ގަޑިއިރެއްގެ ތެރޭ 60 މިލިމީޓަރުގެ ވާރޭ ވެހިއްޖެ ނަމަ މާލެ 'ދެ ގުނައަށް' ފެނު އަޑިއަށް ދާނެ

މާލޭގެ މަގުތައް ހަދާފައި އޮތް ގޮޮތުން ގަޑިއިރެއްގެ ތެރޭގައި 30 މިލިމީޓަރުގެ ވާރޭ ވެހިއްޖެ ނަމަ ފެން ބޮޑުވެ އެވެ. އެހެންކަމުން ގަޑިއިރެއްގެ ތެރޭގައި 60 މިލިމީޓަރުގެ ވާރޭ ވެހުމަކީ އެ ފެންބޮޑުވުން ދެ ގުނަވުމެވެ.
މިދިއަ ޑިސެމްބަރާއި ޖެނުއަރީ މަހު މާލޭ ރައްޔިތުންނަށް ކުރިމަތިވީ އެ މައްސަލަ އެވެ. މިއަދު ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީގައި އޮތް ރާއްޖޭގެ މޫސުމީ ތާރީހާ ބެހޭ ހާއްސަ ބައްދަލުވުމެއްގައި އެންމެ ތަޖުރިބާކާރު އެއް މީޓިއޮރޮލޮޖިސްޓް ހުސެން ވަހީދު ވަނީ އެ ހާދިސާތަކާ ބެހޭ ބައެއް މައުލޫމާތު ހިއްސާކުރައްވައިފަ އެވެ.
މި ބައްދަލުވުން ހާއްސަކުރެއްވީ ރާއްޖޭގެ ފެންނަން އޮތް ތާރީހުން އެނގޭ މޫސުމީ ބޮޑެތި ބައެއް ހާދިސާތަކާ ބެހޭ ގޮތުން ހުސެން ކުރައްވަމުން ގެންދަވާ ދިރާސާތަކަށެވެ. އޭނާގެ އިލްމީ ވާހަކައަށް ފަހު އޮތް ސުވާލުކުރުމުގެ ބުރުގައި ބައިވެރިޔަކު ކުރި ސުވާލު އަމާޒުކުރީ މޫސުމީ ބަދަލުތަކަށެވެ.
އޭގެ އެއް ސުވާލުގެ ޖަވާބުގައި ހުސެއިން ވިދާޅުވީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ނުބައި އަސަރު ރާއްޖޭގެ މޫސުމަށް ވެސް ކުރަމުން ދާ ކަމަށެވެ. އެގޮތުން މިސާލު ދައްކަވަމުން މިދިއަ މަހު ރާއްޖެއަށް ކުރި ގަދަ ވިއްސާރައިގެ ބައެއް މައުލޫމާތު ދެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މާލޭގެ މަގުތައް ހަދާފައި އޮތް ގޮތުން ގަޑިއިރެއްގެ ތެރޭގައި 30 މިލިމީޓަރުގެ ވާރޭ ވެހިއްޖެ ނަމަ ފެން ބޮޑުވެ އެވެ. 
"[މާލެއަށް އެއް ގަޑިިއިރުގެ ތެރޭގައި] 60 މިލިމީޓަރުގެ ވާރޭ ވެހުމުގެ ސަބަބުން އެހާ ބޮޑަށް ފެނެް ބޮޑުވެގެން ދިޔައީ،" ހުސެން ވިދާޅުވި އެވެ.
މިދިއަ 20 ޑިސެމްބަރުގައި މާލެއަށް 24 ގަޑިއިރުގެ ތެރޭ 136 މިލިމީޓަރުގެ ވާރޭ ވެހުނެވެ. އަދި 3 ޖެނުއަރީގައި 142 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ.
ހުސެއިން ވިދާޅުވީ ރާއްޖޭގެ ރަށްރަށަށް ބޯކޮށް ވާރޭ ވެހޭ އިރު ގަޑިއިރެއްގެ ތެރޭގައި ކުރިން އާންމުކޮށް ވެހެނީ 30-40 މިލިމީޓަރުގެ ވާރޭ ކަމަށެވެ. އެކަމަކު މިހާރު އެކަން ބަދަލުވެ އާދަޔާ ހިލާފަށް ވާރޭ ވެހޭ ކަމަށް ވިދާޅުވި އެވެ.
މިއީ ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖެއަށް ދިމާވާނެ އެންމެ ބޮޑު އެއް މައްސަލަކަން ފާހަގަކުރައްވަމުން އޭނާ މިސާލު ނެންގެވީ މިދިއަ އަހަރުގެ އޮގަސްޓް މަހު ހއ. ކެލައަށް ކުރި ވިއްސާރަ އެވެ. އެރަށަށް 12 އޮގަސްޓްގައި ވެެހެން ފެށި ވާރޭ 24 ގަޑިއިރަށް ދެމިގެން ދިޔަ އެވެ. ޖުމްލަ 231 މިލިމީޓަރުގެ ވާރޭ ވެހުނެވެ. މިއީ މިހާތަނަށް ރާއްޖޭގެ ރެކޯޑެވެ.
"އެންމެ ބޮޑު ބަދަލަކީ ވާރޭ ވެހޭ ގޮތް ބަދަލުވުން. މިހާރު ވާރޭ ވެހޭއިރުގައި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަަރަށް ގިނަ އަދަދަކަށް ވާރޭ ވެހެނީ. އެކަން އިތުވެއްޖެ،" މުޅި ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކަށް އިޝާރަތްކުރައްވަމުން ހުސެން ވިދާޅުވި އެވެ.
ކުރިއަށް އޮތް ތަނުގައި ވެސް "މިއަށް ވުރެ ބޯކޮށް ވާރޭ ވެހި ފެން ބޮޑުވުމުގެ ހާދިސާތައް  އިތުރުވާނެ ކަމަށް ބެލެވެނީ."
ދުނިޔޭގެ މޫސުމަށް އަންނަ ބަދަލާ އެކު ކަނޑުގެ ލޮނުގަނޑު ވެސް ދަނީ އުފުލެމުންނެވެ. މި ބަދަލުގެ ނުރައްކާ ރާއްޖެއަށް ކުރިމަތިވަނީ އުދައިގެ ތެރެއިންނެވެ.
ހުސެން ވިދާޅުވި ގޮތުގައި ކުރިން ނަމަ ރާއްޖެއަށް އުދަ އަރަނީ މާޗު/އެޕްރީލް ހިސާބުގަ އެވެ. އެކަމަކު މިހާރު އުދައިގެ ނުރައްކާ ކުރިމަތިވާކަށް ވަކި ދުވަސްވަރެއް ނެތްކަން ފާހަގަކުރެއްވި އެވެ.
"ކުރިން އުދައަކީ ކޮންމެ މަހަކު އަރާ އެެއްޗެއް ނޫން. އާންމު ގޮތެއްގައި މާޗު/އެޕްރީލްގައި އުދަ އަަރަަނީ ކުރީގެ ހިސާބުތަކަށް ބަލާއިރު،" އޭނާ ވިދާޅުވި އެވެ.
އެހެން ދިމާވަނީ، ހުސެން ވިދާޅުވި ގޮތުގައި، އެއީ ދެކުނު އިންޑިއާ ކަނޑުގައި ތޫފާން އުފެދޭ ދުވަސްވަރަށް ވާތީ، އެ ތޫފާންތަކުގެ އަސަރު އީކްއޭޓާ ހުރަސްކޮށް ދާއިރު ރާއްޖެއަށް ކުރާތީ އެވެ. އެދުވަސްވަރު މަޑަގަސްކަރަ އާއި މޮރިޝަސް ހިސާބުގައި 40 ފޫޓަށް ރާޅު އުފެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 
"އެހެންނަމަވެސް މިހާރު ފާހަގަކުރެވެނީ އުދަ އަރާކަށް ވަކި މަހެއް ނެތް. ކޮންމެ މަހެއްގެ ކޮންމެ ދުވަހަކު ވެސް އުދަ އުރާފާނެ،" ހުސެން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ