ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ބޭފުޅަކު ޢައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (އ) އާއި، ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ 8 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މެންބަރެއްގެ ހައިސިއްޔަތުން، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް، ގއ.ވިލިނގިލި، ވައިޖެހޭގެ އަލްފާޟިލް ޔަޒްމީދު މުޙައްމަދު، މިއަދު ޢައްޔަން ކުރައްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ރަސްމިއްޔާތުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 165 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 14 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މެންބަރުކަމުން، ރ.އިނގުރައިދޫ، ހިތްވަރު އަލްއުސްތާޛު މުޙައްމަދު ސަމީރު ވަކިކުރައްވާފައެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަން ކުރެއްވުމުގެ ކުރިން، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، އަލްފާޟިލް ޔަޒްމީދު މުޙައްމަދު، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. އަލްފާޟިލް ޔަޒްމީދު މުޙައްމަދަށް ހުވައިލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ މުޙައްމަދު އިބްރާހީމެވެ.
މި ރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ، އަލްފާޟިލް ޔަޒްމީދު މުޙައްމަދާ ވަނީ ޙަވާލުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ