ޕޮލްކޯގެ ސީއީއޯ އަނީސް މަގާމުން ވަކިކުރަނީ ޕޮލްކޯގެ ސީއީއޯ އަނީސް މަގާމުން ވަކިކުރަނީ

ކުންފުންޏަށް ކޮރަޕްޝަނުގެ އެތައް ތުހުމަތެއް ކުރެވިފައިވަނިކޮށް ޕޮލްކޯގެ ސީއީއޯ، އަހުމަދު އަނީސް މަގާމުން ވަކިކުރަން ހުށަހަޅައިފި އެވެ.
އިތުބާރުހުރި މަސްދަރުތަކުން މި ނޫހަށް ކަށަވަރުކޮށްދިން ގޮތުގައި މިއަދު ބޭއްވި އެ ކުންފުނީގެ ބޯޑު މީޓިންއެއްގައި އަނީސް ވަނީ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފަ އެވެ. އެގޮތަށް ނިންމީ އަނީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ބޯޑަށް ހުށަހެޅުމުންނެވެ.
އަނީސް މަގާމުން ވަކިކުރުމާމެދު ގޮތެއް ނިންމާނީ މާދަމާ ބާއްވާ އިތުރު ބޯޑު ބައްދަލުވުމެއްގަ އެވެ. އޭނާ މި މަގާމަށް އައްޔަންކުރީ މި ވެރިކަމުގައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއުގެ ބެއްލެވުމުގެ ދަށުންނެވެ.
މީގެ އިތުރުން، މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޮލްކޯގެ ޗެއާމަން ވަނީ މިއަދު އިސްތިއުފާދީފަ އެވެ. މިކަމާ ގުޅިގެން ފުލުހުންގެ ހިދުމަތުން އަދި ޕޮލްކޯ އިންވެސް މިހާތަނަށް ރަސްމީ ބަހެއް ނުބުނެ އެވެ.
ގިނަ އަހަރުތަކެއްވަންދެން ޕޮލްކޯގެ ތެރޭގައި ކޮރަޕްޝަންގެ އެތައް އަމަލެއް ހިންގާ ކަމުގެ ތުހުމަތު އެކި ފަހަރުމަތިން ވަނީ ކުރެވި އެވެ. މިހާރު ފެންމަތިވެގެން އުޅޭ ޕޮލްކޯ ފްލެޓުތަކުގެ މައްސަލައިގައި ވެސް އޮޑިޓަރުން ގިނަ މައްސަލަތަކެއް ފާހަގަކޮށްފައިވެ އެވެ. މި މަޝްރޫއާ ގުޅޭ ބައެއް ލިޔުންތައް ވެސް އޮޑިޓަަށް ލިބިފައިނުވާ ކަމަށް އެ އޮފީހުން ބުނެފައިވެ އެވެ.
ޖެނުއަރީ 24، ގައި އޮޑިޓޮ އޮފީހުން އާންމު ކުރި ހާއްސަ އޮޑިޓުގައިވާ ގޮތުން ބްލޫސް ހައުސިން ޔުނިޓުގެ 13 ބުރީގެ ތިން ޓަވަރު އެޅުމުގެ މަސައްކަތުގައި، ޕޮލްކޯގެ ނާގާބިލްކަމާއި ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް 354 މިލިއަން ރުފިޔާ ގެއްލިފައިވެ އެވެ. އެ މަޝްރޫއުއަށް ޖުމުލަ 1.06 ބިލިއަން ރުފިޔާ މިހައިތަނަށް ހަރަދުވެފައިވެ އެވެ.
ފުލުހުންނަށް ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލު ކުރީ ނޫމަޑި ކުންފުންޏާ އެވެ. ނޫމަޑިއާ މަސައްކަތް ހަވާލު ކުރީ އިއުލާނު ކުރުމެއް، ޓެންޑާ ކުރުމެއް ނެތި އެވެ.
ފަހުން މުޅި ޕްރޮޖެކްޓު ހަވާލު ކުރީ ނޫމަޑީގެ ސަބް ކޮންޓްރެކްޓަރު އައިލެންޑް އެކްސްޕާޓްއާ އެވެ. އައިލެންޑް އެކްސްޕާޓުގެ މެނޭޖިން ޑިރެކްޓަރަކީ ނޫމަޑީގެ ރިޕްރެޒެންޓޭޓަރެވެ. އެހެންކަމުން، އެކަމުގައި ފައިދާވީ ދައުލަތުގެ ބަދަލުގައި އޭނާއަށްކަން އޮޑިޓުގައި ފާހަގަ ކުރެ އެވެ.
މި މައްސަލާގެ ތަހުގީގަށް ދެ ފަހަރެއްގެ މަތިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ޕޮލްކޯގެ އޮފީހަށް ވަދެ ލިޔެކިޔުންތަކެއް ވެސް ގެންގޮސްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެ މައްސަލަ ދިރާސާ ކުރަމުން ދަނިކޮށް ޕޮލްކޯގައި އިތުރު ކޮރަޕްޝަންތަކެއް ވެސް ފުޅާ ދާއިރާއެއްގައި ހިންގަމުންދާ ކަމަށް ބުނެ އެ އިދާރާގައި މަސައްކަތް ކުރާ މީހަކު ވަނީ މަޖިލީހަށް ސިޓީއެއް ފޮނުވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ