އެއްވެސް ހާލަތެއްގެ ސަބަބުން ކުރީގެ ދެ ރައީސުން ވެސް އެމްޑީޕީން ވަކިވެގެން ދިއުމުގެ ފުރުސަތެއް އުފެދިޔަ ނުދޭނެކަމަށް ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕެއިނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ފައްޔާޒް މިވަގުތު ތިއްބެވީ ފ. އަތޮޅުގަ އެވެ. މި ދަތުރުތަކުގައި އާންމު މެމްބަރުންނާއި އެކު ބާއްވާ ބައްދަލުވުންތަކުގައި ދެ ބޭފުޅުންނާއި ވެސް ސުވާލު ކުރުމުގެ ފުރުސަތު ހުޅުވާލަ އެވެ. އަދި އާންމުކޮށް އަންނަ އެއް ސުވާލަކީ ނާކާމިޔާބުވާ ހާލަތެއްގައި ދެން ކަންތައް ކުރައްވާނެ ގޮތާއި، 2023 ގެ ތެރޭގައި ޕާޓީ ބައިބައިވާން ޖެހުނު ސަބަބުތަކެވެ.
މިއަދުގެ ބައްދަލުވުމުގައި އެމްޑީޕީގެ މެމްބަރަކު ވަނީ ޕާޓީގެ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކަށް ފަހު، ރައީސް ނަޝީދު އެމްޑީޕީން ވަކިވެގެން ދިޔަކަމާއި އޭގެ ފަހުން ރިޔާސީ އިންތިހާބާއި އެކު މަޖިލިސް އިންތިހާބު ވެސް ގެއްލުނުކަން ފާހަގަކޮށްފަ އެވެ.
އެކަމާއި ގުޅޭގޮތުން ފައްޔާޒް ވިދާޅުވީ، އޭރު އެ ހުރިހާކަމެއް ދިމާވީ އޭނާގެ ޗެއާޕާސަންކަމުގައިކަމަށާއި، އެތެރޭގެ މަސްލަހަތު ހިފަހައްޓައި ޕާޓީ ބައިބައިވިޔަ ނުދިނުމަށް ވަރަށް މަސައްކަތް ކުރި ކަމަށެވެ. އޭރު އެކަން ކާމިޔާބު ނުކުރެވުނު ނަމަވެސް، ދެން އެފަދަ ހާލަތެއް ދިމާވެ އެއްވެސް ރައީސަކު ވަކިވެގެން ނުދާނެކަމަށް ފައްޔާޒް ވިދާޅުވި އެވެ.
އެމްޑީޕީން ވަކިވެގެން ދިއުމާއި ގުޅޭގޮތުން ގިނަ ބަޔަކު ސުވާލު ކުރިއިރު، ރައީސް ނަޝީދު ވިދާޅުވީ އެއީ އެމަނިކުފާނުގެ ހަޔާތުގައި ދިމާވި އެންމެ ހިތާމަވެރި އެއް ދުވަސް ކަމަށެވެ. ނަމަވެސް އޭރު ޕާޓީން ވަކިވާން ޖެހުނީ ދިމާވި ހާލަތުގެ ސަބަބުންކަމަށާއި، އެމަނިކުފާނަކީ ދުވަހަކު ވެސް އެމްޑީޕީން ވަކިވެގެން އެހެން ޕާޓީއެއްގައި މަސައްކަތް ކުރުމަށް ބޭނުންވި މީހެއް ނޫންކަމަށް ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް ބޭނުންފުޅު ވަނީ ޕާޓީ ކުރިއަރުވަން ކަމަށާއި އަދި ޕާޓީއަށް މެމްބަރުން ގިނަ ކުރަން ކަމަށެވެ.
އެއްވެސް ހާލަތެއް ދިމާވެ، ދެ ރައީސުން ވެސް ޕާޓީން ވަކިވެގެން ދިއުމުގެ ފުރުސަތެއް އުފެދުމަށް ޖާގަ ނުދޭނަން: ފައްޔާޒް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ