ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމުގެ ޕްލޭނަށް މިއަހަރުގެ މެދުތެރޭގައި އަމަލުކުރަން ފަށަނީ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމާއި މުޖްތަމަޢުގައި އެފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށް އެކުލަވާލައިފައިވާ ޕްލޭނަށް މިއަހަރުގެ މެދުތެރޭގައި އަމަލުކުރަން ފެށޭނެކަމަށް އިޖްތިމާޢީ އަދި އާޢިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ. އިޖްތިމާޢީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޢާޠިފް ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މި އެކްޝަން ޕްލޭނަކީ އިޖްތިމާޢީ ވުޒާރާއާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގުޅިގެން އެކުލަވާލައިފައިވާ ޕްލޭނެއް ކަމަށެވެ. އަދި މި ޕްލޭންގައި މައިގަނޑު 5 އަމާޒެއްގެ މައްޗަށް އުސޫލުތައް އެކުލެވިގެންވާ ކަމަށާއި، މިހާރު ކުރިއަށްދަނީ އެކަންކަން ފައިނަލްކުރުމުގެ މަސައްކަތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "ކުރިއަށް އޮތް ގާތްގަނޑަކަށް ދެމަހެއްހައި ދުވަހެއްތެރޭ ބަލަނީ މި ލޯންޗުކުރެވޭތޯ. މެއި ޖޫން ހިސާބުން އަޅުގަނޑުމެން މި ބަލަނީ މީގެ އަމަލީ މަސައްކަތް ފެށިގެންދާނެކަމަށް،" ސްޓޭޓް މިނިސްޓަރ ޢާޠިފް ވިދާޅުވިއެވެ. "ނެޝަނަލް އެކްޝަން ޕްލޭން އޮން ޑިސްއެބިލިޓީ އިންކްލޫޝަން" ގެ ނަމުގައި އެކުލަވާލެވިފައިވާ މި ޕްލޭންގެ މަޤްޞަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބޭނުންތައް ދެނެގަނެ، އެފަރާތްތަކުގެ ހުނަރު ތަރައްޤީކުރުމާއި، މަސައްކަތުގެ ތަޖުރިބާއާއި، އިޤްތިޞާދީ މިނިވަންކަމަށް މަގުފަހިކޮށްދޭ ފުރުޞަތުތައް އެފަރާތްތަކަށް ހޯދައިދިނުމެވެ. މި ޕްލޭން ތަންފީޒުކުރުމުގައި ޔޫއެންޑީޕީގެ ވަރަށް ބޮޑު އިސްނެގުމެއް އޮތްކަމަށާއި، އިޖްތިމާޢީ ވުޒާރާއާއި ގުޅިގެން މީގައި ބައިވެރިވާ އެހެނިހެން ފަރާތްތަކާއެކު މި މަސައްކަތް ކުރިއަށްދާކަމަށްވެސް ސްޓޭޓް މިނިސްޓަރ ޢާޠިފް ފާހަގަކުރެއްވިއެވެ. މި ޕްލޭން ތަންފީޒުކުރަން ފެށުމުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މުޖްތަމަޢުގައި ހަމަހަމަ ފުރުޞަތުތަކެއް ލިބި، އެފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެކަމަށް އުއްމީދުކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ