ކުޑަހުވަދޫގެ އާ ހޮސްޕިޓަލާއި އޭޓީއެމް މަޝްރޫއުގެ ބިންގާ އަޅައިފި ކުޑަހުވަދޫގެ އާ ހޮސްޕިޓަލާއި އޭޓީއެމް މަޝްރޫއުގެ ބިންގާ އަޅައިފި

ދ. ކުޑަހުވަދޫގައި އަޅާ އާ ހޮސްޕިޓަލާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް އެއް އެޅުމަށް ހިންގާ މަޝްރޫއުގެ ބިންގާ އަޅައިފި އެވެ.
ތަފާތު ދެ ހަފުލާއެއް ބާއްވާ މިއަދު ހަވީރު މި ދެ މަޝްރޫއު އިފުތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިންނެވެ. ރައީސް ކުޑަހުވަދޫއަށް ވަޑައިގެންނެވީ މިއަދު ހަވީރު ވައިގެ މަގުންނެވެ.
ރައީސް އޮފީހުން ސޯޝަލް މީިޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މިއީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށެވެ. އަދި، އެ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް އެ އޮފީހުން ބުންޏެވެ.
މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތެއްގައި މި މަޝްރޫއު ހަވާލުކޮށްފައިވަނީ ސަރުކާރުގެ މަގު ހަދާ ކުންފުނި އާރުޑީސީ އާއެވެ. ނަމަވެސް އާ ހޮސްޕިޓަލުގެ އެއްވެސް ތަފުސީލެއް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ. މި މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވީ ލޯކަލް ގަވަމަންޓު މިނިސްޓަރު އާދަމް ޝަރީފު އެވެ.
ކުޑަހުވަދޫގައި ބީއެމްއެލްގެ އޭޓީއެމް އެޅުމަށް ހިންގާ މަޝްރޫއުގެ ބިންގާ އަޅަނީ --- ފޮޓޯ: ރައީސް އޮފީސް
ކުޑަހުވަދޫގައި ބީއެމްއެލް ގެ އައު އިމާރާތެއް އަޅާ އެ ރަށުގައި އެ ބޭންކުގެ އޭޓީއެމް ހިދުމަތް ގާއިމުކުރުމަށް ހިންގާ މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވީ އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު އަދި އެ ބޭންކުގެ ޗެއާމަން އަހުމަދު އަލީ ހަބީބު އެވެ.
ރައީސް އޮފީހުން ބުނީ މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައި މި އަހަރު ނިމުމުގެ ކުރިން އޭޓީއެމްގެ ހިދުމަތް ތައާރަފްކުރުމަށް ރައީސް މުއިއްޒު ނިންމެވި ނިންމެވުމުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ. ރަށްރަށުގައި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ ބީއެމްއެލް އަދި އެމްއައިބީ އިންނެވެ.
މި ދެ ރަސްމިއްޔާތުގައި ރައީސްގެ އިތުރުން އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަޒީރުންނާއި ސަރުކާރުގެ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ