އިންތިހާބުން ބަލިވާ ހާލަތުގައިވެސް ކޯލިޝަން ހެދުމުގެ ޝައުގެއްނެތް: އުމަރު ނަސީރު

އިންތިހާބުން ބަލިވާ ހާލަތުގައިވެސް ކޯލިޝަން ހެދުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތްކަމަށް، މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު ނަސީރު ވިދާޅުވީ ރާއްޖެއަށް ގެންނަން ބޭނުންވާ އިސްލާހީ ހެޔޮ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރާތާ 18 އަހަރު ވެފައި ވާކަމަށެވެ. އުމަރު ވިދާޅުވީ އޭނާގެ އަތުގައި އޮތް ހަމައެކަނި ގޮތަކީ އިންތިހާބު ކާމިޔާބު ކުރުން ކަމަށާ އޭނާގެ އަތްޕުޅުގައި އެއްވެސް 'ޕްލޭން ބީ' އެއް ނެތްކަމަށެވެ.
މީގެ އިތުރުން އުމަރު ނަސީރު ވިދާޅުވީ އިންތިހާބުން ބަލިވާ ހަލަތުގައިވެސް ސަރުކާރެއްގެ ތެރެއަށް ވަދެ ކޯލިޝަން ހަދައިގެން އެ ސަރުކާރެއްގައި ވަޒީރުކަމުގައި އިންނަވަން ބޭނުން ނުވާކަމަށެވެ. އަދި އެ ސަރުކާރެއްގެ 20 ޕަސެންޓާއި 30 ޕަސެންޓު ހޯއްދަވައިގެން އޭނާގެ މީހުން އެެ ތަންތަނުގެ ވަޒީފާއަށް ލައިގެން އުޅެން ބޭނުން ނުވާކަމަށް އުމަރު ވިދާޅުވިއެވެ.
ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތަކަށް އަލިއަޅުވާލައްވަމުން އުމަރު ވިދާޅުވީ މަސްތުވާތަކެތި އާންމުވެފައި އޮތުމާ، ރާއްޖޭގެ ދަރަނި އިންތިހާއަށް އިތުރުވަމުން ދއުމާ، ބޭރު ގައުމެއްގެ އަސްކަރީ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުމާ، ބިދޭސީންގެ އަތްމައްޗަށް ދިވެހި ވިޔަފާރި ދިއުމުގެ އިތުރުން އިސްލާމީ ޝަރީއަތް ތަންފީޒު ނުކުރެވުމަކީ ބޮޑު މައްސަލައެއް ކަމަށެވެ.
ރިޔާސީ އިންތިހާބެއްގައި ކޮންމެ ބޭފުޅަކަށް ވެސް ވާދަކުރެވިދާނެކަން ފާހަގަކުރައްވައި އުމަރު ނަސީރު ވިދާޅުވީ ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތަކަށް ގެންނާނެ ހައްލު އެ މީހަކަށް އެނގެންޖެހޭ ކަމަށެވެ. އުމަރު ވަނީ އޭނާގެ ވެރިކަމެއްގައި އިސްލާމީ ޝަރީއަތް ވަކި މީހަކަށް ބެލުމެއްނެތި ތަންފީޒު ކުރައްވާނެ ކަމަށް ދައްކަވާ ވާހަކަ ތަކުރާރު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ