"ގިލަން" އަކީ މީގެ އަހަރުތަކެއް ކުރިން ޑައިރެކްޓަރ އަމްޖޭ ކުރި ބުރަ މަސައްކަތެކެވެ. އެ ފިލްމު ބިނާކޮށްފައިވަނީ، މަޝްހޫރު ވާހަކަ ލިޔުންތެރިޔާ މުޙައްމަދު ޤާސިމް ހަމަ އެ ނަމުގައި ލިޔެފައިވާ މަޝްހޫރު ވާހަކައަށެވެ.
"ގިލަން" ތައްޔާރުކޮށްފައިވަނީ، އާއިލީ ސިއްރު ލޯބީގެ ގުޅުންތަކެއްގެ ތެރެއިން ރޫހާނީ ހާދިސާތަކެއް ކިޔައިދޭ ވާހަކައަށެވެ. މިފިލްމުގެ މައިގަނޑު ރޯލުތަކުން ފެންނަނީ، ރާއްޖޭގެ ފިލްމީ ސިނާޢަތުގެ އެންމެ ފުންނާބުއުސް ތަރިންގެ ތެރޭގައި ހިމެނޭ ޔޫސުފް ޝަފީއު ޔޫއްޕެ، ފާތުމަތު އާޒިފާ އަޒޫ، އަޙްމަދު ސަޢީދު، އާމިނަތު ނޫރާ، ދަރާ މުޙައްމަދު ރަޝީދުގެ އިތުރުން މަރިޔަމް ޝަކީލާއެވެ. ފިލްމުގެ މަންޒަރުތައް ޝޫޓް ކޮށްފައިވަނީ، ހުޅުމާލޭގައެވެ.
ފިލްމު "ގިލަން"ގެ ޓިކެޓު މިހާރު އޮލިމްޕަސް ސިނަމާގެ ކައުންޓަރުންނާއި، އެ ސިނަމާގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ދަނީ ވިކެމުންނެވެ. އޮންލައިންކޮށް ޓިކެޓް ވިއްކަން ފެށުމާއެކު، ސިނަމާ ކައިރީގައި ދިގު ކިއޫތަކުގައި ނުޖެހި، ބެލުންތެރިން ބޭނުންވާ ދުވަހެއްގެ އަދި ބޭނުންވާ ޝޯވއެއްގެ ޓިކެޓް އަވަހަށް ހޯދުމުގެ ފުރުޞަތު ފަހިވެފައިވާކަން ގިލަންގެ ޕްރޮޑަކްޝަން ޓީމުން ފާހަގަކުރައްވައެވެ. މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފިލްމު އެޅުވުމަށް އައިލެންޑް ސިނަމާއިން މިހާރު އަންނަނީ، ތައްޔާރުވަމުންނެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އައިލެންޑް ސިނަމާއިން ބުނީ، މިރެއިން ފެށިގެން މިމަހުގެ 30ގެ ނިޔަލަށް ރަށްރަށުގައްޔާއި ރިސޯޓުތަކުގައި ފިލްމު އެޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި މިހާރުވެސް ރާއްޖޭގެ 50އަށްވުރެ ގިނަ ރަށުގައި ފިލްމު އެޅުވުމަށް ހަމަޖެހިފައިވާ ކަމަށާއި، މިމަހުގެ 9ވަނަ ދުވަހު ރާއްޖޭގެ ހުރިހާ ސިޓީތަކުގައި ފިލްމު އެޅުވުމަށް ހަމަޖެހިފައިވާ ކަމަށް ބުނެއެވެ.
ގިލަން ޕްރިމިއަރ ކުރުމަށް މިދިޔަ އަންގާރަ ދުވަހު އޮލިމްޕަސް ސިނަމާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ފިލްމީ ސިނާއަތަށް އަމްޖޭ ކޮށްދީފައިވާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ރާއްޖޭގައި މިވަގުތު ހަރަކާތްތެރިވާ 20 ޕްރޮޑަކްޝަން ހައުސްއަކުން ގުޅިގެން އަމްޖޭގެ ފަންނުވެރިކަމާއި ދެގޮތެއްނުވެ ދާއިރާގައި ދެމިހުރިކަން ފާހަގަކޮށް، ޚިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ވަނީ އައްޑަނައެއް އަރުވާފައެވެ.
އޭގެތެރޭގައި، ފިލްމީ ސިނާޢަތުގައި ފާހަގަކޮށްލެވޭ ޕްރޮޑަކްޝަން ހައުސްގެ ތެރޭގައި ހިމެނޭ ކްރިސްޓަލް އެންޓަޓައިންމެންޓް، ފަރިވާ ފިލްމްސް، ސްލޭމް ސްޓޫޑިއޯ، ޑާކް ރެއިން އެންޓަޓައިންމެންޓް އަދި ޝައި ޕްރޮޑަކްޝަން، ސެޓާން ސްޓޫޑިއޯ ފަދަ ޕްރޮޑަކްޝަން ހައުސެސް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި ފަންނާއި ސަޤާފަތާއި ތަރިކައާއިބެހޭ ވަޒީރު ހީނާ ވަލީދުވަނީ، 30 އަހަރުގެ ދިގު މުއްދަތުގައި އަމްޖޭ ފިލްމީ ސިނާޢަތަށް ކޮށްދެއްވާފައިވާ މަސައްކަތް ފާހަގަކުރައްވާ، މިހާރުގެ މަޝްހޫރު ގިނަ ފަންނާނުންތަކެއް ދާއިރައަށް ނެރެދިނުމަށް މުހިންމު މަސައްކަތްތަކެއް ކޮށްދެއްވާފައިވާކަން ފާހަގަކުރައްވާފައެވެ.
"ގާތްގަނޑަކަށް 30 އަހަރު މިވީ އަމްޖަދު މިދާއިރާގައި މަސައްކަތްކަތް ކުރައްވާތާ. އަމްޖަދު އިބްރާހީމަކީ، ވަރަށް ގިނަގުނަ ފަންނާނުންތަކެއް މި ދާއިރާއަށް ނެރުއްވާ އަދި މި ދާއިރާ ތަރައްޤީ ކުރައްވާ އަދި ފިލްމީ ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެންނެވި ބޭފުޅެކޭ ދެންނެވުމަކީ ދޮގަކަށް ނުވާނެ. 30 އަހަރު މި ދާއިރާގައި ހޭދަކުރެވެނީ، ވަރަށް ބޮޑު ޝައުޤުވެރިކަމެއް ހުރެގެން މި މަސައްކަތް ކުރައްވާތީ." ވަޒީރު ވިދާޅުވިއެވެ.
ދިވެހި ފިލްމީ ސިނާޢަތުގައި އަމްޖޭ ވަނީ، 30 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައެވެ. އަމްޖޭގެ 50ވަނަ ފިލްމް "ގިލަން" މިހާރު ޕްރިމިއަރ ކޮށްފައިވާއިރު، މިއީ ރާއްޖޭގައި 50 ފިލްމު ހެދި ފުރަތަމަ ޑައިރެކްޓަރުކަން ފާހަގަކޮށްލެވެއެވެ.
އަމްޖޭގެ 50ވަނަ ފިލްމު: އަސަރުން ފުރިގެންވާ އާދަޔާ ޚިލާފު ވާހަކައެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ