އެކަކު މަރުވެ، ހަތަރު ޑައިވަރުން ގެއްލުމުން ސަފާރީގެ ލައިސެންސް ހިފަހައްޓައިފި

ވ. އަތޮޅުގައި ޑައިވިންއަށް ފައިބައިގެން އުޅެނިކޮށް އެކަކު މަރުވެ، ހަތަރު މީހުން ގެއްލި ހިނގި ހާދިސާއާ ގުޅިގެން އެ މީހުން ތިބި ސަފާރީގެ އޮޕަރޭޓިން ލައިސެންސް ހިފަހައްޓައިފި އެވެ. 
ޓޫރިޒަމް މިނިސްޓްރީން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ "އެމްވީ ޑޫކް އޮފް ޔޯކް" އުޅަނދުގެ ލައިސެންސް މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. 
އެ ފިޔަވަޅު އެޅީ ހާދިސާގެ ސީރިއަސް ކަމަށް ބަލައި، އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށްޓަކައި ކަމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ފޮނުވި މެސެޖުގައި ބުންޏެވެ. 
ވ. އަތޮޅުގައި ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ފަތުރުވެރިން ކަނޑުއަޑީގެ ހޮހޮޅައެއްގެ ތެރޭގައި ތިބިކަމަށް ސިފައިން ލަފާކުރެއެވެ. ގެއްލުނު މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑު މިހާރު ފެނިފައިވާއިރު، ބާކީ ތިބި މީހުން ހޯދުމަށް ޚާއްޞަ ސާމާނާއެކު ކޯސްޓްގާޑުން ދަނީ ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހިނގި ހާދިސާގައި ހިމެނެނީ އިޓަލީއަށް ނިސްބަތްވާ ފަސް މީހުންނެވެ. ސިފައިން ބުނީ އެ މީހުން ޑައިވިންއަށް ފޭބީ ކަނޑުއަޑީގެ ނުރައްކާތެރި ހޮހޮޅައަކަށް ކަމަށެވެ. 
އެ މީހުން ގެއްލިގެން މެންދުރު ރިޕޯޓުކުރުމާ އެކު ފެށި އޮޕަރޭޝަނުގައި އޭގެ ތެރެއިން އެކެއްގެ ހަށިގަނޑު ފެނުނީ އިރު އޮއްސުނު ފަހުން ސަފާރީގެ ޑައިވަރުންނަށެވެ. 
ބާކީ ހަތަރު މީހުންގެ ހަށިގަނޑު ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ އެ މީހުން ހޮހޮޅައިގައި ތާށިވެފައިވުން އެކަށީގެންވާ ކަމަށެވެ.
"ބާކީ ތިބި ހަތަރު ޑައިވަރުން ވީކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ މި ކޭވްގެ ތެރޭގައެވެ. މިއީ ވަރަށް ނުރައްކާތެރި ހައި ރިސްކް އޮޕަރޭޝަނަކަށް ވަތީ، އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރު ޑައިވަރުންނާއި ބޭނުންވާ ޚާއްޞަ ސާމާނު މިހާރު ވަނީ އެ ސަރަހައްދަށް ފޮނުވާފަ،" ސިފައިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ