ޕޮލްކޯގެ ސީއީއޯ އަނީސް ސަސްޕެންޑުކޮށްފި

ފުލުހުންގެ ވިޔަފާރި ކުންފުނި، ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ)ގެ ސީއީއޯ އަހުމަދު އަނީސް މަގާމުން ސަސްޕެންޑުކޮށްފިއެވެ. "ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އަނީސްގެ އިތުބާރުގެ ނެތް ކަމުގެ މައްސަލައެއް ޕޮލްކޯގެ ބޯޑަށް ވަނީ ހުށަހަޅައިފައެވެ. އެ މައްސަލަ ބަލަން އޭނާ މިއަދު ބޯޑުގެ ބައްދަލުވުމަކަށް ހާޒިރުވާން އެންގުމުން، އެ ބައްދަލުވުމަށް ހާޒިރުނުވި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެހެންވެ، މައްސަލަ ބަލައި ނިމެންދެން އަނީސް ސަސްޕެންޑު ކުރަން ބޯޑުން ވަނީ ނިންމައިފައެވެ. ފުލުހުންގެ ޚިދުމަތުގައި 20 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކުރައްވައިފައިވާ އަނީސް ޕޮލްކޯގެ ސީއީއޯ ކަމަށް އައަޔަންކޮށްފައިވަނީ މިދިޔަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ. އަނީސް ސަސްޕެންޑުކޮށްފައިވަނީ، ޕޮލްކޯގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލައި، ޕޮލްކޯ ދެ ފަހަރެއްގެ މަތިން ބަލައިފާސްކޮށްފައި ވަނިކޮށެވެ. https://sun.mv/202782 ޕޮލްކޯއާ 2013 ވަނަ އަހަރު ހަވާލުކުރި 'ބުލޫސް ހައުސިން މަޝްރޫއު'ގައި ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، އޮޑިޓް ރިޕޯޓެއްވަނީ މިދިޔަ މަހުގެ 23ގައި ނެރެފައެވެ. އޮޑިޓް އޮފީހުގެ ރިޕޯޓުގައިވަނީ އެ މަޝްރޫއަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވެ، އެ ކުންފުނީގެ ކޮރަޕްޝަނާއި ނާގާބިލުކަމުގެ ސަބަބުން ދައުލަތަށް 354.7 މިލިއަން ރުފިޔާ ގެއްލުނު ކަމަށެވެ. އެހެންވެ، އޭރު ޕޮލްކޯގެ ބޯޑް އޮފް ޑިރެކްޓަރުންގެ ގޮތުގައިއާއި އިސްވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަށް ފިޔަވަޅު އަޅަން އޮޑިޓް ރިޕޯޓުގައި ވަނީ ލަފާދީފައެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބްކޮމިޓީއަކުން އެ މައްސަލަ ދިރާސާކުރަމުން އަންނައިރު، އެ ކޮމިޓީގެ ބައްދަލުވުމެއްގައި އެ ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ، އެ މައްސަލައިގައި ނިންމަން ޖެހޭ އެންމެ މުހިންމު ނިންމުމަކަށް އޮތީ މިހާރު ޒިންމާދާރު މަގާމުތަކުގައި ތިބި ފުލުސް އޮފިސަރުންނާ މެދު އަމަލުކުރަންވީ ގޮތް ކަމަށް ވިދާޅުވެފައެވެ. https://sun.mv/202649 އެގޮތުން، އެ މައްސަލަ ކުރިއަށްދާއިރު އެ އޮފިސަރުން މަގާމުތަކުގައި ތިބެގެން ކުރިއަށްދާނީތޯ ނުވަތަ ނޫންތޯ ނިންމަން ޖެހޭ ކަމަށް ނާޒިމް ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ