އާންމު ހަޅުތާލަކަށް ފަލަސްތީނު ހުރިހާ ރަށެއްގެ މަގުތަކަށް ރައްޔިތުން ނުކުމެއްޖެ

އާންމު ހަޅުތާލަކަށް ފަލަސްތީނުގެ ހުރިހާ ރައްޔިތުން ފަލަސްތީނުގެ ރަށްތަކުގެ މަގުތަކަށް ނުކުތުމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ގޮވާލެއްވުމާއެކު، އާންމުން މަގުތައް ފުރާލައި އިސްރާއީލުގެ ސަލާމަތީ ބާރުތަކާ ދެކޮޅަށް ވަރަށް ވަރުގަދަ ކުރިމަތިލުންތަކެއް ހިންގަމުން އެބަދެއެވެ.
އިއްތިފާގުން މިއަދު ދިމާވެފައިވަނީ ފަލަސްތީނު ރައްޔިތުން ކޮންމެ އަހަރަކުވެސް ފާހަގަކުރާ "ނަކްބާ" ގެ ދުވަހަށެވެ.
"ނަކްބާ" ގެ ދުވަހަކީ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލޭ ކިއުނު ދައުލަތެއް 1948 ވަނަ އަހަރު އުފެއްދުމާ ގުޅިގެން އެކަމުގެ މައްޗަށް ހިތާމަފާޅުކޮށް ކޮންމެ އަހަރަކުވެސް ފަލަސްތީނުގެ ރައްޔިތުން ފާހަގަކުރާ ދުވަހެކެވެ. މިއީ ފަލަސްތީނު ބިމުގައި އިސްރާއީލު އުފެއްދުމާ ގުޅިގެން ގެދޮރުދޫކޮށް ދިޔަ ނުވަތަ ގަދަކަމުން ގެދޮރުން ނެރެލެވުނު ފަލަސްތީނު 700،000 ރައްޔިތުންގެ ހައްގުގައި ފާހަގަކުރާ ދުވަހެއްވެސް މެއެވެ.
"ނަކްބާ" ގެ ދުވަސް ފާހަގަ ކުރިޔަނުދޭން އިސްރާއީލުން ވަރަށް ބޮޑެތި ފިއްތުންތައް ކުރިމަތި ކޮށްފައި އޮވެއެވެ. އެދުވަހަކީ އިސްރާއީލުގެ އުދުވާނީ ބާރުތަކުގެ ކުރިމަތީގައި ބިރުފަހަނައަޅައި، ފަލަސްތީނު ރައްޔިތުން ގިނަ ހަރަކާތްތަކެއް ހިންގާ ދުވަހަކަށް ވާތީއެވެ.
"ނަކްބާ" ގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި، ޣައްޒާއާއި، އަދި އިސްރާއީލުގެ ބާރުގެ ދަށުގައި އޮންނަ އިރުމަތީ ގުދުސްގައާއި، އިސްރާއީލުގެ ރައްޔިތުންގެ ގޮތުގައި އުޅޭ ފަލަސްތީނު ރައްޔިތުންވެސް އިސްރާއީލުގެ ސަލާމަތީ ބާރުތަކާ ދެކޮޅަށް މިއަދު ނުކުމެފައި ވެއެވެ.
ފަލަސްތީނުގެ ރަށްތަކުގައި އާންމުން މަގުތަކަށް ނުކުމެ އިސްރާއީލުގެ ސަލާމަތީ ބާރުތަކަށް އޮށްގަލާއި އެނޫންވެސް އެއްޗެހިން ހަމަލާދީ ކުރިމަތިލަމުން ގެންދާއިރު، ޣައްޒާ-އިސްރާއީލު ވަކިކުރާ އިމުގެ ސަރަހައްދަށްވެސް ފަލަސްތީނުގެ އާންމުން މިއަދު ޖަމާވެފައި ވެއެވެ.
އެ ސަރަހައްދަށް އިއްޔެ އެއްވި އާންމުންގެ ގަޔަށް އިސްރާއީލުގެ އުދުވާނީ ބާރުތަކުން ބަޑިޖަހައި 60 މީހުން ޝަހީދުކޮށް 2،400 މީހުން ޒަޚަމް ކޮށްލާފައި ވާއިރު، އިސްރާއީލުގެ އުދުވާނީ ސިފައިންވަނީ މިއަދުވެސް ފަލަސްތީނު މީހެއްގެ ގަޔަށް ބަޑިޖަހާ ޝަހީދު ކޮށްލާފައެވެ. މިއަދު ޝަހީދުވެފައިވަނީ އުމުރުން 51 އަހަރުގެ މީހެއް ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ