އެމެރިކާގެ އެންމެ މަތީ އަސްކަރީ ވެރިޔާ ޖެނެރަލް ސީކިއު ބްރައުން މަގާމުން ވަކިކޮށްފި

އެމެރިކާގެ އަސްކަރިއްޔާގެ އިސް ވެރިންގެ މަގާމުތަކަށް ގެންނެވި ބަދަލުތަކެއްގައި، ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ކަމުން ފޯސް ޖެނެރަލް ސީކިއު ބްރައުން ރައީސް ޑޮލަނަލްޑް ޓްރަމްޕް ވަކިކުރައްވައިފި އެވެ.
ޖެނެރަލް ޗާލްސް 'ސީކިއު' ބްރައުން އަކީ ގައުމަށް 40 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.
ބްރައުން މަގާމުން ދުރުކުރި ސަބަބެއް އެމެރިކާގެ ރައީސް ވިދާޅެއް ނުވެ އެވެ.
އަސްކަރިއްޔާގެ އެންމެ އިސް އޮފިސަރަކަށް ރިޓަޔާމަންޓުން މީހަކު ނެރެ، ކުރީގެ އާދަކާދަ މުގުރާލެއްވުމަށް ފަހު، ބްރައުންގެ ބަދަލުގައި އެ މަގާމަށް އައްޔަން ކުރެއްވުމަށް ޓްރަމްޕް އިއުލާން ކުރެއްވީ ރިޓަޔާޑް ކުރީގެ ލެފްޓިނެންޓް ޖެނެރަލް ޑޭން "ރާޒިން" ކޭން އެވެ. 
ޕެންޓަގަން އިން ބުނީ އެމެރިކާގެ ކަނޑުގެ ސިފައިންގެ ވެރިޔާގެ އިތުރުން ވައިގެ ސިފައިންގެ ވައިސް ޗީފް އޮފް ސްޓާފް ވެސް ރައީސް ބަދަލު ކުރައްވާނެ ކަމަށެވެ. 
ޓްރަމްޕްގެ މި ނިންމެވުމާ އެކު ޕެންޓަގަންގައި ވަނީ ހަމަނުޖެހުންތައް އުފެދިފަ އެވެ. ޓްރަމްޕްގެ 'އެމެރިކާ ފުރަތަމަ' ސިޔާސަތުގެ ދަށުން އަސްކަރީ ފައުޖުތަކަށް ބަދަލު ގެނައުމާއި އެ ގައުމުގެ ބަޖެޓަށް ބޮޑެތި ބަދަލުތަކެއް ގެނައުމާއި ސިވިލްސާވަންޓުން ދަނީ ފައުޖުފައުޖަށް ވަކިކުރަމުންނެވެ. 
ޕެންޓަގަންގެ މަދަނީ ލީޑާޝިޕް އެއް ވެރިކަމުން އަނެއް ވެރިކަމަށް ބަދަލުވާ އިރު، އެމެރިކާގެ ސިފައިންގެ ޔުނީފޯމް އަޅައިގެން ތިބޭ މީހުންނަކީ ސިޔާސީ ކަންކަމަށް ބެލުމެެއް ނެތި، ޑިމޮކްރެޓިކް އަދި ރިޕަބްލިކަން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރަމުން އަންނަ ބައެކެވެ.
ބްރައުން މަގާމުން ވަކި ކުރި އިރު އޭނާ ގެންދަވަނީ 2027 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް މުއްދަތު ހަމަވާ ހަތަރު އަހަރުގެ ދައުރެއް އަދާކުރައްވަމުންނެވެ.
 ބްރައުން އަކީ އަސްކަރީ އެޑްވައިޒަރަކަށް ވެވަޑައިގެންނެވި ކަޅު ނަސްލުގެ ދެވަނަ އޮފިސަރެވެ.
އެމެރިކާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ބްރައުންއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ސެނެޓުން ބްރައުން އަށް ފަހު އޭނާ ހުންނެވި މަގާމާ ހަވާލުވާނެ އެހެން މީހަކު މަތި ކުރިކަން ކަށަވަރު ކުރުމުންނެވެ.
އެމެރިކާގެ އަސްކަރިއްޔާގެ މަތީ މަގާމުތައް ޓްރަމްޕް ހުވާ ކުރެއްވުމަށް ފަހު ބަދަލު ކުރައްވާނެ ކަމަށް މިދިޔަ ނޮވެމްބަރު މަހު ރޮއިޓާސް އިން ވަނީ ރިޕޯޓްކޮށްފަ އެވެ. އޭގެ ތެރޭގައި ކަޅު ނަސްލުގެ ބްރައުން ފަދަ އިސްވެރިންގެ މަގާމުތައް ހިމެނޭ ކަމަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ