓް ރިކަވަރީ ގާނޫނުގައި ހުށަހަޅާފައިވާ ފާހަގަކޮށްލެވޭ އަނެއް ކަމަކީ، އެ ގާނޫނު ވުޖޫދުވުމުގެ ކުރިން ނިންމާފައިވާ ތަހުގީގުތަކުގައި ހިމެނޭ މުދަލާއި ފައިސާ ނެގޭނެ ކަމަށް އޮތް ހުށަހެޅުމެވެ. އެ ގޮތުން ކުށްކުށާ ގުޅުން ހުރި ފައިސާ އާއި މުދާކަން މަދަނީ މިންގަނޑުން ބެލުމަށް އެކަށީގެންވާ ހެކި ހުރި ނަމަ، އެ ފައިސާ އާއި މުދާ ދައުލަތަށް އަނބުރާ ނެގޭނެ ކަމަށް ޑްރާފްޓުގައި ހިމަނާފައިވެ އެވެ.
ދައުލަތަށް ނެގޭ ފައިސާ އާއި މުދަލުގެ ތެރޭގައި ހިމެނެނީ:
ނަމޫނާ ގާނޫނުގައި އޮތް ގޮތުން އިދާރީ ގޮތުންނާއި ޖިނާއީ ކުށެއް ސާބިތުނުވާ ހާލަތުގައި ވެސް ފައިސާ އާއި މުދާ ދައުލަތަށް ނެގެ އެވެ. އެކަމަކު އިދާރީ ގޮތުން ނެގެނީ އެއް ލައްކަ ރުފިޔާއަށް ވުރެ ދަށް އަދަދުގެ ފައިސާ އާއި މުދަލެވެ.
މިހާރު ވެސް އޮންނަ ގޮތަށް ތަހުގީގުގެ ބޭނުމަށް ހެކީގެ ގޮތުގައި ހިފަހަައްޓާ ފައިސާ އާއި މުދަލުގެ ތެރެއިން ދައުލަތަށް ނެގޭނެ ފައިސާ އާއި ނުނެގޭ ފައިސާ ވެސް ވަގުތީ ގޮތުން ހިފެހެއްޓެ އެވެ.
ކުށް ކުރަން ބޭނުންކުރާ ފައިސާ އާއި މުދަލާ ގުޅޭ މައްސަލަތަކުގެ ތަހުގީގު މަރުހަލާ އާއި ޝަރީއަތް ހިނގަމުންދާ މަރުހަލާގެ ތެރޭގައި އެ ތަކެތި ހިފެހެއްޓެނީ އިންޓަރިމް ރިކަވަރީ އޯޑަރެއްގެ ދަށުންނެވެ. މި އަމަރު ނެރެން ޖެހެނީ ކޯޓުންނެވެ.
މީގެ އިތުރުން ޖިނާއީ ތަހުގީގެއްގައި ތުހުމަތުކުރެވޭ މީހާ ނުވަތަ ވިޔަފާރިއަކުން ގާނޫނާ ހިލާފަށް ހޯދާފައިވާ ކަމަށް އެކަށީގެންވާ މިންވަރަށް ގަބޫލުކުރެވޭ ފައިސާއާއި މުދަލާ ގުޅޭގޮތުން، އެ ފަރާތުން ޖަވާބުދާރީވުމަށް އެންގެ އެވެ.
އެކަމަށް ނެރޭ ކޯޓު އަމުރަށް ކިޔަނީ "އަންއެކްސްޕްލެއިންޑް ވެލްތު އޯޑާ" އެވެ. މި އަމުރު ނެރެވެނީ ޝައްކުކުރެވޭ ފައިސާ އާއި މުދަލުގެ އަގު ދެ ލައްކަ ރުފިޔާއާ އެއްވަރު ނުވަތަ އެއަށް ވުރެ އިތުރުވާ ހާލަތުގަ އެވެ.
މި ގާނޫނުގެ ދަށުން ހިފަހައްޓާ އަދި ދައުލަތަށް އަނބުރާ ނަގާ ފައިސާ އާއި މުދާ ބެލެހެއްޓުމުގެ މައިގަނޑު ޒިންމާ ހަވާލުކޮށްފައި ވަނީ އެސެޓް ރިކަވަރީ އެޖެންސީއާ އެވެ. މިއީ ރައީސް އުފައްދަވާ އެޖެންސީއެކެވެ. މި އެޖެންސީ ހިންގުމުގައި އިސްކޮށް ހަރަކާތްތެރި ވަނީ ޗީފް އެސެޓް ރިކަވަރީ އޮފިސަރެވެ.
ގިނަ ބާރުތަކެއް ދީފައިވާ މި އެޖެންސީ އާއި ޗީފް އެސެޓް ރިކަވަރީ އޮފިސަރަށް ލަފާ ދެނީ އެ ގާނޫނުގެ ދަށުން އެކުލަވަލާ ޓެކްނިކަލް އެޑްވައިޒަރީ ބޯޑުންނެވެ. މި ބޯޑުގައި ހިމެނެނީ އޭސީސީގެ ރައީސް އާއި ޕޮލިސް ކޮމިޝަނަރާއި ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލްގެ އިތުރުން ފިނޭންސް މިނިސްޓަރާއި ޓެކްސް ކޮމިޝަނަރާއި ޕްރޮސެކިއުޓާ ޖެނަރަލް އާއި ބަންޑާރަނައިބެވެ.
އެސެޓް ރިކަވަރީ އެޖެންސީއަށް ނަގާ ފައިސާ އާއި މުދާ ޖަމާކުރަނީ އެ އެޖެންސީން ބަލަހައްޓާ އެސެޓް ރިކަވަރީ ފަންޑަކަށެވެ. މި ފަންޑަށް ޖަމާކުރާ ހުރިހާ އެއްޗެއްގެ މައުލޫމާތު އާންމުކޮށް ފެންނާނެހެން ޝާއިއުކުރަން ޖެހެ އެވެ. މި ފަންޑުން ހަރަަދުކުރެވޭ ކަންކަމުގެ ތެރޭގައި އެސެޓް ރިކަވަރީ އެޖެންސީގެ ހަރަދުތައް ބެލެހެއްޓުމާއި ތަހުގީގީ އިދާރާތައް ކުރިއެރުވުމާއި ގެއްލުން ލިބުނު މީހުންނަށް ބަދަލު ދިނުން ހިމެނެ އެވެ.
އެސެޓް ރިކަވަރީ ގާނޫނުގެ ނަމޫނާ އޭސީސީން ވަނީ ބަންޑާރަނައިބުގެ އޮފީހަށް ފޮނުވާފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ވަރަށް އަވަހަށް މި ކަމާ ގުޅޭ ބިލު ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ވަނީ ހަމަޖެހިފަ އެވެ.
މިފަދަ ބިލެއް މަޖިލީހަށް ފޮނުވުމުގެ މަސައްކަތް ފަށާފައި މިވަނީ ބިލު ނުލިބި ލަސްވާ މައްސަލައިގައި މާލިއްޔަތު ކޮމިޓީން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ. އެ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ވެސް، އެ ކޮމިޓީގައި އިންނަވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ މި ބިލު އަވަހަށް ފޮނުވަން ގޮވާލައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ